ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(އިން ސުލްހަވެރިކަމާއިއެކު ކުރަމުން ގެންދިޔަ އިހުތިޖާޖުތަކުގައި ފުލުހުން ޣައިރު ޤާނޫނީ ގޮތުން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލަމެވެ.
އެމްޑީޕީއިން ކުރަމުން ގެންދިޔަ އިހުތިޖާޖުތަކަކީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން ސުލްހަވެރިކޮށް ކުރިއަށް ގެންދިޔަ އިހުތިޖާޖެކެއްކަމާއި، ޑިމޮކްރަސީއެއްގައި ބާރުވެރި ފަރާތަކީ ރައްޔިތުންކަމަށްވާއިރު އެރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގުކަމުގައިވާ ވޯޓު ލުމުގެ ޙައްޤު ނިގުޅައިގަތުމުން އެކަމާއި ދެކޮޅު ހެދުމުގެ މި އިހުތިޖާޖުތައް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދަނިކޮށް ފުލުހުންވަނީ ގާނޫނާއި ޚިލާފަށް ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާއި އެކު ބައެއް ބައިވެރިން ހައްޔަރުކޮށްފައެވެ.
މި އަމަލަކީ ރައްޔިތުންނަށް ބިރުދައްކާ، ގާނޫނު އަސާސީއިން ލިބިދޭ މިނިވަންކަން ހަނިކުރުމަށް ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއްކަމުގައިވެސް މި ޕާޓީއިން ދެކެމެވެ. އަދި ޕޮލިސް ކޮމިޝަނަރ ކަމުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒު ގެ އަމުރަށް ފުލުހުން މިފަރާތައް ހައްޔަރުކޮށްފައިވަނީ އެފަރާތައް ސުލްޙަވެރިކަމާއެކު އިހްތިޖާޖު ކުރަމުން ދަނިކޮށް އެއްވެސް ސަބަބަކާނުލައި ފުލުހުންގެ ޔުނިފޯމުގެ ނާޖާއިޒު ބާރުގެ ބޭނުންކޮށްގެން ޣައިރު ޤާނޫނީ ހައްޔަރަކުންނެވެ.
ޢަބްދުﷲ ރިޔާޒު މިފަދައިން އެއްވެސް ހަމައެއް އުސޫލެއް ނެތް ގޮތަށް އަމަލުކުރައްވަމުން ގެންދަވަނީ އޭނާއަކީ ބަޣާވާތުގެ ބައިވެރިއަކަށް ވާތީއާއި ، ކުރިން ވެސް ރައްޔިތުންނަށް ޖިސްމާނީ އަނިޔާކުރައްވާފައިވާ ބޭފުޅަކަށްވާތީއެވެ. އަދި، އަބްދުﷲ ރިޔާޒް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައި ފުލުހުންގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފުވެފައިވާ ބޭފުޅެއްކަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ގެ ތަޙުޤީޤުން ވެސް ވަނީ ސާބިތުވެފައެވެ.
ޤާނޫނާ މުޅިން ޙިލާފުވެފައިވާ މިފަދަ ބޭފުޅަކު އިސްވެހުންނަވައިގެން އިންސާނީ ހައްޤުތަކަށް އަރައިގަނެ ޤާނޫނާ ޚިލާފަށް އެފަރާތްތައް ހައްޔަރުކުރި ކުރުމަށް އިންސާފު ހޯދައިދިނުމަށްޓަކައި މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްއިން މިމައްސަލަ ބައްލަވައިދެއްވުމަށް ގޮވައިލަމެވެ.