ރާއްޖެޓީވީގެ އިމާރާތުގައި އަލިފާން ރޯކޮށްލާ އެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުން

noosbayan

މިއަދުގެ ފަތިހުގެ ވަގުތެއްގައި ރާއްޖެޓީވީގެ އިމާރާތުގައި އަލިފާން ރޯކޮށްލާ އެ ޓީވީ ސްޓޭސަނަށް ހަމަލާދީފައިވާތީ މި ނުބައި ޖަރީމާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ރާއްޖެ ޓީވީގެ އިމާރާތުގައި ރޯކޮށްލާ ދިން އަގު ނުކުރެވޭ ބޮޑު ގެއްލުމާއި އެއިމާރާތް ބަލަހައްޓަން އިން މީހާއަށްދިން އަނިޔާވެރި ހަމަލާއާއި، އެ އިމާރާތުގައި ދިރިއުޅެމުންދާ އެންމެހާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ފަދަ މި އުދުވާނީ އަމަލު އެއީ މި ޕާޓީ ނުހަނު ހިތާމަ ކުރާކަމެކެވެ. އަދި އެ އަނިޔާވެރި އަމަލަކީ މީޑިއާގެ މިނިވަންކަން މިގައުމުން ފޮހެލާ ހުދުމުހުތާރު އަނިޔާވެރިކަން ގައުމުގައި ފެތުރުމަށް ބަޔަކު އަޑީގައި ތިބެ ރާވާފައިވާ ފިނޑި އަދި އެހާމެ ނުރައްކާތެރި އަމަލެއް ކަމުގައި މި ޕާޓީން ދެކެމެވެ.

ދިވެހި އާއްމު ރައްޔިތުންނަށާއި، ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށްދެވޭ މި ފަދަ ބޮޑެތި ހަމަލާތައް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން މި ޕާރޓީން ހިތާމައާއެކު ފާހަގަކުރަމެވެ. އަދި މި ނުބައި އަމަލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް އޮތް ގޮންޖެހުންތަކާއި ނޫސްވެރިންނަށް ރައްކާތެރިކަން ނެތްކަން ހާމަވެގެންދާ ހެއްކެއްކަމުގައި ދެކެމެވެ.

ޤާނޫނު އަސާސީން ފުލުހުންނާ މަތިކޮށްފައިވާ އެންމެ މުޙިއްމު ވާޖިބަކީ މުޖުތަމަޢުގެ އަމަން އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ އެބައިމީހުންގެ މުދަލާ ގެދޮރު ރައްކާތެރިކޮށްދިނުންކަމަށް ވީހިނދު، މިއަދުގެ މި ހިންގި ނުބައި އަމަލުން ރާއްޖެ ޓީވީ އާއި އެޓީވީގެ ނޫސްވެރިންނަށް ރައްކާތެރިކަމެއް ނުލިބި، ފުލުހުން އެމީހުންގެ ދައުރު އަދާކުރުމުގައި ނުކުޅެދިފައިވުމީ މި ޕާޓިން ނުހަނު ކަންބޮޑުވާ ކަމެކެވެ.

އަދި މި ހިނދުން މިހިނދަށް ރާއްޖެ ޓީވީގެ އިމާރާތް ރޯކޮށްލައި މި ދިން ހަމަލާ ވަގުތުން ބަލައި ތަޙްޤީޤްކޮށް، އެ ޖަރީމާ ހިންގި ފަރާތްތަކާއި ރާއްޖެ ޓީވީއަށް ހިމާޔަތް ދިނުމުގައި އިހުމާލް ވިފާރާތްތައް ހޯދާ ޝަރީޢަތުގެ ކުރިމައްޗަށް ޙާޟިރުކުރުމަށް ކަމާބެހޭ ހުރިހާ މުއައްސަސާއަކަށް މި ޕާރޓީން ގޮވާލަމެވެ.

7އޮކްޓޯބަރ 2013

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަަޓް