ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިޔަށް ހިނގަމުންދާ އިންޓަރ ޕާރލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 129 ވަނަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީއާ މިއަދު ބައްދަލުކުރައްވައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ ވިޕް އަދި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރ އީވާ ޢަބްދުﷲ މިރާއްޖޭގެ ސިޔާސީ މަސްރަހާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު މިއޮތް ސަރުކާރުގެ ފުލުހުން އަނިޔާކޮށް ހައްޔަރުކޮށް ގޮނާކުރާ މައްސަލަތައް ހުށަހަޅުއްވައިފިއެވެ.
އީވާ ޢަބްދުﷲ އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީއާ ބައްދަލުކުރައްވައި ހިއްސާކުރެއްވި ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ޤާނޫނު އަސާސީން ލާޒިމުކުރާ ތާރީޚު ފަހަނާޅައި ދިއައިރު ވެސް ދެވަނަ ބުރު ބޭއްވިޔަ ނުދީ، ސްޕްރީމް ކޯޓު މެދުވެރިވެގެން އިންތިޚާބުން ބަލިވި ފަރާތްތަކުން އިންތިޚާބު ހުއްޓުވާފައިވާކަމުގެ މައުލޫމާތާއި، އިލްކެޝަންސް ކޮމިޝަނުގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅައި އަދި އިލެކްޝަންސް ކޮމިޝަން ހިސޯރުކޮށް އެ ކޮމިޝަނުގެ މެމްބަރުންނަށާއި މުވައްޒަފުންނަށް މަރުގެ އިންޒާރުދީ ބިރުދައްކަމުންދާކަމުގެ މައުލޫމާތާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޤާނޫނު އަސާސީގައި ބުނާ ތާރީޚަށް ބޭއްވުމަށް ލާޒިމުކުރާ ޤަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެ ޤަރާރުގެ ބާރުވެރިކަން ކަނޑުވާލާފައިވާ ކަމުގެ މައުލޫމާތާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ ގެކޮޅުގެ ގަރާޖުގައި އޮތް ކާރުކޮޅުގައި އަލިފާން ރޯކުރިކަމުގެ މައުލޫމާތާއި، އެމަނިކުފާނަށް ނުރައްކާތެރި އިންޒާރުތައް ދެމުން ދިއަކަމުގެ މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ.
އަދި އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕަށް ނިސްބަތްވެވަޑައިގަންނަވާ ލީޑަރޝިޕުގެ ބޭފުޅުން ފެށިގެން އެނޫން ވެސް މެމްބަރުން ހައްޔަރުކޮށް އަނިޔާކޮށް އަދި އެކިއެކި ދޮގު އިލްޒާމްތައް އަޅުވައި ދައުވާތައްކުރަމުންދާ މައްސަލަ ވެސް އީވާ ޢަބްދުﷲ ވަނީ އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީއަށް މިއަދު ހުށަހަޅުއްވާފައެވެ. މީގެ އިތުރުން އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްކުރުމަށް ޕީ.ޕީ.އެމް ގެ ފަރާތުން ސްޕްރީމް ކޯޓު މެދުވެރިވެގެން މަސައްކަތްކުރަމުން ދާކަމުގެ މައްސަލަ ވެސް ޙުށަހަޅުއްވާފައިވެއެވެ.
އީވާ ޢަބްދުﷲ އަކީ އައި.ޕީ.ޔޫ ގެ އަންހެނުންގެ ކޮމެޓީއަށް އޭޝިއާ ފެސިފިކުން އައްޔަނުކޮށްފައިވާ މެމްބަރެވެ. އައި.ޕީ.ޔޫ ގެ މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް ޢަބްދުﷲ ޝާހިދު ވެސް ވަނީ ޖެނީވާއަށް ވަޑައިގެންނެވެ. އައި.ޕީ.ޔޫ ގެ 129 ވަނަ އެސެމްބްލީ ޖެނީވާގައި ކުރިޔަށްދާނީ މިމަހުގެ 7 އިން ފެށިގެން 9 އަށެވެ.