ޅ.ކުރެންދޫ އިން 100 މެންބަރޝިޕް ފޯމު މިއަދު އެމްޑީޕީގެ ސެކްރެޓޭރިއަޓާ ހަވާލުކޮށްފި

8 ސެޕްޓެމްބަރ 2010

އުތުރު ޕްރޮވިންސްގެ ޅ.ކުރެންދޫ އިން 100 މެންބަރޝިޕް ފޯމު މިއަދު އެމްޑީޕީގެ ސެކްރެޓޭރިއަޓާއި ހަވާލުކޮށްފިއެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓްގެ ފަރާތުން މިފޯމުތަކާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ވިދާޅުވީ ” އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާ ހަލުވި ސްޕީޑެއްގައި އިތުރުވަމުން ދިއުމަކީ ދިވެހި ސަރުކާރާއި، މިޕާޓީއަށް ރައްޔިތުންކުރާ ތާޢީދު އިތުރުވަމުންދާ މިންވަރު ރަމްޒުކޮށްދޭ ކަމެއް.” ކަމަށެވެ. އަދި މިކަމަށްޓަކައި އަލަށް އެމްޑީޕީއާ ގުޅިވަޑައިގަންނަވަމުން ގެންދަވާ ފަރާތްތަކަށާއި، މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެލައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުދަންނަވާ ކަމަށް ޝާހް ވިދާޅުވިއެވެ.
އިއްޔެ ވެސް އެމްޑީޕީން ވަނީ 500 އަށްވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައެވެ. އަދި މިހާރު އެމްޑީޕީއަކީ ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ވެސް މެއެވެ.
މި ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައިވާ އެމްޑީޕީގެ ސައްހަ މެންބަރުންގެ އަދަދަކީ 39112 އެވެ. އެމްޑީޕީއާ އެންމެ ކައިރިން ވާދަކުރާ ޑީއާރުޕީގައި 38337 ތިބި އިރު، 3 ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީކަމަށްވާ އަދާލަތު ޕާޓީގައި ތިބީ 6116 މެންބަރުންނެވެ.
އެމްޑީޕީގެ ކޮންގަރެސް މިއަންނަ އޮކްޓޫބަރު މަހުގެ 28، 29 އަދި 30 މި 3 ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީގެ މެންބަރުންދަނީ މެންބަރޝިޕް އިތުރުކޮށް، ގޮފި އިތުރުކުރުމުގެ މަސައްކަތްކުރަމުންނެވެ. ކޮންގްރެސްގައި ބައިވެރިވެވޭނީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވެފައިވާ ގޮފިތަކަށެވެ. އަދި މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުދެވެނީ ވެސް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެމްޑީޕީން ބުނެއެވެ.