މިއަދު ހެނދުނު ހދ. ކުޅުދުއްފުށީ ބަތަލާފަރު އުމުރުން އެއްމެ 18 އަހަރުގެ ޒުވާން މުޙައްމަދު އަބްދުﷲ ހިތާމަވެރި ހާދިސާގައި ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމާގައި އެރަށުގައި މިރޭ ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ އާއްމު ޖަލްސާ މިހާރު ވަނީ ކެންސަލް ކޮށްފައެވެ.
ކުޅުދުއްފުށީ މިރޭ ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ އާއްމު ޖަލްސާ މިހާރު ކެންސަލް ކުރެވިފައިވީ ނަމަވެސް މިރޭގެ ލ. އަތޮޅު ގަމުގައި އަދި އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބާއްވާ އާއްމު ޖަލްސާ ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވި، ތޮއްޑޫ ދާއިރާ ގެ މަޖިލިސް މެމްބަރ އަދި އެމްޑީޕީގެ ޕާލިއަމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރ ޢަލީ ވަޙިދު އަދި ޓީމު މިހާރު ދަތުރު ކުރައްވަމުން ގެންދަވަނީ ނ. މަނަދޫގައި އާއްމު ޖަލްސާ ބޭއްވެވުމަށެވެ.
މިރޭގެ ނ. މަނަދޫ އާއްމު ޖަލްސާގައި މެމްބަރ ޢަލީ ވަޙިދާއި އެކު، ބިލެއްދޫ ދާއިރާގެ މަޖިލިސް މެމްބަރ އަލްއުސްތާޛް އަހަމަދު ހަމްޒާއާއި، ޑީއާރޕީގެ މަޖިލިސް މެމްބަރ ވިސާމް އަލީއާއި، މިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރ އަލީ ރިޒާއާއި، މަނަދޫ ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ތޯރިގާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ރަޝީދު(ކުބޭ)އާއި، އެމްޑީޕީގެ ކުރީގެ ރައިސް އިބްރާޙިމް އިސްމާޢިލް އަދި މުޙައްމަދު ސަފީގު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ލ. އަތޮޅު ގަމުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދާއި، ޑީއާރޕީގެ ލީޑަރ ތަސްމީނު ޢަލީއާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރ އަދި ލ. އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓަރ އަލްއުސްތާޛާ މާރިޔާ ދީދީއާއި، ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު އަސްލަމާއި، ރައިސް ނަޝީދު ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ޙަސަން ލަތީފްއާއި، ރައިސް ނަޝީދުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިސަލްއާއި، ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ތޮއްޔިބު މުޙައްމަދާއި، ހެންވޭރު ދެކުނު ދާއިރާގެ ރައީސް ހުސެއިން ޝަހީމުއާއި، އިސްދޫ ދާއިރާގެ ރައީސް އުމަރު އަބްދުލް ރައްޒާގާއި، ލ. ގަމު ދާއިރާގެ ރައީސް ރަޤީބު އަލީއާއި، މާފަންނު އުތުރު ދާއިރާގެ ރައީސް މުޙައްމަދު ޒިޔާދު އަދި ކެމްޕެއިންގެ އިސް ހަރަކާތްތެރިންނާއި، ލ. އަތޮޅުގެ އެމްޑީޕީގެ މެމްބަރުންނާއި އަދި ތާއީދުކުރައްވާ ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކާއި، ޑީއާރޕީގެ ނައިބު ލީޑަރ ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރ ރޮޒެއިނާ އާދަމްއާއި، ޑީއާރޕީގެ މަޖިލިސް މެމްބަރ މުޙައްމަދު ނާޝިޒުއާއި، އެމްޑީޕީގެ ޕާލިއަމަންޓްރީ ގްރޫޕުގެ މަޖިލިސް މެމްބަރ އަޙްމަދު އަބްދުﷲއާއި، މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ނާޒިމްއާއި އަދި ފެދޫ ދައިރާގެ މަޖިލިސް މެމްބަރ އަލްޙާން ފަޙުމީ މިއަދު ހަވީރު އައްޑޫ ސިޓީއަށް ފުރާވަޑައިގަންނަވާނެއެވެ.