ރައީސް ނަޝީދު ލާމު އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް ފައްޓަވައިފި!

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ލާމު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް މިއަދު (3 އޮކްޓޯބަރ 2013) ފައްޓަވައިފިއެވެ.
މިއަދު ފެއްޓެވި މި ދަތުރުފުޅުގައި ހެނދުނު ކައްދޫ އެއަރޕޯރޓަށް ވަޑައިގަތުމާއެކު ރައީސް ނަޝީދަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު އެމްޑީޕީގެ ކެމްޕެއިން ޖަގަހަތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މިގޮތުން އެންމެ ފުރަތަމަ އެމަނިކުފާނު ޒިޔާރަތްކުރެއްވީ ފޮނަދޫ ޖަގަހައަށާއި މުކުރިގަމު ޖަގަހައަށެވެ. އެއަށްފަހު މެދުއަވަށު ކަންމަތީ ބައްދަލުވުމުގައި ރައީސް ނަޝީދުވަނީ މުޙާތަބުކުރައްވާފައެވެ. އަދި
މިއަދުގެ މެންދުރުފަހު ގަން މުކުރިމަގު ޖަގަހަ، ގަން އާބާދު ޖަގަހަ، ގަން ތުނޑި ޖަގަހަ އަދި ގަން މަތިމަރަދޫ ޖަގަހައަށް ޒިޔާރަތްކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިޖަގަހަތަކަށް ވަޑައިގެން ކެމްޕެއިންގެ މަސައްކަތް ކުރިއަށް ދާގޮތް އޮޅުންފިލުއްވައި އެމްޑީޕީއަށް ތާއިދު ކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއީދު ކުރަން ނިންމަވައިފައިވާ ފަރާތްތަކާއިވެސް ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން އެޖަގަހަތަކުގައި ރައްޔިތުންނާއި މުޙާތަބުކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.

މިރޭ ގަމު ތުނޑީ ސަރަހައްދުގައި އޮންނަ ރޭގަނޑު ފަރިއްކޮޅަށްފަހު، ހާއްސަ ޖަލްސާއެއް އެރަށު ބައިބަލާ ކޯޓުގައި އޮންނާނެއެވެ. މިޖަލްސާގައި އެމްޑީޕީގެ އިސްވެރިންނާއި، ކެމްޕެއިން އޮފިޝަލުން އަދި ތާއީދު ކުރައްވާ ފަރާތްތަކަށްވަނީ ދައުވަތުއަރުވާފައެވެ.

ރައީސް ނަޝީދުގެ އަރިއަހުގައި ލ. އަތޮޅުގެ މި ކެމްޕެއިން ދަތުރުފުޅުގައި، ޑީއާރޕީގެ ލީޑަރ ތަސްމީނު ޢަލީ، މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރ އަދި ލ. އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓަރ އަލްއުސްތާޛާ މާރިޔާ ދީދީ، ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު އަސްލަމް، ރައިސް ނަޝީދު ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ޙަސަން ލަތީފު، ރައިސް ނަޝީދުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިސަލް، ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ތޮއްޔިބު މުޙައްމަދު، ހެންވޭރު ދެކުނު ދާއިރާގެ ރައީސް ހުސެއިން ޝަހީމު، އިސްދޫ ދާއިރާގެ ރައީސް އުމަރު އަބްދުލް ރައްޒާގު، ލ. ގަމު ދާއިރާގެ ރައީސް ރަޤީބު އަލީ އަދި މާފަންނު އުތުރު ދާއިރާގެ ރައީސް މުޙައްމަދު ޒިޔާދު ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ނަޝީދު ލާމު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ (4 އޮކްޓޯބަރ 2013) ހެނދުނެވެ.