ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ އާއި ޝިފާ މުޙައްމަދާއި އިތުރު އަންހެން ބޭފުޅުންތަކެއް ހައްޔަރުކުރި މައްސަލަ ކުށްވެރިކުރުން

noosbayan

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހުއްޓުވާފައިވާތީ ވޯޓުގެ ޙައްޤު ހޯދުމަށް ގޮވާލައި މިއަދު ހަވީރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ އަންހެނުންގެ ރޫޙުގެ ފަރާތުން އިންތިޒާމުވުކޮށްގެން ބޭއްވި މުޒާހަރާގައި އެމް.ޑީ.ޕީގެ ޕާރލަމެންޓްރީ ގްރޫޕުގެ ވިޕް އަދި ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރ އަދި ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެމްބަރުގެ އިތުރުން އިންޓަރ ޕާރލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ އަންހެނުންގެ ކޮމެޓީއަށް އޭޝިއާ ޕެސިފިކުން އައްޔަނުކޮށްފައިވާ މެމްބަރ އީވާ ޢަބްދުﷲ އާއި އެމް.ޑީ.ޕީ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދާއި އަދި އިތުރު އެހެން އަންހެން ބޭފުޅުން ޣައިރު ޤާނޫނީ ގޮތުން ހައްޔަރުކޮށްފައިވާތީ އެކަން މި ޕާރޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
ޕޮލިސް ކޮމިޝަރ ކަމުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒު ގެ އަމުރަށް ފުލުހުން މިއަދު އީވާ ޢަބްދުﷲ އާއި ޝިފާ މުޙައްމަދާއި އަދި އިތުރު އެހެން އަންހެން ބޭފުޅުން ހައްޔަރުކޮށްފައިވަނީ އެބޭފުޅުން ސުލްޙަވެރިކަމާއެކު މުޒާހަރާކުރަމުން ދަނިކޮށް އެއްވެސް ސަބަބަކާނުލައި ފުލުހުންގެ ޔުނިފޯމުގެ ނާޖާއިޒު ބާރުގެ ބޭނުންކޮށްގެން ޣައިރު ޤާނޫނީ ހައްޔަރަކުންނެވެ.
އީވާ ޢަބްދުﷲ ހައްޔަރުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ ވޯޓަކަށް ހުށަހެޅިފައިވާ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހައްޔަރުކޮށްގެން ނުވާނެކަމަށެވެ. މަޖިލީހުގެ ޤަވާޢިދުގައި ސާފުކޮށް އެގޮތަށް ބުނާއިރު، އަދި ޑިފެންސް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ނާޒިމާއި ބަންޑާރަ ނާއިބު ކަމުގެ މަޤާމުގައި ހުންނެވި އާޢިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓަށް ހުށަހެޅި، އެދެބޭފުޅުންނަށް މިހާރު ނޯޓިސް ދެވިފައިވާއިރު، އީވާ ޢަބްދުﷲ ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ ޤަވާޢިދާ ވެސް ކަނޑައެޅިގެން ޚިލާފަށްކަމަށް ފާހަގަކުރަމެވެ. އަދި އެއީ އިތުބާރު ނެތްކަމަށް ހުށަހެޅިފައި އެވާ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި އިންތިޚާބަކާނުލައި ވެރިކަމުގައި މިހާރު މިއޮތް ސަރުކާރުން ހިންގި ޣައިރު ޤާނޫނީ އަމަލެއްކަމަށް ޤަބޫލުކުރަންޖެހެއެވެ.
އީވާ ޢަބްދުﷲ މިގޮތަށް ޣައިރު ޤާނޫނީ ހައްޔަރަކުން ހައްޔަރުކޮށްފައިވާއިރު، އެކަމަނާ ވަނީ އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުމަކަށް މާދަމާ ފުރާވަޑައިގަތުމަށް ވެސް ހަމަޖެހިފައެވެ. ނަމަވެސް ޢަބްދުﷲ ރިޔާޒުގެ މި އަމަލުގެ ސަބަބުން މި ދަތުރުފުޅަށް ވެސް ހުރަސް އެޅިފައިވާކަން ފާހަގަކުރަމެވެ.
ދިވެހި ރައްޔަތުންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވޯޓުލައިގެން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގެ ޙައްޤަށް އަބުރު ގެއްލި، ފަސާދަވެ، އަދި ބްލެކްމޭލް ކުރެވިފައިވާކަމަށް ތުހުހުމަތުކުރެވޭ ސްޕްރީމް ކޯޓެއް މެދުވެރިކޮށް ބައެއް ސިޔާސީ ޕާރޓީތަކުން އަރައިގަނެފައިވާއިރު، ރައްޔިތުންގެ ވޯޓު ލުމުގެ ޙައްޤު އެގޮތަށް ހިފަހައްޓައިގެން ތިބުމަށް ޢަބްދުﷲ ރިޔާޒު ބާރުވެރިކަން ދިނުމުގެ ގޮތުން ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަންދޫބުންނާއި އާންމު ރައްޔިތުން ހިފާ ހައްޔަރުކޮށް އަނިޔާކުރަމުންދާކަން މިޕާރޓީން ފާހަގަކުރަމެވެ.
ޢަބްދުﷲ ރިޔާޒު މިފަދައިން އެއްވެސް ހަމައެއް އުސޫލެއް ނެތް ގޮތަށް އަމަލުކުރައްވަމުންދާ ސަބަބަކީ އޭނާއަކީ ބަޣާވާތުގެ ބައިވެރިއަކަށް ވާތީއާއި ، ކުރިން ވެސް ރައްޔިތުންނަށް ޖިސްމާނީ އަނިޔާކުރައްވާފައިވާ ބޭފުޅަކަށްވާތީއާއި، އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައި ފުލުހުންގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފުވެފައިވާ ބޭފުޅެއްކަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ގެ ތަޙުޤީޤުން ވެސް ސާބިތުވާ ބޭފުޅަކަށްވާތީއާއި، އަދި މިހާރު މުޅިން ގޮތް ހުސްވެފައިވާ ބޭފުޅެއްކަމަށްވާތީކަމުގައި ދެކެމެވެ.
ވީމާ، ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރ އީވާ ޢަބްދުﷲ އާއި އެމް.ޑީ.ޕީ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދާއި އަދި މިނޫން ވެސް މިއަދުގެ އަންހެނުންގެ މުޒާހަރާއިން ޣައިރު ޤާނޫނީ ގޮތުން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވާލަމެވެ. އަދި މި ޣައިރު ޤާނޫނީ ހައްޔަރުތަކުގެ މައްސަލަ ބައްލަވާދެއްވުމަށް ޕްރޮސިކިޔުޓަރ ޖެނެރަލާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނަށް ވެސް މި ޕާރޓީން ގޮވާލަމެވެ.
1 އޮކްޓޯބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް