ގައުމީ މަޖިލީހުން ފާސްކުރި ގަރާރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތުގެ މައުލޫމާތު ދެއްވައިފި!

އިއްޔެ (29 ސެޕްޓެމްބަރ 2013) ބޭއްވުނު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 119 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ފާސްކުރެވުނު ގަރާރު ތަންފީޒުކުރުމަށް ޕާޓީގެ ލީޑަރޝިޕްއިން ނިންމައިފައިވާ ނިންމުންތަކާއި، އަމަލުކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތުގެ މައުލޫމާތު ދެއްވައިފިއެވެ. މި މައުލޫމާތު ދެއްވީ މިއަދު (30 ސެޕްޓެމްބަރ 2013) އެމްޑީޕީ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޕާރލިމެންޓްރީ ގްރޫޕްގެ މެންބަރު މާރިޔާ އަހްމަދު ދީދީ އާއި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރ މުހައްމަދު އަސްލަމްއެވެ.
ޕާޓީގެ ލީޑަރޝިޕުން މިދެބޭފުޅުންނާއި އަދި ޕާރލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް އާއި ހަވާލުކުރައްވައިފައި ވަނީ ގަރާރުގެ 3 ވަނަ ޕޮއިންޓްގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެ 11 ނޮވެމްބަރ ވާއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެއްޖެނަމަ އެމަގާމަށް އެމްޑީޕީގެ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު އައްޔަންކުރުމަށް ސިފައިންނާއި ފުލުހުންގެ އެއްބާރުލުން ހޯދުމެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މިހާރު ގާއިމްކޮށްފައިވަނީ ރައްޔިތުންގެ ވެރިކަމެއްކަމަށާއި، މިވެރިކަމުގައި ރައީސަކަށް ހުންނަންޖެހޭނީ ސުޕްރީމް ކޯޓުން ކަނޑައަޅައި މީހެއްނޫންކަމަށެވެ. މާއްދާއެއް ސަސްޕެންޑްކޮށް ނުވަތަ އެއަށް އަމަލުކުރުން ފަސްކުރުމުގެ ބާރު އެކޯޓަށް ލިބިގެންނުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
11 ނޮވެމްބަރގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެފައި އޮތުމަކީ ގާނޫނު އަސާސީ ތަސައްވަރުކޮށްފައި އޮތްކަމެއް ނޫންކަން ފާހަގަކުރައްވާ ބައްދަލުވމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ މިހާލަތުގައި ބާރުވެރި ފަރާތަކީ ރައްޔިތުންކަމަށާއި، ރައްޔިތުންގެ ބަސް ފުރަތަމަ ބުރުގެ ނަތީޖާއިން ފެންނަން އެބައޮތްކަމަށެވެ. އަދި މިހާލަތުގައި ރައީސެއް ނެތްނަމަ ގާނޫނު އަސާސީގެ 237 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތްތަކަށް ލާޒިމްކުރާ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރަން ހުރަސްއެޅޭނެކަމަށާއި، އެކަން އެހެން ވިޔަ ނުދީ ގައުމާއި ސަރަހައްދުގެ ރައްކާތެރިކަމަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަން ޖެހޭނެކަމަށް މާރިޔާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވަނީ އިދިކޮޅު ކެނޑިޑޭޓުގެ ރަނިންމޭޓް އެމްޑީޕީ އިންތިޚާބު ކާމިޔާބު ކުރިޔަސް ވެރިކަން ހަވާލުނުކުރާނެކަމަށް ބުނި ވާހަކައަށް އިޝާރާތްކުރައްވައިފައެވެ. އަދި މިގޮތުން ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލަތަކަކީ އެއީ ހަގީގީ ވާހަކަތައްކަން ހާމަކޮށްދޭ ހެކިތަކެއްކަމަށް ވިދާޅުވިއެވެ.
7 ފެބްރުއަރީ ގައި ބަޣާވާތްކުރީ ފުލުހުންނާއި ސިފައިންގެ ތެރެއިން ގިނަ ބަޔަކަށް އޮޅުވާލުމަށްފަހުގައިކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ ރައީސް ނަޝީދުގެ ސިޓީފުޅު ފުރަތަމަ ބުރުގެ ކެމްޕެއިންގައި އެބޭފުޅުންނަށް ރައްދުކޮށްދިނުމުން ވަރަށް އެދެވޭ ޖަވާބު ލިބިގެން ދިޔަކަމަށެވެ. އަދި އެމްޑީޕީއަކީ ދޮރުން ދޮރަށް ހިނގާ ރައްޔިތުންގެ ހާލު އަބަދުވެސް ބަލާ ޕާޓީއެއްކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިމުމުން ޗެއަރޕަރސަން މޫސާ މަނިކު ވަނީ ނޫސްވެރިންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޗެއަރޕަރސަންގެ ވާހަކަފުޅުގައި ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަ ފަތުރާތީ އެކަން ނުކުރުމަށް އެދިލެއްވިއެވެ. އެމްޑީޕީއަކީ އަބަދުވެސް އަނިޔާވެރިކަމާއި ދެކޮޅު ހަދާ ޕާޓީއެއްކަން ތަކުރާރުކުރައްވާ އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންނަށް އަބަދުވެސް އެމްޑީޕީއިން އިހްތިރާމްކުރާނެކަމަށެވެ. އެެމްޑީޕީގެ ސަޕޯރޓަރުން މިހާރު މާޔޫސްކަމުގައި ނުތިއްބެވުމަށްވެސް ޗެއަރޕަރސަން ވާހަކަފުޅުގައި ވިދާޅުވިއެވެ.