އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ޢަލީ ވަޙީދަށް މަރުގެ އިންޒާރުދިނުމަށްފަހު ކާރުކޮޅަށް ހަމަލާދިން މައްސަލަ ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ އަދި ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދަށް މީގެ ދެދުވަސް ކުރިން ބަޔަކު މަރުގެ އިންޒާރު ދީފައި ވަނިކޮށް މިއަދުގެ ހަވީރުގެ ވަގުތެއްގައި އެމަނިކުފާނުގެ ކާރުކޮޅު މަގުމަތީގައި ޕާރކްކޮށްފައި ވަނިކޮށް އެކާރުކޮޅަށް ބަޔަކު މީހުން ހަމަލާދީ ބިއްލޫރިގަނޑު ތަޅާލައި ސުންނާފަތިކޮށްފައިވާތީ، އެ ޢަމަލު އެމް.ޑީ.ޕީ އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
ޢަލީ ވަޙީދުގެ ކާރުކޮޅަށް މިގޮތަށް ޙަމަލާދީ ބިއްލޫރިގަނޑު ތަޅާލައި ސުންނާފަތިކޮށްފައިވަނީ ބަޔަކު މީހުން ދުރާލާ ރާވައި، އެފަދަ ފުރުސަތެއްގެ ދަނޑިވަޅު ބަލައި ހޯދުމަށްފަހުގައި ކަމަށް ޤަބޫލުކުރެވެއެވެ. އަދި މިއަމަލަކީ އިދިކޮޅު ސިޔާސީ ފަރާތްތަކަކުން އަޑީގައި ތިބެގެން ހިންގާފައިވާ އަމަލެއްކަމުގައި ވެސް ޤަބޫލުކުރެވެއެވެ.
އެމް.ޑީ.ޕީ ގެ ޕާރލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ އަދި ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދުގެ ކާރުކޮޅަށް މީގެ ކުރިން ވެސް ވަނީ ހަމަލާދީ ވަރަށް ބޮޑެތި ގެއްލުންތަކެއް ކޮށްފައިކަން ފާހަގަކުރަމެވެ. އަދި އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައި ވީނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލަ ތަޙްޤީޤްކޮށް އެމައްސަލާގައި ވީގޮތެއް އެމަނިކުފާނަށް އަންގާފައި ނުވާކަން ފާހަގަކުރަމެވެ. އަދި އެބާވަތުގެ ނުރައްކާތެރި ހަމަލާތައް ތަކުރާރުވަމުން އެދަނީ މައްސަލަ ތަޙްޤީޤްކޮށް ފިޔަވަޅު ނާޅާތީކަމަށް ޤަބޫލުކުރަން ޖެހެއެވެ. އެހެންކަމުން އެއީ ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރިޔާޟަށް ރަނގަޅަށް އެގިވަޑައިގެން ހިންގާ ޖަރީމާތަކެއްކަމަށް ދެކެމެވެ.
އެމް.ޑީ.ޕީ ގެ ޕާރލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ އަދި ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދަށް މަރުގެ އިންޒާރުދީ، އެމަނިކުފާނުގެ ކާރުކޮޅަށް ބަޔަކު މީހުން ހަމަލާދީ ބިއްލޫރިގަނޑު ތަޅައި ސުންނާފަތިކޮށްފައިވާ މައްސަލަ މި ޕާރޓީން ކުށްވެރިކުރާހިނދު، އެ ފަދަ ނާތަހުޒީބީ ފިނޑި އަމަލު ހިންގުން ވަގުތުން ހުއްޓާލުމަށް އެފަދަ ކަންކަން ކުރާ ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ. އަދި ވަކި ފަރާތްތަކަކުން ހުށަހަޅާ މި މިބާވަތުގެ ޖިނާއީ މައްސަލަތަކުގެ ތަޙްޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގައި ފިޔަވަޅު އަޅަމުން ނުދާތީއާއި، ވަކި ފަރާތްތަކަކަށްވީތީ ރައްކާތެރިކަމެއް އެ ސަރވިސް އިން ނުދޭތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާ މެދު މައްސަލަ ބައްލަވައިދެއްވުމަށް ޕްރޮސިކިޔުޓަރ ޖެނެރަލާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނަށް މި ޕާރޓީން ގޮވާލަމެވެ.

29 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް