މިއަދު (29 ސެޕްޓެމްބަރ 2013) ބޭއްވުނު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމި މަޖިލީހުގެ 119 ވަނަ ޖަލްސާގައި ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާ، އެމްޑީޕީއިން ދެން ކުރިއަށްދާނޭ ގޮތެއް ބަޔާންކުރާ ގަރާރެއް ފާސްކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވުނު މިޖަލްސާގައި ގަރާރު ފާސްވެފައިވަނީ ވަޑައިގެންތިއްބެވި 78 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އިއްޔެ (28 ސެޕްޓެމްބަރ 2013) ބޭއްވުނު ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގައި ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ނިންމި ނިންމުމެއްގެ މަތިން އެމްޑީޕީ ސަރުކާރުގެ ރައީސްގެ ހާއްސަ އެންވޯއީ އިބްރާހިމް ހުސެއިން ޒަކީ އިސްވެހުންނަވައި އެކަށައެޅުއްވި ދެލިކޮޕީ ޤައުމީ މަޖިލީހަށް ހުށައަޅުއްވައި ދެއްވީ ޕާޓީގެ ޗެއަރޕަރސަން މޫސާ މަނިކެވެ.
މިއަދުގެ ޖަލްސާއަށް ގަރާރު ހުށައެޅުއްވުމަށްފަހު ޤައުމީ މަޖިލީހުގެ މެންބަރުންވަނީ މިގަރާރާއި މެދު ބަހުސްކޮށްފައެވެ. މިބަހުސްގައި މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ވަމުންދާ އަނިޔާއާއި، އަދި މިފަދަ ގަރާރެއް ފާސްކުރުމުގެ މުހިންމުކަމަށް މެންބަރުން ވާހަކަފުޅުދެއްކެވިއެވެ. އަދި މިހާރު ކަންތައްތައް ވަމުންދާ ގޮތުން 11 ނޮވެމްބަރ ވާއިރު ރައީސުލްޖުމްހޫރިއްޔާ އެއް ނުހޮވިއްޖެނަމަ ވެރިކަން ހިންގުމުގެ ބާރު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސް ގައުމަށް ބުރޫއަރާނޭކަން ފާހަގަކުރެއްވިއެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުމަށް ދިވެހިން މަސައްކަތްކުރާތާ ލައްކަ ދުވަސްވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ވާދަވެރީން ތިބީ އިންތިޚާބެއް ބާއްވަން ތައްޔާރަށް ނޫންކަމަށާއި، އިދިކޮޅު ފަރާތްތަކުން ތިބީ ކޮންމެ ގޮތެއް ހަދައިގެންވެސް އެމްޑީޕީއަށް ވެރިކަން ނުދޭން ތައްޔާރަށްކަމަށް ވިދާޅުވިއެވެ. މިސަބަބަށްޓަކައި އިންތިޚާބު ބޭއްވޭނެ ތަނެއް ނެތްކަމަށް ފެންނަކަމަށާއި، އެހެންކަމުން އިންތިޚާބަކަށް ދިޔުމަށްވުރެ ވެރިކަން ބަދަލުކުރަން އުޅެން ފެންނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނީ ކޮންބަޔަކަށްކަން ވިސްނަވައި ރަނގަޅު އަތަށް އެރުމަށް ސަލާމަތީ ބާރުތަކަށް ގޮވައިލެއްވިއެވެ.
ޤައުމީ މަޖިލީހުން ފާސްކުރެވުނު ގަރާރުގައި އެމްޑީޕީގެ ކެމްޕެއިން ކުރިއަށް ގެންދިޔުމަށާއި، އަދި ދެވަނަ ބުރުގެ އިންތިޚާބު ބޭއްވޭނެ ތާރީޚެއް ލިބެންދެން ސުލްހަވެރި އިހުތިޖާޖު ކުރިއަށް ގެންދިޔުމަށާއި، 11 ނޮވެމްބަރ ގައި އިންތިޚާބުކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާއެއް ނެތްނަމަ 7 ސެޕްޓެމްބަރ ގައި ބޭއްވުނު އިންތިޚާބުގެ ނަތީޖާއަށް ބަލައި ދިވެހި ރައްޔިތުން ނިންމީ ރައީސް ނަޝީދަށް ތާއީދުކުރުމަށްކަމަށް ވީއިރު އެމްޑީޕީގެ ސަރުކާރެއް އުފެއްދުމުގެ މަސައްކަތްކުރުމަށް ހިމެނިފައިވެއެވެ.