އިޢުލާން: އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބު 2010ގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކްކޮށް އެސްއެމްއެސް މެދުވެރިކޮށެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްކަމުގައިވާ 24 ސެޕްޓެމްބަރ 2010ވާ ހުކުރުދުވަހު އެމްޑީޕީގެ ކޮންމެ މެމްބަރަކަށްވެސް މިއިންތިޚާބުގައި ބައިވެރިވެވޭނެއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ކޮންމެ ރަށެއްގައި އެރަށެއް ހިމެނޭ ދާއިރާއެއްގެ ކެނޑިޑޭޓުންނަށް ވޯޓުލެވޭނޭ ޕޯލިންގ ސްޓޭޝަނެއް ޤާއިމްކުރެވޭނެއެވެ. އަދި މާލޭގައި މާލޭ ދާއިރާތަކާއި އަތޮޅުތަކުގެ ދާއިރާތަކަށް ވޯޓުލުމަށް ޕޯލިންގ ސްޓޭޝަންތައް ޤާއިމްކުރެވޭނެއެވެ. މެމްބަރަކު ވޯޓުލުމަށްޓަކައި ޕޯލިންގ ސްޓޭޝަނަށް ދާންވާނީ އެމެމްބަރެއްގެ އައިޑީކާޑު ހިފައިގެންނެވެ. ޕޯލިންގ ސްޓޭޝަނަށް ގޮސް، އެތަނުގައި ތިއްބަވާ އޮފިޝަލުންނަށް އައިޑީ ކާޑު ދެއްކުމުން:

1. މެމްބަރަކީ އެދާއިރާގެ މެމްބަރެއްތޯއާއި އަދި އެދާއިރާގެ ވޯޓުލާ މީހުންގެ ލިސްޓުގައި އެމެމްބަރަކު އޮތްތޯ ބަލައި،
2. އެމެމްބަރު ވޯޓުލާ މީހުންގެ ލިސްޓުގައިވާނަމަ، ލިސްޓުގައި ފާހަގަޖަހައި ވޯޓުލުމަށް ޕޯލިންގ ސްޓޭޝަނުގައި ބޭއްވިފައިވާ ފޯނު މެމްބަރާއި ހަވާލުކުރުމުން،
3. ޕޯލިންގ ސްޓޭޝަނުން ވޯޓުލުމަށްޓަކައި ހަދާނޭގޮތް ދައްކައިފައިވާ އިރުޝާދުތަކާއި އެއްގޮތަށް އެމެމްބަރަކު ބޭނުން ކެނޑިޑޭޓުންތަކަށް ވޯޓުލުމަށް އެސްއެމްއެސް ކުރުމުން،
4. ޞައްޙަ ވޯޓެއްނަމަ އެއީ ޞައްޙަ ވޯޓެއްލެވުނުކަމުގެ މެސެޖު ލިބުމުން އެމެމްބަރަކަށް އެ ވޯޓުލެއްވި ކެނޑިޑޭޓުންނަށް ވޯޓުލެވުނީއެވެ.
5. ޞައްޙަ ވޯޓެއްނޫންނަމަ ޞައްޙަނޫންކަމުގެ މެސެޖު ލިބުމުން އެމެމްބަރަކަށް ޞައްޙަ ވޯޓެއްލުމަށް އަލުން އެސްއެމްއެސް ކުރަން ފުރުޞަތު ދެވޭނެއެވެ.
6. ކޮންމެ މެމްބަރަކަށްވެސް ލެވޭނީ ޞައްޙަ އެއް ވޯޓެވެ އަދި ވޯޓުލެވޭނީ އެމްޑީޕީ ސެކްރެޓޭރިއަޓްގައި އެމީހަކު ވޯޓުލުމަށްޓަކައި ރަޖިސްޓްރީކޮށްފައިވާ ފޯނު ނުވަތަ ޕޯލިންގް ސްޓޭޝަނެއްގައިވާ ފޯނަކުންނެވެ.

ވޯޓުލުމަށްޓަކައި ޕޯލިންގ ސްޓޭޝަންތަކަށް ދުރުވަން ބޭނުންނުވާ މެމްބަރުން 15 ސެޕްޓެމްބަރުގެ ކުރިން ވޯޓުލުމަށް ރަޖިސްޓްރީކުރަންވާނެއެވެ. ރަޖިސްޓްރީކުރުމަށްޓަކައި ދާއިރާތަކުގެ އިންތިޚާބަށް ވޯޓުލުމަށް ރަޖިސްޓްރީކުރާ ފޯމު ފުރިހަމަކުރުމަށްފަހު އެމްޑީޕީ ސެކްރެޓޭރިއަޓަށް އެމެމްބަރެއްގެ އައިޑީކާޑުގެ ސާފު ކޮޕީއަކާއިއެކު ފޮނުވާށެވެ. މިފޯމާއި އައިޑީކާޑުގެ ކޮޕީ ފެކްސްއިން (ފެކްސް: 3322960) ނުވަތަ އީމެއިލްއިން (އީމެއިލް: register@mdp.org.mv) ވެސް ފޮނިވިދާނެއެވެ. މިގޮތަށް ވޯޓުލުމަށް ރަޖިސްޓްރީކުރުމުން އެމެމްބަރަކަށް ކޮންމެ ތަނެއްގައި ހުރިނަމަވެސް އިންތިޚާބުގައި ވޯޓުލެވޭނެއެވެ. ވޯޓުލެވޭނީ އެރަޖިސްޓްރީކުރާ ފޯނުނަންބަރު ބޭނުންކޮށްގެންނެވެ. އަދި ވޯޓުލުމަށް ރަޖިސްޓްރީކުރުމަށްފަހު އެމެމްބަރަކަށް ޕޯލިންގ ސްޓޭޝަނަކުން ވޯޓެއް ނުލެވޭނެއެވެ. ވޯޓުލުމަށް މިގޮތަށް ރަޖިސްޓްރީކުރާ މެމްބަރުން ވޯޓުލުމަށް އަމަލުކުރަންވީގޮތާއި، ކެނޑިޑޭޓުންގެ ނަމާއި، މަޤާމާއި އަދި ކެނޑިޑޭޓުންގެ ކޯޑުތައް އިންތިޚާބު އޮންނަ ދުވަހު އެމްމްބަރުންނަށް ފޮނުވޭނެއެވެ. މިގޮތަށް ރަޖިސްޓްރީކުރާ މެމްބަރުންނަށްވެސް ލެވޭނީ ޞައްޙަ އެއް ވޯޓެވެ.

މިސާލު: އިނގުރައިދޫ ދާއިރާ (E05)ގެ ކެނޑިޑޭޓުންގެ ލިސްޓު.
dhaaira-example-list

މިސާލަކަށް، ރައީސްގެ މަޤާމަށް ހުސްނާ މުޙައްމަދު، ނާއިބްރައީސްގެ މަޤާމަށް ފަރުޒާނަ ހާމިދު، ސެކްރެޓަރީގެ މަޤާމަށް އަޙުމަދު ޖަޒީލް، ސެކްރެޓަރީގެ ނާއިބްގެ މަޤާމަށް ފަހީމާ ޤާސިމް އަދި އިންތިޒާމް ސެކްރެޓަރީގެ މަޤާމަށް އަޙުމަދު ޝަރީފަށް ވޯޓުލުމަށްޓަކައި އެސްއެމްއެސް ކުރާނީ ތިރީގައިމިވާ ގޮތަށެވެ.

MDP E05 P2 VP1 S1 VS3 O2

އެސްއެމްއެސް ކުރާއިރު ކުރީގައިމިވާ ކީވޯޑު MDP އަދި ދާއިރާ ކޯޑު (މި މިސާލުގައި E05) ޖެހުމަށްފަހު ކެނޑިޑޭޓުންގެ ކޯޑުތައް ކޮންމެ ތަރުތީބަކުން ހުއްޓަސް، ރަނގަޅު ކެނޑިޑޭޓު ކޯޑުތައް ލިޔުމަށްފަހު އެސްއެމްއެސް ކުރުމުން ވޯޓު ޞައްޙަވާނެއެވެ.

މިސާލަކަށް: MDP E05 VP1 O2 S1 P2 VS3

ވޯޓު ޞައްޙަވުމަށްޓަކައި މި ދެ ކީވޯޑާއި (MDP އަދި ދާއިރާ ކޯޑު) ރަނގަޅު ކެނޑިޑޭޓު ކޯޑުތައް ހުރުން މަޖުބޫރުވާނެއެވެ. ވޯޓުލުމުގައި ވަކި މަޤާމަކަށް ވޯޓުލާން ބޭނުން ނޫންނަމަ އެމަޤާމުގެ ކެނޑިޑޭޓުންގެ ކޯޑު ނުޖަހައި އެސްއެމްއެސް ކުރުމުންވެސް ވޯޓު ޞައްޙަވާނެއެވެ. ނަމަވެސް މިގޮތަށްވެސް ވޯޓުލުމަށް ލިބޭނީ އެއް ފުރުޞަތެވެ. ފަހުން އެހެން ކެނޑިޑޭޓުންނަށް ވޯޓުލުމަށް އެސްއެމްއެސް ކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

މިސާލަކަށް، ރައީސްގެ މަޤާމަށް ހުސްނާ މުޙައްމަދު، ނާއިބްރައީސްގެ މަޤާމަށް ވޯޓު ނުލައި، ސެކްރެޓަރީގެ މަޤާމަށް ވޯޓު ނުލައި، ސެކްރެޓަރީގެ ނާއިބްގެ މަޤާމަށް މޫސާ ފަތުޙީ އަދި އިންތިޒާމް ސެކްރެޓަރީގެ މަޤާމަށް ނާޝިދާ މުޙައްމަދަށް ވޯޓުލުމަށްޓަކައި އެސްއެމްއެސް ކުރާނީ ތިރީގައިމިވާ ގޮތަށެވެ.

MDP E05 P2 VS1 O1

މިއިންތިޚާބުގައި ވޯޓުލުމަށް އެސްއެމްއެސް ކުރާނީ ބައިނަލްއަޤުވާމީ (ޔޫކޭގެ) ނަންބަރަކަށެވެ. މިނަންބަރު ވޯޓުލާދުވަހު ޕޯލިންގ ސްޓޭޝަންތަކާއި ރަޖިސްޓްރީކުރި މެމްބަރުންނަށް ފޮނުވޭނެއެވެ.

ވީމާ 24 ސެޕްޓެމްބަރ 2010ގައި އޮންނަ މި ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލާނޭގޮތް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 އަށް ގުޅުއްވުންއެދެމެވެ. ދާއިރާތަކުގެ އިންތިޚާބާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އެމްޑީޕީގެ ވެބްސައިޓުން (www.mdp.org.mv) ލިބޭނެއެވެ.

05 ސެޕްޓެމްބަރ 2010