މެންބަރުންގެ ޚިޔާލު: ކެޔޮޅަށް ބަހެއް!!!!!

5 ސެޕްޓެމްބަރ 2010

ލިޔުނީ: ފުނަމާ

ކެޔޮޅު މުހަންމަދާއެވެ. އަހަރެމެންނަށް އަބުދު ކެޔޮޅު މަކަރުހަދާތާ އެތައް ދުވަހެއްވީއިރުވެސް މިއޮޑީގެ ކެޔޮޅު ކަމަށް ރަނގަޅު މީހަކު ނުލިބިގެން މިހާދުވަހު ކެތްކުރިފަހުން ދެން ކޮންމެގޮތެއްވިޔަސް ކެޔޮޅު ބަދަލުކުރަން ޖެހިއްޖެ ކަމުގައި އަހަރެމެން ހުރިހާ ބެއިންނަށްވެސް ފެނިގެން އަބުދު ކެޔޮޅު އޮޑީން ބާލައި އަހަރެމެން ހުރިހާ ބެއިންވެސް ވާހަކަ ދަށްކައިގެން ދެން އެކަމަށް އެންމެ ރަނގަޅު އަދި ހީވާގި މީހަކަށް ފެނުނީ ކެޔޮޅު މުހަންމަދެވެ. މިއޮޑި އަހަރެމެން ކެޔޮޅު މުހަންމަދާ މިހަވާލުކުރީ ކެޔޮޅު ބުނި ބުނުމަށް އަހަރެމެންގެ ދިރިއުޅުން ފާގަތިކަމާ އެކު ކުރިޔަށް ގެންގޮސް ހެޔޮ ދިރިއުޅުމަކަށް މަގުފަހި ކުރުމުގެ މަތިވެރި އުންމީދުގައެވެ. އަހަރެމެންނަށް އެންމެ ފައިދާހުރި ގޮތުގައި މިއޮޑި ދުއްވައި ދެވޭނީ ކެޔޮޅަށްކަމާމެދު އަހަރެމެން ކުޑަކޮށްވެސް ޝައްކެއް ނުކުރަމެވެ. އަދި ކުރީން އުޅުނު ކެޔޮޅާ އޭނާލައިގެން އެއުޅުނު ފަޅުވެރީންހެން ލިބޭއެއްޗެއް ނުދައްކައި ފޮރުވައިގެން އޮޑިޔާމެދު ފަރުވާ ކުޑަކޮށް ކަންކަން ނުކުރާނެ ކަމުގައި އިތުބާރު ކުރަމެވެ.

ކެޔޮޅާއެވެ، އަބުދު ކެޔޮޅު އަތުން އޮޑި އަތުލާން އަހަރެމެން ހުރިހާބެއިން ހާދަ މަސައްކަތެއް ކުރަން ޖެހުނެވެ. އޮޑި ގެންނާން ކިޔާކިޔާ ނުގެނެސްގެންވެސް އަހަރެމެންނަށް ހާދަހާ ގިނަދުވަސްތަކެއްގައި ކެތްކުރާން ޖެހުނެވެ. ބޭނުންގޮތަކަށް އޮޑިޔަށް ހަދަމުން ލިބޭހާ އެއްޗެއް ހިތުހުރި ގޮތަކަށް އެމީހުން ބޭނުންކުރަމުން ގެންދިޔައިރުވެސް އެގްރީމެންޓުގެ މުއްދަތު ހަމަވަންދެން އަހަރެމެން ހަމަ ނޯށުން ރޮއެލަ ރޮއެލާ ތިބީއެވެ. އެގްރީމެންޓު އޮތްގޮތުން އަހަރެމެންނަކަށް އެއްވެސް ބާރެއް ނެތެވެ. އެހެންވެ ދެފަހަރެއްގެ މަތީން އެގްރީމެންޓު އާކުރާންވެސް ޖެހުނެވެ. އެވެސް އަބުދު ކެޔޮޅު އިތުރަށް ކަންކަން ރަނގަޅުކުރެވޭނީ އެކަން އެގޮތަށް ކޮށްގެން ކަމުގައި ބުނީމައި އެބަސް އަހައިގެންނެވެ. އެކަމަކު އެއިން ކަމަކުންވެސް އަހަރެމެންނަށް ކުރި ފައިދާއެއް ނެތެވެ. ހައްތަހާ އަބުދުގެ ބާރުވީ ގަދައެވެ. ދިޔައީ ހިތުހުރި ގޮތެއް ހަދަމުންނެވެ. ލިބުނު ހުރިހާ އެއްޗެއް ދިޔައީ އަބުދު ބޭނުން ގޮތަކަށް ތަޅާ އަޅަމުންނެވެ. އަހަރެމެންނަށް ދެނީ އޭނާ ހިތުހުރި ފަހަރަކު ހިތުހުރި އެއްޗެކެވެ.

ކުރާނީ ކީއްހެއްޔެވެ؟ އަބުދު ކެޔޮޅު އެންދަމާން ފަޅަކާ ކައިރިކޮށް ނަގިލި ނުލައި އޮއްވައި ފަޅުމައްޗަށް އޮޑި ލައްވިޔަސް ކަނޑަށް ނުކުންނާން އަވަސްކުރާންވެގެން ފަރުމަތީން ނުކުތަސް އަހަރެމެން ކުރާނެ ކަމެއް ނޯވެއެވެ. އެގްރިމެންޓު އޮތްގޮތުން އަބުދާމެދު އެއިންކަމަކާ މައްސަލައެއް ޖެއްސޭކަށްވެސް ނޯވެއެވެ. އެގޮތައް ތަޅުވައި ތަޅުވައި މިއޮޑިދިޔަވެ މިވަނީ މުޅީން ފުނޑުފުނޑު ކޮށްލާފައެވެ. އިންޖީނުގަނޑުވެސް ހުރީ މުޅީން ދަބަރަށް ވެފައެވެ. އޯވަހޯލެއް ކުރި ޒަމާނެއް ނޭނގެއެވެ. ޕަންޕުތަކެއް ދޮށިބޮނޑިއެއް ދަލެއްހާ ހިސާބުވެސް ސަލާމަތަކުން ނެތެވެ. އަހަރެމެންތިބީ ދަރައި ބޯހިކެން ނެތިފައެވެ. އޮޑިއަށް ވެފައިވާ ވަރު މިއެނގުނީވެސް އޮޑި އަހަރެމެންނަށް ލިބުނީމައެވެ. މިވަރަށް މިކަން މިދިޔައީ އަހަރެމެންވެސް ވިސްނާ ނުލައި ބޮޑުވަރިހަމައިގައި ތިބީމައެވެ. އެކަން އަހަރެމެންވެސް ޤަބޫލުކުރަމެވެ. އެކަމަކު ދެން މިއަދު އެވާހަކަ ދެއްކިޔަކަސް ކުރާނެ ކަމެއް ނެތެވެ.

މުހަންމަދު ކެޔޮޅާއެވެ. މިއޮޑީގެ ހާލު ހުރިގޮތް އެންމެ ބޮޑަށް އެނގޭނީވެސް މިހާރު ކެޔޮޅަށެވެ. ދިޔަވާ ތަންތަނާ ބާވެފީވެފައިހުރި މަޑޫތައްވެސް ކެޔޮޅަށް ރަނގަޅަށް އެނގޭނެއެވެ. ފަޅުވެރީންނަކީ ވެސް ކެޔޮޅަށް އިތުބާރު ކުރެވޭތީވެ ކެޔޮޅު ގެނައި މީހުންނެވެ. އަހަރެމެން އެކަމަކާ ނުބެހެމެވެ. ކެޔޮޅަށް އެމީހުންނަށް އިތުބާރު ކުރެވެންޏާ އަހަރެމެންނަށް އެންމެ ރަނގަޅެވެ. އަހަރެމެން ބޭނުންވަނީ މިހާރުހެން މިއޮޑި ދުވަހުން ދުވަހަށް މަހަށް ފުރައި ލިބޭ އާމްދަނީ އަކުން ކެޔޮޅާ ފަޅުވެރީންނަށް އަހަރެމެން ކަނޑައަޅާފައިވާ މިންވަރު ނަގާފައި ބާކީ ލިބޭ އެއްޗަކުން އޮޑީގެ އާބާތުރަ ފިލުވައި އަހަރެމެންނަށްވެސް ފުދިގެން އުޅެވޭނެ ދުވަހެއް ހޯދައި ދިނުމެވެ.

އެކަމަކު ކެޔޮޅު މުހަންމަދާއެވެ. ކަލެޔާ މިއޮޑި ހަވާލުކުރިފަހުން އެއްކަލަ އަބުދުކެޔޮޅު އަހަރެމެންގެ ބޮލައް އެރިގެން ކަލޭ މިއޮޑީން ބާލާން ހާދަ މަސައްކަތެއް އެބަކުރެއެވެ. އޭނަޔާއެކީ މިއޮޑީން ބޭލި ފަޅުވެރީންނާ ގުޅިގެން އަހަރެމެންނަށްވެސް ހާދައިންޒާރުތަކެއްވެސް އެބަދެއެވެ. އަހަރެމެން ގޮވައިގެން ދޭތެރެ ދޭތެރެއިން އިންސާފަށްވެސް އެބަދެއެވެ. އެހެން މީހުންނަށް ފައިސާ ދީގެން އަހަރެމެން ބިރުގަންނުވައި ކެޔޮޅު މުހަންމަދާ ފަޅުވެރީން ބޭރުކުރުމަށް ހާދަހާ ރޭވުމެއްވެސް އެބަރާވައެވެ. ވާނީވެސް އެހެންތާއެވެ. ކެޔޮޅު މުހަންމަދު މިއޮޑި ދުއްވަން ފެށިތާ މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް މިއޮޑިޔަށް ލިބޭފައިދާތައް ފެންނާން ފަށައިފިއެވެ. ފަޅުވެރީންނާއި ކެޔޮޅާ ގުޅިގެން ހީވާގި ކަމާއެކު އެންމެ ދުވަހެއްވެސް ދޫކޮށްނުލައި މަހަށްފުރައި މިހާރުތިހޯދާ ފައިދާއާއި އަހަރެމެންނަށް ދޭއެއްޗެއްވެސް ރާސްލާފައި އިތުރުވަމުން ދާތަން ފެނި މީގެ ސަބަބުން އަބުދާ ދިމާލަށް މިހާރު އެހެންމީހުންވެސް ގޮވާ އެއްޗެތީން އަބުދުވެސް ލަދުގަންނާނެތާއެވެ. އަދި ޚިޔާނާތްތެރިވި ވަރު މިހާރު އެހެން މީހުންނަށްވެސް އެނގޭނެތާއެވެ.

ކެޔޮޅާއެވެ. މިހާރުދެން އިރާދަކުރެއްވިއްޔާ އަހަރެމެން ދަރާފައިވާ ދެރުމާ ކަންކަން ފިލުވާލައި އަލުން އާހިއްވަރަކާއެކު ދުވަހުން ދުވަހަށް ކުރިޔަށް ދެވޭނެ މަގު ކެޔޮޅުތިދަނީ އަހަރެމެންނަށް ދައްކައި ދެމުންނެވެ. އޮޑިޔާ ހަވާލުވުމުގެ ކުރީން ކެޔޮޅު އެދެއްކި ވާހަކަތަކަކީ ހުސްއަނގަތަކެއް ނޫންކަން މިހާރު އަހަރެމެންވެސް ގަބޫލުކުރަމެވެ. އަދި ކެޔޮޅުގެ އިޚްލާސްތެރިކަމާ އަމިއްލަ މަސައްކަތުން ހިއްވަރާއެކު ތިކުރާ މަސައްކަތަށް އަހަރެމެން ކެޔޮޅަށް ޝުކުރުވެރިވަމެވެ. މިއޮޑިޔަށް ތިކުރާ ހޭހަންވެސް މިހާރު އޮޑިބަލާލީމާއެބަ އެނގެއެވެ.މިވާހަކަ ބޭރުމީހުންވެސް އެބަދައްކައެވެ. އެކަމަކުވެސް ކެޔޮޅާ އަހަރެމެން އެދެނީ އަދި މިޔައްވުރެވެސް އިތުރު ކުރިއެރުން ތަކަށެވެ. މިކަން ހާސިލުވާނީ ކެޔޮޅާ ފަޅުވެރީންނާ އަހަރެމެން ފިސާރި އެކައްޗެއް ކިޔައިގެން އެއް އަޒުމެއްގައި މަސައްކަތް ތަކެއް ކޮށްގެންނެވެ. ފިސާރި ލޯހުޅުވައިގެންތިބެ ކުރެވޭ މަސައްކަތަކުންނެވެ.

ކެޔޮޅާއެވެ. އަބުދު ކެޔޮޅުގެ ނުބައިނުލަފާ ރޭވުންތަކާމެދު އެއްގޮތަކަށްވެސް ފަރުވާ ކުޑަކޮށްލައިގެން ނުވާނެއެވެ. ހަމައެއާއެކު އޮޑީގެ ފަޅުވެރީންނާމެދުވެސް ފިސާރި ރަނގަޅަށް ވިސްނާން ވާނެއެވެ. އޮޑި ދުއްވާއިރު ފިސާރިލޯހުޅުވައި ބަލާންވާނެއެވެ. ރޭގަނޑުގެ އަނދިރީގައި އަތޮޅުތެރޭގައާއި ބޭރުކަނޑުގައި ދުއްވާއިރު އަދި މާބޮޑަށް ފަރުވާވެ ބަލާން ވާނެއެވެ.އެތެރެވަރީގައި ގިރިފަޅަށް ބަލާފަދައިން މާކަނޑުގައި ދުއްވާއިރުވެސް އޮޔާއަންނަ ލަކުޑިޔާ ބުރަފަތީގައި އޮޅިމާރުއަރާކަހަލަ ވާބޮނޑިބޮނޑިވެސް އޮޔާ ދެމޭނެކަން ހަނދާން ބަހައްޓާން ވާނެއެވެ. މިކަމުގައި ހުރިހާ ފަޅުވެރީންވެސް އެއްބާރުލައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރޭތޯ ބަލާން ވާނެއެވެ.

ތިމާޔަށް ލިބޭއެއްޗެއް ލިބުނީމައި ހެޔޮކަމަށް ދެކިގެން ފަރުވާލެއްނެތި ކަންކަން ކޮށްލައިއުޅޭ މީހުންނާ ކެޔޮޅާ އަހަރެމެންނާ ޖައްސާން އުޅޭ މީހުންވެސް ފަޅުވެރީންގެ ތެރޭގައި އުޅެފާނެއެވެ. އަނެއްކާ އެއްކަލަ ފުރަތަމަ ފަށައިގެންއިރު މާވަރުދައްކާފައި އެއުޅުނު ކާސިމާ ހަސަނާ ކަހަލަ އަމިއްލަ އެދުމުން ފުރިފައިވާ މީހުންމިހާރުވެސް ފަޅުވެރީންގެ ތެރޭގައި ތިބެދާނެކަން ހަނދާން ބަހައްޓާން ވާނެއެވެ. މިމީހުންނަށް މިއޮޑިޔެކޭ އެހެން އޮޑިޔެކޭ ތަފާތެއް ނޯންނާނެއެވެ. މާދަމާވެސް ފުންމާލައިގެން ހިނގައިދާނެއެވެ. އަނެއްކާ އަބުދުގެ ގޮތްފާޑުގަނޑު ހުންނަމީހުންވެސް ތިބޭނެއެވެ. ވަރަށް ވިސްނާން ވާނެއެވެ. ކަމެއް ގޯސްވެއްޖެނަމަ ޚަރާބުވާނީ ކެޔޮޅުގެ ނަމެވެ. އަހަރެމެންނަށްވެސް އެއްޗެއް ބުނެވޭނީ ކެޔޮޅާ ދިމާލަށެވެ. މީހުން މަލާމާތް ކުރާނީވެސް ހަމަ ކެޔޮޅާ ދިމާލަށެވެ. އަހަރެމެންނާ ދިމާލަށްވެސް މަލާމާތް ކުރާލެއް ކުޑައެއް ނުވާނެއެވެ.

ކެޔޮޅާ ބުނާކަށް ރަނގަޅު ބަސްއަހާ އަދި ހީވާގި ވަފާތެރި ފަޅުވެރީންނަށް ހެޔޮކޮށް ހިތައި އެމީހުންގެ މަޝްވަރާއާއިއެކު ކަންކަން ގެންދާންވާނެއެވެ. އެމީހުންގެ މަސައްކަތަށް ތާރިފުކޮށް އެމީހުންނަށް ހެޔޮކޮށް ހިތާންވާނެއެވެ. އަދި ފަހަރެއްގައި ދިރިއުޅުން ހުރިގޮތުން އުޅެވެން ނެތިގެން ފަޅުވެރިޔަކު ފޭބިޔަސް އޭނާއަކީ ވަފާތެރިއެއްނަމަ ހާލުބަލާލައި އުޅެންވާނެއެވެ.އެކަމަކު ފަރުވާކުޑަ އަދި ކިތަންމެ ކުޑަ ޚިޔާނާތެއް ފަޅުވެރިއެއްގެ ފަރާތުން ފެނުނަސް ފިޔަވަޅު ނާޅައި ހުރެގެން ނުވާނެއެވެ. އެކަހަލަ މީހުންނަކީ މިހާރު ކެޔޮޅަށް ކިތަންމެ ޚުޝާމަދެއް ކޮށްގެން ގޮތްދައްކައިގެން އުޅޭ ބަޔަކަށް ނުވަތަ މީހަކަށް ވިޔަސް އަދި ކެޔޮޅާ ކިތަންމެ ގާތްމީހެއް ކަމުގައި ވިޔަސް ކެޔޮޅުގެ ކުރިމަގަށް ހުރަސް އަޅާން ބައިތިއްބައިގެން ނުވާނެއެވެ. މިހެން މިބުނީ އަހަރެމެން އެންމެންނަކީ ތިމަސައްކަތް ކެޔޮޅާ އެއްވަރަށް ކުރެވޭނެ މީހުންނަށް ނުވާތީ އަހަރެމެންނަށް ކުރިއެރުމެއް މިލިބެނީވެސް އަދި ލިބޭނީވެސް ކެޔޮޅާ ފަޅުވެރީން އިޚްލާސްތެރި ކަމާއެކު މަސައްކަތް ކޮށްގެން ހޯދިއެއްޗަކުން ކަމަށް ވާތީއެވެ.

އަބުދުމެން މިހާރު ރާޑިވެގެން އެހަލުވާ ” ރަނބަ” ތައް އަޑުނާހައި ފިސާރި ކެރިގެން ކުރިޔަށް ތިދާގޮތަށް ދާށެވެ. ﷲގެ މިންވަރުފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ. އެކަމަކު ކެޔޮޅާ އިހުބަހަކަސް ފަހުބަހަކަސް ބުނަމެވެ. ޚިޔާނާތްތެރީންނަށް މިއޮޑިން ކޮންމެސް ކޮންމެސް ޖާގައެއް ނުދެއްޗެވެ. އަހަރެމެން މިތިބީ އެކަމުގެ ހިތިރަހަ ފިސާރިއަކަށް ކަރުބުޑުގައި ލައިފައެވެ. ކުރީގެ ކެޔޮޅާ މިއޮޑި ހަވާލުކުރެވުނުކަމުން މުޅީން މަރައިފިއެވެ. ކޮންމެސް ކޮންމެސް އެދުވަސް ދެން އަހަރެމެން ދެކެން ނުޖައްސައްޗެވެ. އަހަރެމެން ކެޔޮޅަށް މިކުރާ އިތުބާރު ނުހިފެހެއްޓި ކެޔޮޅުގެ އިހުމާލުން މިއޮޑިޔާ އަހަރެމެންނަށް ކުޑަވެސް ގެއްލުމެއް ވެއްޖެނަމަ ހަނދާން ކުރާށެވެ.އަހަރެމެން ކެޔޮޅަކަށް ދުވަހަކުވެސް މާފެއް ނުކުރާނަމެވެ. އަދި މިހާރު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން އަހަރެމެންނަށް ދެން ހިތުހުރިހާ ގޮތެއް ނެހެދޭނެކަން ފިސާރި ރަނގަޅަށް ހަނދާން ބަހައްޓާން ވާނެއެވެ!!!!!!!!!