މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފި

5 ސެޕްޓެމްބަރ 2010

2

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، މާފަންނު ފެންފޯއްމާ ޑޮކްޓަރ މުޙަންމަދު ޝަރީފާއި، މައްޗަންގޮޅީ އެވަރލާސްޓް އަކްރަމް ކަމާލުއްދީނެވެ.
މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ދެބޭފުޅުންވެސް މިހާތަނަށް ތިއްބެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބު ކަމުގެ މަގާމުގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދެބޭފުޅުން ވަޒީފާ އަދާކުރައްވަމުން ގެންދަވާ ވުޒާރާއަކީ، ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާފައިވާ ދެކަންތައް ކަމުގައިވާ ގެދޮރު އެޅުމާއި، ތިމާވެށީގެ ކަންތައްތައް ޙަވާލުކުރައްވާފައިވާ ވުޒާރާ ކަމަށް ވުމާއެކު، އެމަސައްކަތްތައް ވީހާވެސް ހަލުވިމިނެއްގައި ގެންދަވަން ސަރުކާރުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި އެމަސައްކަތްތައް ކުރިއަށް ގެންދެވުމުގައި، މިދެބޭފުޅުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.