އިންތިޚާބު އޮންނަން ޖެހޭ ވަގުތުގައި އެއިންތިޚާބު އޮންނާނެ : އަބްދުﷲ ޖާބިރު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނަންޖެހޭނެކަމަށް ގާނޫނު އަސާސީ ލާޒިމްކުރާ މުއްދަތުގެ ތެރޭގައި އެއިންތިޚާބު އޮންނާނެކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕަރލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ ރޭ (24 ސެޕްޓެމްބަރ 2013) ރާޅުގަނޑު ސަރަހައްދުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިޚާބު އޮންނަންޖެހޭ ވަގުތުގައި އޮންނާނެކަމުގެ އުފާވެރި ހަބަރު ދެއްވަމުން ޖާބިރު ވިދާޅުވީ ހިސާބު ޖެހީމާ މިހާރު ކެނެރީގޭ މުޙައްމަދު ނަޝީދު އިންތިޚާބުވެއްޖެކަން ޔަގީންކުރެވޭކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދަށް އިޝާރާތްކުރައްވާ ޖާބިރު ވިދާޅުވީ އިންތިޚާބު އޮންނަން ޖެހޭ ތާރީޚުގައި ބޭއްވުމަށް އަމުރުނެރެދިނުމަށް އެދޭކަމަށެވެ.

ދައްކަން އޮތީ ހުސް އުފާވެރި ވާހަކަކަމަށާއި އިދިކޮޅު ކެނޑިޑޭޓު ގާސިމް އިބްރާހިމްއަކީ ވަރަށް ލޯބަވާ ބޭފުޅެއްކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ ސުޕްރީމް ކޯޓަށް ލައިފައިވާ މައްސަލަ ދިވެހި ރައްޔިތުންގެ ހައްގުގައި އަނބުރާ ގެންދިޔުމަށް އެދޭކަމަށެވެ. ގާސިމްއަށްވެސް ލާބަ އޮތީ މިގޮތުގައި ކަމަށާއި އެމްޑީޕީ މީހުން ނުހުއްޓާނެކަމުގައި ޖާބިރު ވިދާޅުވިއެވެ.
ގާސިމް އާއި ވާހަކަފުޅު ދައްކަވައި އެމައްސަލަ އަނބުރާ ގެންދިޔުމަށް ދަންނަވައި ދެއްވުމަށް ރައީސް ނަޝީދު އަރިހު ޖާބިރު ދެންނެވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭ ކަންތައް ކުރާނެ ގޮތް އޮޅުންފިލުވައި ދެއްވަމުން ޖާބިރު ވިދާޅުވީ ދިވެހި ދައުލަތުގެ މަގާމްތަކުގައި ތިބި މީހުން ޖަވާބު ދާރީކުރުވުމަށް ގެނެވޭނެކަމަށެވެ. ރައީސްކަމަށް އަރާހުރި ޑރ. ވަހީދު އެމެރިކާގައި އުޅުއްވުމުން ގާނޫނު އަސާސީ ކިޔަން ނޭނގޭނަމަ، ކިޔަން އެނގޭ މީހެއް ގާތުން އޮޅުންފިލުއްވުމަށްވެސް ރޭގެ ޖަލްސާގައި ޖާބިރު ވިދާޅުވިއެވެ. ކިތަންމެ މޮޅު ބަހުން ގާނޫނު އަސާސީއެއް ކިޔަން ނޭނގުމުން އެއީ ގާނޫނު އަސާސީގެ މައްސަލައެއް ނޫންކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.