ޖޭޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް އެދޭ މައްސަލަަގައި އެމްޑީޕީއިން ތަދައްޙުލުވެފައިވާ ވުމުން ރުޖޫޢަވެ މި މައްސަލައިގަ ތަދައްޙުލު ނުވުމަށް ނިންމައި ސްޕްރީމް ކޯޓަށް މި ޕާޓީއިން މިއަދު ދަންނަވައިފި

ޖޭޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް އެދޭ މައްސަލަަގައި އެމްޑީޕީއިން ތަދައްޙުލުވެފައިވާ ވުމުން ރުޖޫޢަވެ މި މައްސަލައިގަ ތަދައްޙުލު ނުވުމަށް ނިންމައި ސްޕްރީމް ކޯޓަށް މި ޕާޓީއިން މިއަދު އަންގާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒް ޙުސައިންއަށް ޗެއަރޕާސަން މޫސާ މަނިކު ފޮނުއްވި ސިޓީފުޅުގައިވަނީ، ދިވެހި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްވާނޭ ފަދަޔަކުން ޝަރީޢަތް ކުރިޔަށް ދާނެކަމަށް ޤަބޫލުނުކުރެވޭތީ އާއި، އިންސާފުވެރި ޝަރީޢަތެއް ކުރިޔަށްގެންދެވިދާނެކަން ކަށަވަރުނުވާތީ، މި ޕާޓީގެ ފަރާތުން މައްސަލައަށް ތަދައްޚުލުވެ އިތުރަށް ކުރޔަށްދާން ބޭނުންނުވާ ވާހަކަ ދަންނަވާފައިވެއެވެ.

މިއަދު ހަވީރު އުއްތަމަ ފަނޑިޔާރަށް ޕާޓީގެ ޗެއަރޕާސަން ފޮނުއްވި ސިޓީފުޅުގައި ވާގޮތުން ޕާޓީ ތަމްސީލުކުރުމަށް މިޕާޓީން ޢައްޔަންކޮށްފައިވާ ފަރާތް ކަމުގައިވާ އަލްއުސްތާޛް ޙަސަން ލަޠީފް އާއި، ޕާޓީގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ޢައްޔަންކޮށްފައިވާ އަލްއުސްތާޛާ ޙިސާން ޙުސައިން، ސުޕްރީމް ކޯޓުން ސަސްޕެންޑު ކޮށްފައިވަނީ އެފަރާތްތަކަށް އެފަރާތްތަކުގެ ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުސަތު ނުދީ ޤާނޫނާއި ހިލާފަށެވެ. ަދި އެމްޑީޕީ ތަމްސީލު ކުރާނެ ފަރާތެއް ނެތީސް ޝަރީއަތް ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވުމުންވެސް، ޝަރީއައް ކުރިޔަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން ނިންމެވި ނިންމުމަކީ، ރާއްޖޭގެ ކޯޓުތަކުން އަމަލުކުރަމުން ގޮސްފައިވާ އުސޫލުތަކާއި ހިލާފުކަމެއް ކަމަށްވެސް މި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ހަމައެހެންމެ، ޝަރީޢަތް ކުރިޔަށް ގެންގޮސްފައިވާއިރު އެމްޑީޕީއާއި އެ ޝަރީޢަތުގައި ހިމެނޭ އެހެން ފަރާތްތަކާ ދެމެދު ފާޅުކަންބޮޑު ތަފާތުކުރުންތަކެއް ކޯޓުން ގެންގުޅެފައިވާކަން ފާހަގަކޮށްފައިވާއިރު، ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ކަންވަނީ ސިޓީގައި ފާހަގަކޮށްފައެވެ. އަދި ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުން ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރަންވާނެކަމަށްވެސް މިސިޓީގައިވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، 142 ވަނަ މާއްދާގައި، ފަނޑިޔާރުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް އިޙްތިރާމް ކޮށް، ސުޕްރީމް ކޯޓުން ޤާނޫނު އަސާސީގެ އިމުގެ ތެރެޔަށް ރުޖޫއަވުމަށްވެސް މިސިޓީގައިވަނީ އެދިފައެވެ.