ސުޕްރީމް ކޯޓުން ނެރުނު އަމުރު ކުށްވެރިކޮށް، ކޯޓުގެ މައްސަލަ ނިމެންދެން މަގުމައްޗަށް ނިކުމެ އިހުތިޖާޖް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓް ލުން ލަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ކުށްވެރިކޮށް، ކޯޓުގެ މައްސަލަ ނިމެންދެން މަގުމައްޗަށް ނިކުމެ އިހުތިޖާޖް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

މިރޭ (23 ސެޕްޓެމްބަރ 2013) 10:30 ގަައި މާލޭ ސިޓީ ހޯލުގައި ބޭއްވުނު ޕާޓީގެ ގައުމީ މަޖިލީހުގެ 118 ވަނަ ކުއްލި ބައްދަލުވުމުގައި، ކޯޓުގެ އަމުރު ކުށްވެރިކޮށް، އިހުތިޖާގް ކުރުމަށް ހުށަހެޅި އަދި ފާސްކުރި ގަރާރުގައި ވަނީ:

“ދިވެހި ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވޯޓުލުން 28 ސެޕްޓެމްބަރު 2013 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައި ވަނިކޮށް ދިވެހިރާއްޖޭގެ ސުޕްރީޕް ކޯޓުގެ 4 ފަނޑިޔާރުން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާ ހިލާފަށް ވަކި މުއްދަތެއް ނެތި އެ އިންތިހާބުގެ 2 ވަނަ ބުރު ލަސްކުރުމަކީ ދިވެހިރާާއްޖޭގައި އުފެދި އަށަގަންނަމުން އަންނަ ޑިމޮކްރަސީ ފުނޑުފުނޑުކޮށްލައި، ރައްޔިތުންގެ އެތަށް ހައްޤުތަކަކަށް އަރައިެގަނެ މިރާއްޖެ ހަރާބުކޮށްލުމަށް މަސައްކަތްކުރުން. ސުޕްރީމު ކޯޓުގެ މަައްސަލަ ނިމެންދެން އެޕްޑީޕީ ގެ ފަރާތުން އިހުތުޖާޖު ކުރުމަށް މަގުމައްޗަށް ނުކުތުން.”

ވަރަށް ގިނަ އަދަދެއްގެ އާންމު މެންބަރުންވެސް ބައިވެރިވެފައިވާ މި ބައްދަލުވުމުގައި، މި ހުށައެޅުން ފާސްކޮށްފައިވަނީ ބައްދަލުވުމަށް ވަޑައިގެންތިއްބެވި ގައުމީ މަޖިލީހުގެ 56 މެންބަރުންގެ ފުރިހަމަ ތާއީދާއެއްކޮށެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓް ލުން ލަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ކުށްވެރިކޮށް، ކޯޓުގެ މައްސަލަ ނިމެންދެން މަގުމައްޗަށް ނިކުމެ އިހުތިޖާޖް ކުރުމަށް ގަރާރު ހުށަހެޅީ ޕާލިމެންޓަރީ ގުރޫޕުގެ ހުޅުމީދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ. މި ހުށައެޅުމަށް ތާއީދުކޮށްފައި ވަނީ އެމްޑީޕީގެ މާލިމެންޓަރީ ގުރޫޕުގެ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރަޝީދެެވެ.