28 ސެޕްޓެމްބަރގައި އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް އެމްޑީޕީއިން މަޖިލީހަށް ގަރާރެއް ހުށައަޅައިފި!

ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ފަރާތްތައް ގުޅިގެން އިންސާފްވެރިކަމާއި، ދެފުށްފެންނަ ގޮތަށް ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައި ދަނޑިވަޅުގައި އިންތިޚާބުގެ ދެވަނަ ބުރު 28 ސެޕްޓެމްބަރ ބާއްވަން ޖެހޭނެކަމަށް ބުނެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ރައްޔިތުންގެ މަޖިލީހަަށް ގަރާރެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީސް ޗުއްޓީގައިވަނިކޮށް ދައުރުން ބޭރުގައި ބޭއްވުނު ހާއްސަ ޖަލްސާގައި ގަރާރު ހުށައެޅުއްވީ އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދެވެ. ގަރާރަށް ތާއީދުކުރެއްވީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީއެވެ.

ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީވެސް އަދި ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިންކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ދަށުން ދިވެހިރާއްޖޭގައި ބާއްވައި އިންތިޚާބުތަކަކީ ދިމުގްރާތީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، މިނިވަން، އިންސާފްވެރި، ހާމަކަންބޮޑު އިންތިޚާބަކަށް ވާންޖެހޭނެކަމަށް ލާޒިމްކުރާއިރު، 7 ސެޕްޓެމްބަރ 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކަންކަން ބޭރު ގައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި، ރާއްޖޭގެ ޖަމާއަތްތަކުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ނޫސްވެރިން މޮނީޓަރކޮށް، އަދި އޮބްޒާވްކުރި އެއްވެސް ފަރާތަކުން އިންތިޚާބުގައި ކަންބޮޑުވާންޖެހޭ އެއްވެސް ޝަކުވާއެއް ފާހަގަކޮށްފައިނުވާކަމަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރަކީ، މިނިވަން، އިންސާފްވެރި އަދި ހާމަކަންބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެ، ވަކި ފަރާތަކަށް ބުރަވުމެއްނެތި އަމާން މާހައުލެއްގައި ކުރިއަށް ގެންދެވުނު އިންތިޚާބަކަށް ވީހިނދު، ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ދިވެހިން އެދޭ ވެރިކަމެއް ޚިޔާރުކުރުމުގެ އަސާސީ ހައްގުގެ ބޭނުން ހިފައި، ސީދާ ރައްޔިތުންގެ ބައިވެރިވުން އޮވެ ނިންމައިފައިވާ ނިންމުމެއް، އެއްވެސް ފަރާތަކުން ނުވަތަ އެއްވެސް މުއައްސަސާއަކުން ނުވަތަ އެއްވެސް މަރުޙަލާއަކުން ބަދަލުކުރެވިދާނެކަމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ މަޖިލީހުން ގަބޫލުނުކުރައްވާކަމަށް އެގަރާރުގައި ވެއެވެ.

ގާނޫނު އަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ދީމިޤްރާތީ އުސޫލްތަކަށް ތަބާވުމަކީ އެންމެހާ ފަރާތްތަކަށް ލާޒިމްކަމެއްކަމަށާއި، މިނިވަންކަމާއި، އިންސާފްވެރިކަމާއެކު ކުރިއަށް ގެންދެވުނު އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ހުރިހާ ފަރާތްތަކުންވެސް އިހްތިރާމްކުރުމަކީ ގާނޫނު އަސާސީގެ ސިޔާދަތު ނަގަހައްޓައި، ދިވެހި މުޖުތަމައުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި، ދީމިގްރާތީ ވެރިކަމެއް ޤާއިމްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުން ދެކޭކަމަށް ގަރާރުގައި ހިމެނެއެވެ.

ގާނޫނު އަސާސީގައި ކަނޑައެޅިގެން ވަކި ތާރީޚުތަކެއްގެ ކުރިން ނިންމަންޖެހޭނެކަމަށް ބުނެފައިވާ ކަންތައްތައް ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ މައްޗަށް ގާނޫނު އަސާސީއިން ލާޒިމްވެގެންވާކަމަކަށްވާއިރު، 28 ސެޕްޓެމްބަރ 2013 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކުރިޔަށް ގެންދިޔުމަށް އެއްވެސް ހުރަހެއް އެއްވެސް ފަރާތަކުން ކުރިމަތިނުކުރުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އެއްވެސް ސަބަބަކާހުރެ ލަސްނުކުރުމަށާއި، އަދި އެއިންތިޚާބު ބޭއްވުމަށް ބޭނުންވާ އެހީތެރިކަން ހުރިހާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދިނުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ އެންމެހައި ކަންކަން ކުރިއަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއިން ސަލާމަތީ ޚިދުމަތްތަކުން ކަންތައް ކުރާގޮތް ބަލަމުންގެންދިޔުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބާރަށް ކުރިއަށް ގެންގޮސް 28 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ނިންމަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް މިއަދު ހުށައެޅި ގަރާރުގައި ހިމަނައިފައިވެއެވެ.