ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ގަރާޖުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅު ރޯކޮށް ހިންގި ޓެރަރިސްޓް ހަމަލާ ކުށްވެރިކުރުން

noosbayan

ރޭގެ މެންދަމުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދުގެ ގެކޮޅު ހ.ރަބީޢުމަންޒިލްގެ ގަރާޖުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް ޕެޓްރޯލް އަޅައި، އެ ކާރު ކޮޅުގައި އަލިފާން ރޯކޮށް ހިންގި ޓެރަރިސްޓް ހަމަލާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދު ރިޔާސަތުގައި އިންނަވައިގެން އިއްޔެއިން ފެށިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތްކުރެއްވި މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު ސިޔާސީ ޕާރޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެމްބަރުންތަކެއް ޤާނޫނާ ޚިލާފަށް ހުރަސްއަޅައި، މަޖިލިސް ހުއްޓުވައި، މަޖިލީހުގެ ސިސްޓަމްތަކާއި ކެމެރާތަކާއި އެނޫން ވެސް ތަކެތި ހަލާކުކޮށް، މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދަށާއި އެމަނިކުފާނުގެ އާއިލާއަށް ނުހަނު ހަޑިހުތުރު ބަސްތައް ރައްދުކޮށް، އަދި އެމަނިކުފާނަށް ނުރައްކާތެރި އިންޒާރުތައްދީ، އަދި މަޖިލީހުގެ ޖަލްސާގެ ތެރެއިން ވެސް އެމަނިކުފާނުގެ ހަށިކޮޅަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރަމެވެ.

ރޭގެ މެންދަމުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދުގެ ގެކޮޅު ހ.ރަބީޢުމަންޒިލްގެ ގަރާޖުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް ޕެޓްރޯލް އަޅައި، އެ ކާރު ކޮޅުގައި އަލިފާން ރޯކޮށް ޓެރަރިޒަމްގެ ހަމަލާދީފައިވަނީ އެމަނިކުފާނަށް މިދެންނެވި ފަދައިން އިދިކޮޅު ސިޔާސީ ޕާރޓީތަކަށް ނިސްބަތްވާ މެމްބަރުން މަޖިލިސްތެރެއިން ދިމާކޮށް އިންޒާރުތައް ދީފައިވަނިކޮށްކަން ފާހަގަކުރަމެވެ. އަދި މި ޓެރަރިޒަމްގެ ހަމަލާއަކީ ބަޔަކު ގަސްތުގައި ރާވައި ހިންގައިގެން ދީފައިވާ ހަމަލާއެއްކަމާއި، އެހަމަލާއަކީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ފުރާނަ ފުޅަށާއި ގެކޮޅު ނައްތާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއްކަމަށް މި ޕާރޓީން ސިފަކުރަމެވެ.
އެހެންކަމުން މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ވަގުތުން ތަޙްޤީޤްކުރެއްވުމަށާއި އެއަމަލު ހިންގި ފަރާތްތަކަށް ޙައްޤު އަދަބު ދެއްވުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ.

އަދި މިހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން އޮނަރަބްލް ޢަބްދުﷲ ޝާހިދުގެ ޤާނޫނީ ވާޖިބު އެމަނިކުފާނު ސާބިތުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމަށްޓަކައި މި ޕާރޓީން އެމަނިކުފާނަށް ޝުކުރުވެރިކަމާއެކު މަރުޙަބާ ދަންނަވަމެވެ. އަދި އެމަނިކުފާނުގެ މަސައްކަތްޕުޅުގެ ފަހަތުގައި މި ޕާރޓީ ސާބިތުކަމާއެކު އޮތްކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނަށް އަރުވަމެވެ.

23 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް