ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއާއިގުޅޭ

noosbayan

ނަންބަރު: MDP–PG-2013-PR-0006

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހާއްސަޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޤާނޫނީ ޒިންމާއަކަށްވެފައި،އެ ޒިންމާ އަދާކުރުމަށް ހުރަސްއަޅާ މުޅި މަޖިލީހުގެ ހުރުމަތާއި ގަދަރާއި، ކަރާމާތް ގެއްލޭގޮތަށް، ގަސްތުގައި މަޖިލީހުގެ މުވައްޒަފުންނަށް އިންޒާރުދީ އަނިޔާވެރި އަމަލުތައް ޕުރޮގްރެސިވް ޕާޓީ ގެ މެންބަރުންނާއި، އަދި އެ ޕާޓީއަށް ތާޢީދުކުރާ ބައެއް މެންބަރުން ގެކިބައިން ފެނިގެން ދިޔަދިއުން މިގުރޫޕުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސީދާ އަމާޒުކޮށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އަޑީގައި ހުންނަވާ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް،ސިދާ އެނގިވަޑައިގެން ހިންގާ އަނިޔާވެރި މިފަދަ އަމަލުތައް ހުއްޓުވުމަށް ގޮވާލަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ވަރަށް ޒާތީގޮތެއްގައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ އެއް ބޭފުޅަކީ އެޕާޓީގެ ޑެޕިއުޓީ ލީޑަރ ފޮނަދޫ ދާއިރާގެ މެންބަރ ޢަބްދުއް ރަޙީމް ޢަބްދުﷲކަމަށްވެފައި، މަޖިލީހުގެ ރައީސް ގެ ލޮބުވެތި މަންމާފުޅަށް ނިސްބަތްކޮށް ބޭއަދަބީ ބަހުރުވައިން މަޖިލީހުގެ ރައީސް އާއި ދިމާއަށް އަޑުހަރުކޮށް އެއްޗެހި ކިއުމުގެ އިތުރުން ،މަޖިލީހުގެ ރައީސްއަށް ސީދާ ހަމަލާ ދިނުމަށްޓަކައި މަޖިލީހުގެ ރައީސްގެ މޭޒުކޮޅު ކައިރިއަށް ރުޅިވެރިކަމާއެކު އައިސް ހަމަލާދޭން އުޅުނު އުޅުން ހުއްޓުވާފައިވަނީ މިގްރޫޕުގެ މެންބަރުންކަން ފާހަގަކުރަމެވެ.

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ މަޖިލީހުގެ ޗެމްބަރ ތެރެއަށް ވެއްދުން މަނާ ތަކެއްޗާއި، ތޫނު ހަތިޔާރު، ކަޓަރު ފަދަ ތަކެތި ވައްދައި އިދާރީ މޭޒުގެ ކޮމްޕިއުޓަރ ކޭބަލްތައް ކަޓަރުން ބުރިކޮށްލައި، ތަކެއްޗަށް ގެއްލުންދީފައިވާތީވެ، ޢަމަލު ކުއްވެރި ކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޤާނޫނީ ޒިންމާއަދާކުރެއްވުމުގައި، ފަސްޖެހުމެއްނެތި ޤާނޫނުއަސާސީއާއި، ޤާނޫނު ނެގެހެއްޓުމުގައި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުތައް ކެއްތެރިކަމާއެކު، އަދާކުރައްވަމުން ގެންދަވާތީވެ، އެކަމަށް ޝުކުރުދަންނަވަމެވެ.

ރާއްޖޭގެ ރައްޔިތުންގެ ވޯޓުން ނިންމާ ނިންމުމަށް އިހްތިރާމް ނުކޮށް އަދި ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ މަސްޢޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅައި، ގަދަބާރުން އެހެން ގޮތްގޮތުން ކަންކަން ހާސިލުކުރުމަށް އުޅޭއުޅުން ހުއްޓާލައި،ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރގެ ޒިންމާއާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް މިގުރޫޕުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް
ތާރީޚް:23 ސެޕްޓެމްބަރ 2013