މެންބަރުންގެ ޚިޔާލު: އަމިއްލަ އެދުމުގެ ކަންފުޅެއްވެސް ނެތޯލަ!!!!!!

1 ސެޕްޓެމްބަރ 2010

ލިޔުނީ: ފުނަމާ

ހެޔޮނިޔަތުގައި ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ރައްޔިތުންގެ މަޖްލިސްގެ ގޮނޑިތަކެއް ކާމިޔާބު ކޮށްގެން މަޖްލިސްގެއަށް ވަދެ ” ބަޅުރުއްދޮށުގައި ގެއަޅައިގެން” މިއުޅުއްވާ ޢިއްޒަތްތެރި ގިނަ ބޭފުޅުންނަކީ ރައްޔަތުންނަށް ހެޔޮވަތައިގެން ހަމައެއްވެސް އަމިއްލަ އެދުމެއްނެތި ސައްތައިން ސައްތަ ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރައްވާ ބޭފުޅުންނޯލައެވެ.
މިކަން މިހާތަނަށް އެމަޖްލިހުން ކުރަމުން ގެންދާ މަސައްކަތްތަކުން ފިސާރި ރަނގަޅަށް ސާބިތުކޮށްވެސް އެބަދެވޭތާއެވެ. ސަރުކާރުން ކުރާ ކޮންމެ ކަމެއް ހުއްޓުވައި ރައްޔިތުންނަށް ސީދާކޮށް ފޯރުވައިދެމުންގެންދާ އެހީތައް ހުއްޓުވާލުމަށާ ވަޒީރުންގެ އިތުބާރު ނެތްކަމަށް ވޯޓުނެގުމާ ނުވަގުތުގައި ޤަރާރު ހުށައަޅައިގެން މަޖްލިސް ހުއްޓުވުމަކީ އެވިދާޅުވާ ރައްޔިތުންގެ ޙައްޤުގައި ސަރުކާރު ޒިންމާދާރު ކުރުވަން ކުރާ މަސައްކަތްތައްކަމުގައި ވާނަމަ ސާބަހެވެ. ތިޔަކަންކަން ކަމުފޮޅާ ގޮތްވެއްޖެނަމަ ދިވެހި ރައްޔިތުން ތިބެން ޖެހޭނީ އަމިއްލައަށް އަމިއްލަ އަތުން ކައްވަޅު ކޮނެ ކަފުން ހިފައިގެންތާއެވެ.
އަޑުއަހަން ތިބޭ މީހުން އަނގައިން ސޮނިވެއްޓޭ ވަރަށް ނޫނީ މޭނުބައިކޮށް ހޮޑުލެވޭވަރަށް އެތިބައަރާ ދައްކާ ވާހަކަތަކުން މިއަދު އޮޅެމުންމިދަނީ ހިޖުރަ އެކަންޏެއްވެސް ނޫނެވެ. އިރާ ދެކުނުވެސް މިދަނީ އޮޅެމުން އޮޅި މާރުވަމުންނެވެ. އަތުންނަގައި ލޮއެހުސްކޮށްފައިވާ ޤައުމުގެ ޚާޒާނާއިން ޤައުމުގެ ޙައްޤުގައި ބޯފެން ފުޅިޔެއް ނުގަނެވޭ މިންވަރުގައި އޮއްވައި މިޤައުމާއި ޙަވާލުވި ކައްޕިތާނު ފުރަތަމަވެސް ހަރުއަޑުން ވިދާޅުވީ އެންމެ ލޯލާރިއެއް ނެތަސް މިޤައުމު ހިންގަވާނެ ކަމުގައެވެ. އެކަން މިދަނީ ފިސާރި ސާބިތުކަމާއެކު ދައްކަވަމުންނެވެ.
ނަމަވެސް ވެރިކަމައިގެން ހަސްގަނެ އަމިއްލަ އެދުމުން ފުރިފައިތިބި އެބަޔެއްގެ މައްޗަށް ޚިޔާނާތުގެ މައިއިނގިލި ސީދާކުރެވެމުންދާ ހުދުގިރުވާނުގައި ތިއްބެވި ބޮޑެތި މަހުޖަނުން މިވަނީ މިސަރުކާރު ކުޑަކަކޫ ޖައްސުވައި މައިކަށިން ކޮންމެ
ހާލެއްގަވެސް ދިޔަނެރެލަން އެއްނަރަށް ފޫގަޅައިގެންނެވެ. މިކަމުގައި ކާމިޔާބު ހޯދުމަށް ރިޝްވަތުން ބައިއަޅައިގެން ބައެއްމީހުންގަނެ އެކުޅެމުންދާ ކުޅިގަނޑަކީ މިޤައުމުގެ ސަލާމަތްބުއްދިއެއްވާ ކޮންމެ ފަރުދަކު އަޖާބުވެ އަންތަރީސްވާވަރުގެ ކުޅިސަމާއެކެވެ. ރެޔާދުވާލު އެތަކެއް މިލިޔަން ރުފިޔާ ޚަރަދު ކޮށްލައިގެން ތިމާމެންނާއި ރައްޔިތުން ހަވާލުކުޅަ މަސްއޫލިއްޔަތު ހަނދާން ނައްތާލައި އިންތިޚާބުގައި އަތުންދޫވި މާލީ ތަނަވަސްކަން ރައްޔިތުންގެ ދިޔަފެލައިގެން އަވަސް ފުރުސަތެއްގައި ހޯދައިގަތުމަށާ އަނބުރާ ވެރިކަމުގެ އާރާ ބާރު އަންބޮނޑިޔައް ލުމުގެ ނިޔަތުގައި އެހެލި ކަތީބުން ތާއަބަދު އެކުރާ މަސައްކަތަކީ ފިސާރި އުކުޅާއި އިޔަހޫދިކަމުން ފުރިގެންވާ ކުޅިގަނޑެކެވެ.
“މަދާމަގުން ތަންދޭށޭ” ގޮވަމުން ފިސާރި ކާމިޔާބުކަމުގައި މިފަހަކަށްއައިސް ދުނިޔެދުށް އެންމެ ކާމިޔާބު ލީޑަރުންގެ ދެވަނަ ކަމުގައި ދުނިޔެ ދެކެމުންދާ ރައީސް ނަޝީދު ޙިކްމަތްތެރިކަމާ ވިސްނުންތެރިކަމާ ހިއްވަރާ އެކު އެކުރައްވަމުންދާ މަސައްކަތް ޕުޅުގައި މިޤައުމަށް ހެޔޮއެދޭހާބަޔަކު ބައިވެރިވެ އިތުރުވަމުން ކާމިޔާބަކަށްފަހު ކާމިޔާބެއް ހޯއްދަވަމުން ގެންދަވާތީވެ އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ އިދިކޮޅު ފަރާތްތަކުގެ ދެމިޔަކަނުން ސޮނިވެއްޓި ސިކުނޑި އަންތަރީހަށް އަރާ ދުވަހަކަށް މިދަނީ ވަމުންނެވެ.
ރަށްރަށުގެ ގޮނޑުދޮށުގައި އަރިއަޅަމުން ދެދުވަހުން އެއްދުވަހު ނުހިނގައިގެން ރައްޔިތުން ނުކުމެ ޝަކުވާ ބަންނަމުންދިޔަ އެސްކަވޭޓަރ ތަކުން ރަށްކައިރިން ވެލިނަގައިގެން ދުވަހަކު މުއްދަތުހަމަވާއިރު ނިމެމުންނުދިޔަ ބިންހިއްކުމުގެ މަޝްރޫޢުތައް ދެތިންދުވަހުން މެދުއަތޮޅުން ވެލިނަގައިގެން ހިއްކާލާތަން ފެނުމުން” ކޮބާކޮބާ ދެންހަދާލާނީ ކޮން ވާހަކައެއްތޯ” އެމީހުން އެމީހުނާ އެދަނީ ސުވާލު ކުރަމުންނެވެ. ” ފުފުލަކަށް ކޮތަޅުލައްވައިގެން ދުވާ” ޤާނޫނީ ވަކީލުންގެ ހިމާޔަތުގައި ބޮޑެތިހާ ކުށްކުށަށް ތުހުމަތު ކުރެވޭ ވަގުންނާއި ޤާތިލުން މަގުމައްޗައް ވީއްލުވައިގެން ކަނޑި ބަޑި ބޭނުންކޮށް މީހުން މެރުމާއި ޤާނޫނަކުން މިސަރުކާރުގައި ތަޅުއެޅުވުމަށް ރެޔާދުވާލު އެގެންދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު މިތިބަ ގޮވާ ނަގަނީ ތިމާމެންގެ އަމިއްލަ އެދުމެއް ނެތްކަމަށެވެ.
ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އެޤައުމެއްގެ އެތެރޭގެ ހާލަތު ގޯސްވެ ސަރުކާރަށް ފިއްތުންތައް ކުރިމަތިވާހިނދު އެކަން ސަމާލުކަމުން ބޭރުކޮށްލުމަށް ބޭނުންކުރާ ޙިކުމަތަކީ ބަލިކަށި ކޮންމެވެސް ޤައުމަކަށް އުދުވާނީ ހަމަލާއެއްދީ މީހުންގެ ވިސްނުން އަނބުރުވާލުމެވެ. މިގޮތުން ވޭތުވެދިޔަ ތިރީސްއަހަރު މިކަންކަން ތަޖްރިބާ ކުރެވިފައިވާތީވެ މިއަދު މިކުރަމުން ގެންދަނީ ހަމައެފާޑުގެ މަސައްކަތެކެވެ. ތަފާތަކީ މިކަން މިފަހަރު މިކުރާން އުޅޭނީ މިގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކަމުގައިވާކަމެވެ.
ސަލާމަތީ ބާރުތަކުގެ އިސްވެރީން ތިމާމެންގެ ސުންބުއްޔަށް ނުލެވިގެން ބަހަނާއަކަށްފަހު ބަހަނާއެއް ދައްކައި މިކަންވެސް ކާމިޔާބު ނުވުމުން އުދުވާނެއްގެ ވާހަކަ ދައްކައި މީސްތަކުންގެ ސަމާލުކަން އަނބުރާލައި ބިރުވެރިކަމަކަށް ޤައުމު ވައްޓާލުމަށް ހިކްމަތްތެރި ރޭވުމެއް ރާވައި އޭގެ ހިޔަނީގައި އެއްކަލަ” އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލައްވާން” ގެންގުޅޭ މާލިއްޔަތުގެ ޤާނޫނު އަނެއްކާވެސް ތުނބުލައި ވީދައިގެން ކައިފިއެވެ.
ރައްޔަތުންގެ ލާބައާއި މަންފާޔަށް މަސައްކަތް ކުރާންއޮތް ސަރުކާރަށް ދައުލަތުގެ މުދަލަކުން އިހްތިސާސް ކުރުމުގެ ޙައްޤުނުދީ ބޮޑެތި މަހުޖަނުންގެ ޖީބުގައިއޮތް ރިސޯޓުތަކާއި ރަށްތަކާ ބިންތައް ހިތުހުރިގޮތަކަށް ވިއްކައި ހަދާލުމުގެ ނުބައި ރޭވުމުގައި އެކުރާ މަސައްކަތަކީ” ބަލަ ދޮންކަލޯ” ހަމައަމިއްލަ އެދުމުން ފުރިގެން ތިބެ ކުރާންއުޅޭ ކަމެއްކަން ނިދާފައި ތިބި މީހުންނަށްވެސް މިދަނީ އެނގެމުންނެވެ. ވޭތުވެދިޔަ ތިރީސްއަހަރު ރައްޔިތަކަށް އެންމެ ސުވަލެއް ނުދީ ތިމާމެން ކައިގެން ލޮކިމަސްޖަހާފައިތިބި ހަށިތައް ވަށައިގެން މޭޒުދޮށުގައި އެތުރިލައި ތިޔަކުރާންއުޅޭ މަސައްކަތަކީ ކޮބައިކަން ނޭނގޭ ހަމައެކަކުވެސް ނެތެވެ. މާލިއްޔަތުގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނު އަރިއަރިޔަށް ހާނާލައިގެން ތިމާމެންގެ އަންބޮނޑި ބޮޑުކުރާން ކަނޑުފަތާއިރުވެސް މިތިބަ ގޮވަނީ އަމައްޔާތް ! މިއުޅެނީ އަމިއްލައެދުމަކައިގެންނެއް ނޫނެވެ. ދެންއެހެންނޫނީ މިމަރުދަން ޖެހެނީ އަޅެފަހެ ކޮންކަމަކާބާވައެވެ.