1 ސެޕްޓެމްބަރ 2010
ލިޔުނީ: މުޢާޒް މުޙައްމަދު (މޯލާ)
ރާއްޖޭގައި ޑިމޮކްރެޓިކް ސަގާފަތެއް އުފައްދައި ރާއްޖޭއަށް ފުރިހަމަ ޑިމޮކްރަސީއާއި އަދުލުއިންސާފާއި ހަމަ ހަމަކާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ރައްޔަތުން އެދޭ ބަދަލުގެނައުމަށް އެމް.ޑީ.ޕީގެ ކެޔޮޅުކަމުގައި ދިވެހިރައްޔަތުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޒަމާންވީ ޚުދުމުޚްތާރު ސިފަތައް އެކުލެވޭ ގާނޫނުއަސާސީ ބަދަލުކޮށް، ތިރީސް އަހަރުގެ ޚުދުމުޚްތާރުވެރިޔާ މައުމޫން އަބުދުލް ގައްޔޫމުގެ ވެރިކަން ނިމުމަކަށްގެނެސް، އެމް.ޑީ.ޕީގެ ވެރިކަމެއް މިއަދު ގާއިމު ކުރެވިފައިވާކަން ޔަގީނެވެ. ނަމަވެސް މިއަދާޖެހެންދެންވެސް ޒަމާނުއްސުރެ ރާއްޖޭގައި އޮތް ޚުދުމުޚްތާރު ސާގަފަތް ބަދަލުވެ ފުރިހަމަ ޑިމޮކްރެޓިކް ސަފަގާފަތެއް މިގައުމުގައި ގާއިމްކުރެވިފައިނުވެއެވެ. މިދެންނެވި ފަދަ ޑިމޮކްރެޓިކް ސަގާފަތެއް ގާއިމުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާ ގިނަ ސިޔާސީ ޕާޓީތަކުގައި އިންޓާރނަލް ޑިމޮކްރަސީ ނެތުމާއި ޑިމޮކްރެޓިކް ސަގާފަތެއް އުފެއްދުމުގެ ވިސްނުން ނެތުމެވެ. އިންޓަރނަލް ޑިމޮކްސަސީ ވަރުގަދަ ވެފައި ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށް ޑިމޮކްރެޓިކް ސަގާފަތެއް އުފެއްދުމަށް ހަމައެކަނި މަސައްކަތްކުރާ ޕާޓީއަކީ އެމް.ޑީ.ޕީ ކަން ކަށަވަރެވެ.
އެމް.ޑީ.ޕީ ފިޔަވައި އެހެން ޕާޓީތަކަށް ވިސްނާލާއިރު ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަވެރި ސިޔާސީ ވެއްޓެއްގެ ތެރެއިން މީހުން އިންތިޚާބުކުރާ ޕާޓީއެއްނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އަދި އިންތިޚާބުތަކުގައި ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމުގައިވެސް ހާމަކަން ބޮޑުކޮށް ވާދަވެރިގޮތެއްގައި ޕްރައިމަރީސް ބާއްވާތަން ފެންނަމުންދަނީ އެމް.ޑީ.ޕީންނެވެ. އެމް.ޑީ.ޕީ އަކީ ހުރިހާ މާނައެއްގައިވެސް ސިޔާސީ ޕާޓީގެ ސިފައެކުލެވޭ ހަމައެކަނި ސިޔާސީ ޕާޓީއަށް ވުމީ އެމް.ޑީ.ޕީ މެންބަރުން ފަޚުރުވެރިވާ ކަމެއްކަމުގައިވީނަމަވެސް ވާދަވެރި ސިޔާސީ ނިޒާމަކަށް އެމްޑީޕީގެ އެންމެހާ މެންބަރުންވެސް އަދިހުރިހާ ޕާޓީތައްވެސް އަހުލުވެރިވެގެން ނޫނީ މިގައުމުގައި ރައްޔަތުން އެދޭފަދަ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކޮށް އަދުލު އިންސާފު ގާއިމްކޮށް ރައްޔަތުން އެދޭ ކުރިއެރުމާއި ތަރައްގީ ގެނައުމަކީ ދަތިކަމަކަށްވާނޭ ކަން ޔަގީނެވެ.
މަތީގައިދަންނަވާފައިވާ ހަގީގަތްތަކާއި އެކު މިއަދު ވިސްނާލަންޖެހެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީގެ ޓިކެޓް ހޯދުމަށް ހުށަހަޅާފައިވާ ބައެއް ކެންޑިޑޭޓުން ޕްރައިމަރީސް އަކަށ ދާންް ފަސްޖެހޭ ފަސް ޖެހުމަށެވެ. ނަމަވެސް ޕްރައިމަރީސްއެއް ބާއްވައި ސީދާ މެންބަރުންގެ ވޯޓަކުން ނޫންގޮތަކަށް ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަކީ އެމް.ޑީ.ޕީން ހޯދާފައިވާ ކުރިއެރުމުގެ ސަތޭކަ ފިޔަވަޅު ފަހަތަށް ޖެހި، އަޅުގަނޑުމެންގެ ޗެއަރޕާސަން މާރިޔާ ވިދާޅުވާ ފަދައިން “ކުޑަސިޓީ ހެއްދުމާ ހަމަޔަށް ފަހަތަށް” ދިޔުން ކަމުގައިވެ، ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް މިގައުމުގައި ގާއިމްކުރުމަށް އެޅޭ ހުރަހަކަށް ނޫނީ ނުވާނެއެވެ. ވާދަވެރި ސިޔާސީ ނިޒާމަކަށް އަހުލުވެރި ނުވާބަޔަކު ތަފާތު މަގާމުތަކަށް އިންތިޚާބުވެ ގައުމު ބައްޓަން ކުރުމުގެ ޒިންމާ އެފަރާތްތަކާއި ހަވާލުކުރެވިއްޖެނަމަ މިގައުމުގެ މާޒީގައި ދެމިގެންދިޔަ ޚުދުމުޚްތާރު ސަގާފަތަށް އެފަރާތްތަކުން ވާގިވެރިވެ އެސަގާފަތް އަލުން އަނބުރާ މިގައުމު އަޅުވެތި ކުރުމުގެ ފުރުސަތު ދެވުނީއެވެ. މިއަދު ވިސްނާލަންޖެހޭ އެންމެ މުހިންމު ކަމަކީ މިދެންނެވި ޚުދުމުޚްތާރު ސަގާފަތަށް އެއްވެސް ފުރުސަތެއްނުދީ ވާދަވެރި ސިޔާސީ ނިޒާމެއްގެ ހުރިހާ ރުކުންތަކަށް އަޅުގަޑުމެން އަހުލުވެރިކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމެވެ.
މިދެންނެވި މުހިންމު ހަގީގަތް ގަބޫލުކުރާހިދު، އިންތިޚާބީ ގޮނޑިތަކަށްވުރެ ގިނަ ކެންޑޑިޑޭޓުން ޕާޓީގެ ޓިކެޓަށް އެދިހުށަހަޅާފައިވުމާއެކުވެސް ޕްރައިމަރީސްއަކަށް ނުގޮސް ކުޑަ ކޮމެޓީއަކުން ޕާޓީގެ ވަކި ކެންޑިޑޭޓުންނަށް ޓިކެޓް ދޭން ނިންމައިފިނަމަ ޕާޓީގެ މަސްލަހަތު ކިހާވަރަކަށް އެކަމުގައި އޮންނާނެތޯ ސުވާލު އުފައްދަން ޖެހެއެވެ. ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ޕާޓީގެ މަގާމުތަކަށް ވާދަކުރުމުގެ ހައްޤު ލިބިދީފައިވާހިނދު، އިންތިޚާބުގައި ވާދަކުރުމަށް ޕާޓީގެ ޓިކެޓް ހޯދުމަށް ހުށާހަޅާފައިވާ ކެންޑީޑޭޓަކަށް ޓިކެޓް ދޭން ނުވަތަ ނުދޭން ނިންމާނީ ކޮން ކަންތައްތަކެއްގެ މައްޗަށް ބަލާފައިތޯވިސްނާލުން މުހިންމެވެ. މިސާލަކަށް ކެންޑިޑޭޓުގެ ތައުލީމީ ފެންވަރާއި، ޕާޓީއަށް ޚިދުމަތްކޮށްފައިވާ މުއްދަތާއި އަދާކޮށްފައިވާ ވަޒީފާތަކާއި ލިބިފައިވާ ކާމިޔާބީތަކާއި މިފަދަ ކަންތައްތަކުގެ މައްޗަށް ބެލިދާނެއެވެ. ނަމަވެސް މިއިންއެއްވެސް ކަމަކުން އެކެންޑިޑޭޓަކަށް މެންބަރުން ތާއީދުކުރާ މިންވަރު އެގެން ނެތުމާއެކު، މިދެންނެވިފަދަ ކްރައިޓީރިއާއަކުން ބަލައިގެން ސެލެކްޓުކުރެވޭ ކެންޑިޑޭޓުންނަކީ މާބޮޑު ތާއީދެއް ނެތް ކެންޑިޑޭޓުންނަށްވެސް ވެދާނެއެވެ.
ކޮންމެ ކެންޑިޑޭޓަކީވެސް އެކެންޑީޑޭޓެއްގެ ފަހަތުގައި ސަޕޯޓް ބޭސްއަކާއި އެކު ޓިކެޓަށް އެދިހުށަހަޅާ ކެންޑީޑޭޓުންނަށް ވާއިރު، ކުރިންދެންނެވި ގޮތަށް މެންބަރުންގެ މަގުބޫލުކަން ކުޑަ ކެންޑިޑޭޓަކު ޕްރައިމަރީސްއަކާއި ނުލައި ސެލެކްޓް ވެފައި، މެންބަރުން އިންތިހާއަށް ތާއީދުކުރާ ކެންޑިޑޭޓަކަށް ނުވަތަ ކެންޑިޑޭޓުންތަކަކަށް ޕާޓީގެޓިކެޓް ނުދޭން ކުޑަ ކޮމެޓީއަކުން ނިންމައިފިނަމަ އެކަމުގައި ޓިކެޓް ނުލިބުނު ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންގެ ސަޕޯޓަރުންގެ ވިސްނުން ހަމަ ޕާޓީގެ މަސްލަހަތައްޓަކައި ގުރުބާން ކޮށްފާނެހެއްޔެވެ. މިދެންނެވި ޓިކެޓު ނުލިބުނު ކެންޑިޑޭޓަށްވުރެ މަގުބޫލުކަން މާކުޑަ ކެންޑިޑޭޓުން މެންބަރުންގެ ބަހެއްނެތި ސެލެކްޓްވާހިދު ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުން އިންތިހާއަށް އުފެދި ޑިމޮކްރަސީ ތަފާތު ގޮތްގޮތަށް މާނަކުރުމުގެ ރޫހެއްގެ ތެރެއިން ޕާޓީގެ ބައިބައި ވުމުގެ ފުރުސަތު އޮވެދާނެތޯ ވިސްނާލަން ޖެހެއެވެ.
އަޅުގަޑަށް ފެންނަ ފެނުމުގައި ޕްރާއިމަރީސްއަކުން މެނުވީ އެއްވެސް ކެންޑިޑޭޓަކު ކަޓުވާލައިފިނަމަ އެކަމުން ޕާޓީއަށް ކުރާ ނޭދެވޭ އަސަރު، ޕްރައިމަރީސްއެއްގައި އުފެދޭ ވާދަވެރިކަމުން ކުރާ ނޭދެވޭ އަސަރަށްވުރެ ކުޑައެއް ނުވާނެއެވެ. ޕްރައިމަރީސްއެއްގައި ގޮތްނިންމާނީ މެންބަރުން ކަމުގައި ވީހިނދު މެންބަރުން ނުރުހޭ ފަރާތަކަށް ޓިކެޓް ލިބުމުގެ ފުރުސަތެއް ނެތުމަކީ ޓިކެޓް ނުލިބޭ ފަރާތްތައްވެސް އެފަރާތްތަކުގެ ތާއީދު ވަޒަންކޮށްލައި ޕާޓީގެ ނިންމުމާއި މެދު އިހުތިރާމް ކުރާނޭ ނިންމުމަކަށް ވާނޭކަން ޔަގީނެވެ. މިފަދަ ހާލަތެއްގައި މެންބަރުންގެ ނިންމުމަށް އިހުތިރާމނުކޮށްް ޕާޓީގެ މަސްލަހަތު ނާގާލައި ޕާޓީން ވަކިވެގެންދާ ފަރާތްތަކުގެ ސަބަބުން ހަގީގަތުގައި ޕާޓީއަށް ކުރާނީ ފައިދާއެވެ. ސަބަބަކީ އެމް.ޑީ.ޕީ އަކީ ޑިމޮކްރެޓިކް ޕާޓީއަކަށް ވެފައި ޑިމޮކްރަސީ ގަބޫލު ނުކުރާ ބަޔަކު ޕާޓީގައި ތިބިނަމަ އެފަރާތްތައް ޕާޓީން ވަކިވުމަކީ ޕާޓީ އެއްވިސްނުމަކަށް ބައްޓަންކޮށް ކުނި ހޮވާލައި ޕާޓީ، ޕާޓީގެ ސިޔާސަތާއި އެއްގޮތަށް ބައްޓަންކުރުން އިތުރަށް ވަރުގަދަވެގެން ދިޔުމެވެ. ނިމިދިޔަ އިންތިޚާބުތަކުގައިވެސް މިމަންޒަރު މިގޮތަށް ފެނިފައިވާހިނދު އަޅުގަނޑު އެދެނީ މެންބަރުން ބޭނުންވާގޮތެވެ. އަދިއަޅުގަނޑު އެދެނީ އެމް.ޑީ.ޕީއަށް ލޯކަލް އިންތިޚާބު ކާމިޔާބުކުރެވި ޕާޓީއަށާއި ރައްޔިތުންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމާއަކަށެވެ.