އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށްޓަކައި އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހުޅުވާލި ފުރުސަތު ރައީސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި

1 ސެޕްޓެމްބަރ 2010

އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށްޓަކައި އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހުޅުވާލި ފުރުސަތު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އެޕާޓީން ބޭއްވި ޚާއްސަ ތަރާވީހުގައި މިކަމަށް ފުރުސަތު ހުޅުއްވައިދެއްވަމުން، ރައީސް ނަޝިދު ވިދާޅުވީ، ރައްޔިތުންނަށްޓަކައި ސަރުކާރުން ހިންގާ މަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިއުމަށްޓަކައި ޕާޓީގެ ނިޒާމްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ޕާޓީގެ އަސާސީ ޤަވާޢިދާއި، ޕާޓީ އެކުލެވިފައިވާ ގޮތުގެ އިތުރުން ސިޔާސީ އެހެނިހެން ކަންތައްތައް އެކަމަށް މަގުފަހިކުރެވޭ ގޮތަށް އޮތުމުން ކަމަށެވެ. އެހެންކަމުން، އެމްޑީޕީ އަކީ ވެރިކަން ހިންގާ ޕާޓީ ކަމަށްވާއިރު، ޕާޓީގެ އަސާސީ ޤަވާއިދަށާއި ޤައުމީ މަޖިލީހަށް ބަދަލު ގެނައުމަކީ، ޕާޓީ ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު މެމްބަރުން މި ތަރާވީހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.