ލ. ގަމުގައި އެމްޑީޕީގެ “ބާރަށް ކުރިއަށް” ކެމްޕެއިން ހަރަކާތް ވަރަށް ފޯރީގައި ކުރިއަށް

ލ. ގަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހާއްސަ ހަރަކާތްތަކެއް ދެވަނަ ބުރުގައި ޕާޓީގެ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ތާއީދު އިތުރުކުރުމުގެ ގޮތުން ފެށިގެން ކުރިއަށް އެބަދެއެވެ.

ބުދަ ދުވަހު (18 ސެޕްޓެމްބަރ 2013) ފެށުނު މިކެމްޕެއިން ޙަރަކާތްތަކުގައި އެދުވަހު ގަމު ތުނޑީ އަވަށުގައި ދޮރުން ދޮރަށް ހިނގާފައިވެއެވެ. އަދި ޖެހިގެން އައި ދެދުވަހު ގަމުގައި އަލަށް އާބާދުވީ ސަރަހައްދާއި، މަތިމަރަދޫ އަވަށުގައި ދޮރުން ދޮރަށް ހިނގައި އެމްޑީޕީގެ މެނިފެސްޓޯއާއި ބެހޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކޮށް، ސިޔާސަތުތަކަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްކޮށްފައިވެއެވެ.

މިއަދު (21 ސެޕްޓެމްބަރ 2013) ވަނީ މުކުރިމަގު އަވަށުގައި ހަރަކާތްތައް ބާއްވަވައިފައެވެ. ކެމްޕެއިންގައި ހަރަކާތްތެރިވަމުން އަންނަ ގަމު ދާއިރާ ރައީސް ރަގީބް އަލީ ވިދާޅުވެފައިވަނީ ފުރަތަމަ ބުރުގައި ލިބުނު %42.4 ވޯޓްއިން %50 އަށްވުރެ މައްޗަށް މިފަހަރުގެ ކެމްޕެއިން އާއިއެކު ޖެހިގެންދާނޭކަމަށެވެ.

ދެވަނަ ބުރުގެ ކެމްޕެއިންގައި އެމްޑީޕީއަށް މެންބަރުން އިތުރުކޮށް ކުރިން ވޯޓު ނުދޭ މީހުންގެ ވޯޓު ކަށަވަރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ގަމުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމްއިން މައުލޫމާތު ދެއްވިއެވެ. މިގޮތުން ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު ޤާސިމް އިބްރާޙިމްއަށް ވޯޓު ދެއްވި ގިނަ އަދަދެއްގެ ބޭފުޅުން އެމްޑީޕީއާއި ގުޅި، ޖަގަހަތައް ހަދާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި ދެވަނަ ބުރުގައި ރައީސް ނަޝީދަށް ވޯޓު ދޭން ބުނާ ގިނަމީހުން ވޯޓު ލާ ދުވަހު އެމްޑީޕީގެ މެންބަރުންނާއެކު ވޯޓުލާން ދިއުމަށްވެސްވަނީ ނިންމާފައެވެ.

ކެމްޕެއިން ހަރަކާތްތަކުގެ އިތުރުން ކުރިއަށް އޮތް 4 ދުވަހު މެނިފެސްޓޯގެ މައުލޫމާތު އޮޅުންފިލުވައި ދިނުމާއި ވޯޓުލާ ދުވަހު ކަންތައްތައް ކުރަންވީ ގޮތުގެ މައުލޫމާތު ދިނުމަށް ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށްވެސްވަނީ ނިންމާފައެވެ.