އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ފަސްކޮށް، އަލުން އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

30 އޯގަސްޓް 2010

މިއަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެއްސި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ފަސްކޮށް، މިހާރު މަޤާމްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކޮށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 7 ސެޕްޓެންބަރު 2010 ވާ އަންގާރަ ދުވަހެވެ. އަދި އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރ 2010 ވާ ހުކުރު ދުވަހު އެވެ.
އެމްޑީޕީގެ ޤައުމީ އިންތިޚާބާ ބެހޭ ކޮމިޓީން އެކުލަވާލާފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ޤަވަޢިދުގައިވާ ގޮތުން ދާއިރާގެ ރައީސްކަމަށް ކުރިމަތިލާ ފަރާތަކީ ގޮތްޕެއްގެ ރައީސެއް ކަމުގައި ނުވާނަމަ ނުވަތަ އެފަރާތަކީ 50 މެންބަރުން ހަމަނުވާ ގޮތްޕެއްގެ ރައީސަކު ނަމަ 50 މީހުންގެ ތާޢީދު ހުށަހަޅަން ވާނެއެވެ. ނުވަތަ އެގޮފި ފުރިހަމަކުރަން ވާނެއެވެ.
މި އިންތިޚާބުގައި ސެކްރެޓޭރިއަޓްގައި މުސާރަލިބޭ ގޮތަށް މަސައްކަތްކުރާ މުޥައްޒަފުންނަށާއި، ފާއިތުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީ ޓިކެޓަށް ޕްރައިމަރީގައި ވާދަކޮށް، ބަލިވި ނަމަވެސް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި އެއްވެސް ފަރާތަކަށް ވެސް މިއިންތިޚާބުގައި ވާދަނުކުރެވޭނޭ ކަމަށް އެމްޑީޕީ އޮފީހުން ބުނެއެވެ.
މި އިންތިޚާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކޮށް އަލުން ކުރިމަތިލާ ގޮތަށް ހަމަޖެއްސީ އިލެކްޝަން ޕްރޮސެސްގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް، އެގޮތަށް ނިންމުމަށް އެމްޑީޕީގެ ޤައުމީ އިންތިޚާބާ ބެހޭ ކޮމިޓީން ކަނޑައެޅުމާގުޅިގެން ކަމަށް އެމްޑީޕީން ބުނެއެވެ.