މެންބަރުންގެ ޚިޔާލު: މިޤާނުނު އަސާސީއަށް ޢަމަލު ކުރަމުން މިދަނީ ރަނގަޅައްތަ؟

30 އޯގަސްޓް 2010

ލިޔުނީ: ފުނަމާ

މަޝްހޫރު 17 އަހަރުން މައުމޫނުގެ ގަޔަށް ހެޔޮވަރު ކޮށް ފެހިލިބާސް ކަމުގައި ބުނާ ޤާނޫނު އަސާސީ އޭގެ އުމުރުން ހައެއްކައަހަރު ނުވަނީސް އެޤާނޫނު އަސާސީ އިސްލާހުކުރުމަށޭ ބުނެ އަނެއްކާވެސް މައުމޫނުގެ ވެރިކަމުގައި ޤާނޫނު ހަދާ މަޖްލިސް ނުވަތަ އޭރުގެ ނަމުންނަމަ ރައްޔިތުންގެ ޚާއްސަ މަޖްލިސް އެކުލަވާލިއެވެ.
” އައުޤާނޫނު ބާޤާނޫނުގެ ” ބަހުސެއް ދެމިގެން ދިޔުމަށްފަހު އެންމެފަހުން ޤާނޫނު މާނަކުރުމުގެ ތެރެއިން ނިމިގެން ގޮސްފައިވަނީ މިހާރު މިޢަމަލު ކުރަމުންދާ ޤާނޫނުއަސާސީއަކީ އާޤާނޫނު އަސާސީއެއްކަމުގައެވެ. މައުމޫނު އަލުން ވެރިކަމަށް ގެނައުމަށް ކުރެވުނު އެންމެ ބޮޑު މަސައްކަތުގެ ފެށުމަކީ މިއީކަމުގައި ބެލެވެއެވެ.
ޤާނޫނު އަސާސީ ތަސްދީޤު ކުރުމަށް މަސައްކަތް ކުރެވެމުން ދިޔައީވެސް ތަފާތު ބަހުސްތަކެއްގެ ތެރޭގައެވެ. ޤާނޫނީ މާހިރުންގެ ތެރެއިން މިކަމުގައިވެސް ދެރައުޔަކަށް ބުރަވެ ބަހުސްކުރެވުނެވެ. ޤާނޫނުއަސާސީ އެއްފަހަރާ ތަސްދީޤުކުރުމަކީ ކުރަން ހެޔޮނުވާ ވަރުގެ ކަމެއް ކަމަށާ ކުރީގެ ޤާނޫނު އުވިގެންދާއިރު މިޤާނޫނު އަސާސީއަށް ވާސިލްވުމަށް އިތުރަށް ހަދާންޖެހޭ ޤާނޫނުތައް ނުހެދި ދިގުލާނަމަ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ޤައުމު ހިނގައިދާނެ ކަމުގައި ހަރުއަޑުން އެއްބަޔަކު ގޮވަމުންދިޔައިރު އަނެއްބަޔަކު ދިޔައީ އެހުސްކަން ނައިސް ޤައުމު ސަލާމަތް ކުރެވޭނެ ކަމުގައި ބުނަމުންނެވެ. އެއިރު ބޮޑަށް ބެލެވެމުން ދިޔައީ ޤާނޫނު އަސާސީ ތަންފީޒު ނުކޮށް ހިފަހައްޓަނީ މައުމޫނު ވެރިކަމުގައި ބަގުޑިލައިގެން ހުރުމުގެ ބަހަނާއެއްގެ ގޮތުގައި ކަމަށެވެ. ކަންވީވެސް އެހެންނެވެ. ޤާނޫނު އަސާސީ އެތަކެއް ޕްރެޝަރާއެކު ތަސްދީޤު ކުރެވުމާއެކު އިސްލާހު ކުރެވުނުކަމުގައި ކުރީން އެބުނި ބުނުން ބަދަލުވެ އާޤާނޫނު އަސާސީއަކަށް މިޤާނޫނު އަސާސީ ސިއްކަ ޖެހިގެން ދިޔައީއެވެ.
މިހާރު މިއަމަލު ކުރެވޭ ޤާނޫނު އަސާސީއަކީ މިހާރު ބެލެވޭގޮތުން އޮޅުންބޮޅުން ގިނަ އަދި އެކިގޮތްގޮތަށް މާނަކުރެވޭ އަދި ހަމައެހެންމެ ރައްޔިތުންގެ މަޖްލީހުން ބޭނުން ވެއްޖެ ހިނދެއްގައި ބަންނަރަބަރެއްހެން ދަމާ ބޮޑުކޮށް ކުޑަކުރެވޭ ގޮތަށް އޮތް ޤާނޫނު އަސާސީއެއްކަން މިހާ ޅަފަތުގައިވެސް މިދަނީ އެނގެމުންނެވެ. އަދި ދައުލަތާ ސަރުކާރުގެ އެންމެ އިސް ފަރާތް ކަމުގައި މިޤާނޫނު އަސާސީން ބުނާ ރައީސުލް ޖުމްހޫރިއްޔާގެ ބާރުތައް ބޭނުން ގޮތަކަށް ހަނިކޮށް ރައްޔިތުންގެ މަޖްލީހަށް ހުރިހާ ބާރުތަކެއް ހިތުހުރިގޮތަކަށް ދަމާ ގުޅާކުރެވެން އެބައޮތްކަމާ އަދި މީގެ ސަބަބުން ތިންބާރު ވަކިވެފައި އޮތޭ ބުނުން ފިޔަވައި އެހެންކަމެއް ނެތްކަން މިދަނީ ހާމަވަމުންނެވެ. ރިޔާސީ ނިޒާމަކަށްވުރެ ބަރުލަމާނީ ނިޒާމަކަށް މިއަދު މިޤައުމުގައި ކަންކުރެވެން ފަށާފައި މިވަނީ އެހެންވެ ކަމުގައި ބުނެވިދާނެއެވެ.
ރިޔާސީ ، ބަރުލަމާނީ ޒުވާބު ތަކަކާއެކު އެތައް މިލިޔަން ރުފިޔާއެއް ހޭދަކޮށްގެން ރައްޔިތުންގެ ކައިރީ އަހައިގެން ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން ބުނެފައިވަނީ ރާއްޖޭގައި އޮންނަން ތިމާމެން ރުހެނީ ރިޔާސީ ނިޒާމެއް ކަމުގައެވެ. މިއީ ރައްޔިތުންގެ ނިންމުމެވެ. ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް އެބަޔެއްގެ ކިބައިން ފެށިގެން އަންނަ އަދި، ދެމިއޮންނާނެ ކަމުގައިބުނާ ރައްޔިތުންގެ ސީދާ ނިންމުމެވެ. ނަމަވެސް މިއަދު މިޤައުމުން ފެންނަމުން މިދަނީ މުޅީން އެހެން ރޫހެކެވެ. ބަރުލަމާނީ ނިޒާމުގައި އޮންނަގޮތަށް ރައްޔިތުންގެ މަޖްލީހަށް ހުރިހާ ބާރުތަކެއް ގުޅަކޮށް އަނެއް ދެބާރުގެ ،ޚާއްސަކޮށް އެގްޒެކްޓިވްގެ ބާރު ކުުޑަކުރަމުން ދާތަނެވެ. އަދި ޤާނޫނު އަސާސީގައި ހުރި ލޯވަޅުތަކުން ބާގަނދުގަނޑު ހަދައި ބޭނުންގޮތަކަށް އެއްބާރުން އަނެއްބާރަށް އަރައިގަންނަން ފުރުސަތު ފުޅާވަމުން ދާތަނެވެ.
ތިންބާރުގެ މެދުގައި ކަންހިނގަމުން މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި ދިޔަގޮތުން މިގެނެވުނު ބަދަލުތަކާ ޤާނޫނުގެ ފޮނިމީރުކަން އެކަން ހިއްސާކުރާން ތިބި ރައްޔިތުންނަށް ލިބެމުން ދިޔޭ ބުނުމަށްވުރެ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާ މާޔޫސްކަން ފެތުރެމުން ދާކަމުގައި ދަންނަވާން ޖެހެއެވެ. ބޮޑެތި ބޮޑެތި އަދަދުން މުސާރަ ނަގައިގެން ގޮނޑިތައް ހޫނުކުރަމުން ގެންދާއިރު ބައިކުޅަބައިންވެސް ރައްޔިތުންނަށް އެންމެ އެދޭގޮތުގައި ޚިދުމަތްތައް ފަސޭހަވަމުން ނުދާކަމުގައި ބުނާން ޖެހެއެވެ. ރައްޔިތުންނަށް ޚިދުމަތްދޭން އެތަކެއް ވަޢުދުވެގެން އައި ސަރުކާރުގައިމިދަނީ ބޮޑުތަޅު އަޅުވަމުންނެވެ. ދޭންފެށި ހުރިހާ ޚިދުމަތެއް ހުއްޓުވާލައި އަދި ސަރުކާރު މުލުން ލުހެލުމަށް ކުރެވޭން އޮތް ކޮންމެ ކަމެއް އެގެންދަނީ އެއްބާރުން ކުރަމުންނެވެ. މިކަންކަން ހުއްޓުވުމަށް ސަރުކާރަށް ކަންކުރާންޖެހޭ ގޮތުން އިތުރު ޕްރެޝަރ ތައް ސަރުކާރަށް ދަނީ ކުރިމަތި ކުރަމުންނެވެ. ދައުލަތް ހިންގުން ދަތިކޮށް ފަސްއަހަރު ސިޔާސީ ބާލީހުގައި ނިދުން ނޫންގޮތެއް ސަރުކާރަށް މިހާރަކު ނެތޭ ބުނާ ބަޔަކުވެސް އެބައުޅެއެވެ. ބޭނުންވާ ހަރުދުވެލީގައި ކުރިޔަށް ދިއުމަށް ސަރުކާރަށް އުނދަނގޫވަމުންދާއިރު އަދުލު އިންސާފުގެ ދާއިރާ އިތްގޮތާމެދުވެސް ރައްޔިތުން ވަނީ މުޅީން ހިންހަމަ ޖެހިފަކާ ނޫނެވެ. ނަމަވެސް މިފަހުން މިއައި ބަދަލުތަކުން ކަށަވަރުވާނީ ނިޔާތޯ ،ނުވަތަ، އަނިޔާތޯ ބަލާން އަދި ރައްޔިތުންނަށް ޖެހޭނީ ތިބޭށެވެ. އަދުލު އިންސާފުގެ ކަންކަން ރަނގަޅުވެގެން މެނުވީ މިހާރު މިއޮތް ހާލަތު ގައިމުވެސް ރަނގަޅު ނުވާނެކަން އެންމެންވެސް ދަނެއެވެ.
ކުށްކުރުން އިތުރުވުމާ ކުށްތަކުގެ ތުހުމަތުގައި ބަންދުކުރުމުގައި ހުރި ހުރަސްތަކާ ބޮޑެތި ވަގުންނާއި ޚިޔާނާތްތެރީންގެ ދިފާއުގައި ލާރިއަޅާ ދަބަސް ބޮޑުކުރުމުގެ ފުރުސަތު ލިބިފައިވާ ދެމެދު ހިނގާ މީހުން އިންތިހާއަށް ގިނަވެފައިވާއިރު ކަނޑިޔާ ބަޑި އެތެރެކޮށް ގެންގުޅުމަކީ ޤާނޫނެއްގައި ލިޔެވިފައި ނެތީމައި ހުއްދަކަމެއް ކަމުގައި ބެލެވުނެއްކަމަކު މަގުތަކުގެ މަތީގައި ކުދިކޮށް ކޮށާލެވޭ މީހުން ދަނީ ގިނަވަމުންނެވެ. މިކަންކަން ހުއްޓުވާން ތިބި މުއައްސަސާތަކުގެ ވެރީންގެ ކަރުގައި ވާޖަހައިގެން ދަމަމުން ގެންދިޔުމަކީވެސް ރައްޔިތުންގެ މަޖްލިހަށް ބާރުލިބިފައިވާ ކަންކަން ކަމުގައި ބަލާ މެދުނުކެނޑި އެކަންވެސް ދަނީ ކުރަމުންނެވެ. މުޅި ޤައިމު ބިޗޫހާއްޔަކަށްވެ އަވަދިވިޔަސް ތިމާމެންގެ އަތުގައިއޮތް ބާރުގެ ބޭނުން ކުރެވޭތޯ ފިސާރި ރަނގަޅަށް ދަނީ ކަންކުރަމުންނެވެ.
ސުވާލަކީ ޤާނޫނުގެ ދޯހަޅިކަމުން ފުރުސަތު ހޯދައިގެން މުޅިޤައުމު ވަކިބަޔެއްގެ މުށުތެރެއަށްލައި ފުނޑާލަމުންދާއިރު ދެން ކަންކުރެވޭނެ އެހެން ގޮތެއް ހަމަނެތީހެއްޔެވެ؟ ސަރުކާރުން މިކަންކަން ހުއްޓުވުމަށް ބާރުގެ ބޭނުންކޮށް ހެދުން ނޫންގޮތެއް ހަމަނެތީހެއްޔެވެ؟ ދޫދީގެން ރައްޔިތުންގެ ޚިދުމަތުގައި ތިބުމުގެ ރޫހެއް ސިޔާސީ މާހައުލުން ބިނާކުރެވެން ނެތީހެއްޔެވެ؟ އެހެން ކަމަށްވާނަމަ މިޤާނޫނު އަސާސީއަށް މިގޮތަށް ބަލަހައްޓައިގެން ތިބުމަކީ ކިހާވަރެއްގެ ބުއްދިވެރި ކަމެއް ހެއްޔެވެ؟
ރައްޔިތުންގެ މަޖްލީހުގައި ވަކިބަޔަކަށް އަޣުލަބިއްޔަތު އޮތުމުން ހިތުހުރިގޮތަކަށް ކަންކުރަމުން ސަރުކާރާ މިކުރަމުން ގެންދާ ހަނގުރާމަ އެންމެ ބާރަށް ހުޅުފަޅާފައި ވަނިކޮށް މިކުރިމަތިވަނީ އަނެއް އިންތިޚާބެވެ. ލޯކަލް ކައުންސިލްއެވެ. މިކަން ނިމިގެން ދާއިރު އަނެއްކާވެސް ފެށޭނީ އިތުރު ހަނގުރާމައެއް ކަމުގައި ވާނަމަ ދެން މިޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަކީ މިޖީލުގެ މީހުންނަށް ކުރެވޭނެ ކަމެއް ބާވައެވެ. އަހުލީ ހަނގުރާމަޔަކަށް މިކަން ބަދަލު ނުވެ ހިނގައިދާނެ ބާވައެވެ؟
އެހެންކަމުން ބައެއް ޤައުމު ތަކުގައި އެއަމަލު ކުރާގޮތަށް މިހާރުމިއޮތް ޤާނޫނު އަސާސީ މިޤައުމުގައި ހިންގާން ފެނޭތޯ ނުވަތަ ނުފެނޭތޯ އެޤާނޫނުން މޮޅާއި ދެރަ ލިބޭން ތިބި ރައްޔިތުންގެ ގާތު އަހައި ރުހުން ހޯދާން ނުޖެހޭނެ ބާވަޔޭ މިއީމިހާރު އުފެދޭ ސުވާލެކެވެ. އަމިއްލަ އަތުން ލިޔެވުނު ޤާނޫނު އަސާސީގެ ސަބަބުން މިޤައުމު ހަލާކުގެ ތެރެއަށް ދިއުމުގެ މަގުފަހިވެދާނެ ކަމުގެ ބިރުއޮތުމާއެކު އަދި މިކަމަކީ ޙަޤީޤަތެއްނަމަ އެކަމުގެ އެންމެ ނޭދެވޭ އަސަރު ކުރާނެ ރައްޔިތުންގެ ސީދާބަހެއް މިކަމުގައި ހޯދުމަށްފަހު މެނުވީ އިތުރު ފިޔަވަޅެއް ނޭޅުން މުހިންމު ވެއްޖެކަމުގައި މިހާރު ދެކެން އެބަޖެހެއެވެ. ކޮންމެ ގޮތެއްގައި ނަމަވެސް މިގައުމު އަމާން އޮމާން ކަމާއެކު ހިންގިގެން މެނުވީ މިޤައުމުގައި ދިރިނޫޅެވޭނެކަން ޔަޤީނެވެ. ބޮޑުމުސާރަ ލިބޭ މީހުންނަށް ދައުރު ނިމޭއިރު ބޭރު ޤައުމުތަކަށް ވަޒަންވެރިކަން ބަދަލުކޮށްލައި އުޅެލެވޭނެ ވަރަށް އަތްމަތި ތަނަވަސް ކޮށްލުމުގެ ފުރުސަތު ލިބިފައި ވީނަމަވެސް ދިވެހި ގިނަ ރައްޔިތުން މިތިބީ ކިހާހާލެއްގައިކަން މިޤައުމުގެ މީހުންނަށް ނޭނގުނިއްޔާ ދެން އެނގޭނެ ބަޔަކު ނުތިބޭނެތާއެވެ. އަދި މިބޭނުން ކުރަނީ ދިވެހި ބަހުން ލިޔެވިފައިވާ ޤާނޫނު އަސާސީއެއްކަމުން އޭގެ ދޭހަވެސް ކުރެވޭނީ ދިވެހީންނަށްތާއެވެ.