ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހާ އިންތިޚާބުތަކަކީ ހަމައެކަނި ރައްޔިތުންގެ ވޯޓަކުން ނިންމާ އިންތިޚާބަކަށް ހެދުމަށާއި ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުމެއްކަމަށް ވިޔަނުދިނުމަށް، ވެވެންހުރި އެންމެހާ މަސައްކަތް ކުރުމަށް ޤައުމީ މަޖިލީހުން އިޤްރާރުވެއްޖެ

ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހާ އިންތިޚާބުތަކާއި އަދި ވަކިން ޙާއްސަކޮށް މިހިނގަމުންދާ ރިޔާސީ އިންތިޚާބަކީ ދެފުއްފެންނަ، އިންސާފުވެރި ހަމައެކަނި ރައްޔިތުންގެ ވޯޓަކުން ނިންމާ އިންތިޚާބަކަށް ހެދުމަށާއި ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުމެއްކަމަށް ވިޔަނުދިނުމަށް، ވެވެންހުރި އެންމެހާ މަސައްކަތް ކުރުމަށް ޤައުމީ މަޖިލީހުން އިޤްރާރުވެއްޖެއެވެ.

މިއަދު(20 ސެޕްޓެމްބަރ 2013) ދަރުބާރުގެ ދޮށިމޭނާ މާލަމުގައި ބޭއްވުނު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ 117 ވަނަ ކުއްލި ބައްދަލުވުމުގައި ހުށަހެޅި ޤަރާރު “ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހާ އިންތިޚާބުތަކާއި އަދި ވަކިން ޙާއްސަކޮށް މިހިނގަމުންދާ ރިޔާސީ އިންތިޚާބަކީ ދެފުއްފެންނަ، އިންސާފުވެރި ހަމައެކަނި ރައްޔިތުންގެ ވޯޓަކުން ނިންމާ އިންތިޚާބަކަށް ހެދުމަށާއި ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުމެއްކަމަށް ވިޔަނުދިނުމަށް، ވެވެންހުރި އެންމެހާ މަސައްކަތް ކުރުމަށް ޤައުމީ މަޖިލީހުން އިޤްރާރުވަމެވެ.” ހާޒިރުވި އެއްމެހާ މެމްބަރުންގެ އިއްތިފާގުން ވަނީ ތާއީދުލިބި ފާސްވެފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 117 ވަނަ ކުއްލި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިއަމަންޓްރީ ގްރޫޕުގެ ބިލެއްދޫ ދާއިރާގެ މަޖިލިސް މެމްބަރ އަލްއުސްތާޛް އަޙްމަދު ޙަމްޒާ ހުށަހަޅުއްވާފައިވާ މި ޤަރާރަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ ޙާމިދު އަބްދުލް ޤަފޫރު ވަނީ ތާއިދު ކުރައްވާފައެވެ.