އެމްޑީޕިގެ މިއަދު ކުރިއަށްދާ “ބާރަށް ކުރިއަށް” ބައެއް ހަރަކާތްތައް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓ(އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދު އިތުރު ކުރުމަށް މިއަދު “ބަރަށް ކުރިއަށް” ކެމްޕެއިން ހަރަކާތްތަކެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން އެމްޑީޕިގެ “ބާރަށް ކުރިއަށް” ކެމްޕެއިން ޓީމެއް ޑީއާރޕީގެ މަޖިލިސް މެމްބަރ ރޮޒެއިނާ އާދަމްއާއި އެކު ކ. އަތޮޅުގެ ގުޅި، ގުރައިދޫ އަދި މާފުއްޓައް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެއްދުވަހުގެ މި ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 2 ޖަހާއިރު 4 ނަންބަރު ފާލަމުންނެވެ. އަދި މި ޓީމު ދަތުރު އެރެހެއްޓުމަށްޓަކައި ރައީސް ނަޝީދު ފާލަންކައިރައަށް ވަޑައިގަންނަވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކ. އަތޮޅުގެ މި ދަތުރުގައި ރޮޒެއިނާ އަދި ކެމްޕެއިން ޓީމު މިރޭ މާފުށިގައި އޮންނަ ވަރަށް ޙާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ރަސްމިއްޔާތަކީ މާފުށީ ޒުވާނުން “ކުރިއަށް ކުރިއަށް ޒުވާނުން ކުރިއަށް” ނަމުގައި ބާއްވާ ކެމްޕެއިން ހަރަކާތެކެވެ. މި ހަރަކާތުގައި މަޖްލިސް މެމްބަރުންގެ ވާހަކަފުޅު ދެއްކެވުމާއި، ޒުވާނުންގެ މިއުޒިކާއި، ބޮޑުބެރު ޖެހުންވެސް އޮންނާނެކަމަށް އެރަށުގެ ޒުވާން ނަބީހު ނަސީމު މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން އެމްޑީޕީއާއި ގުޅޭ އާ މެމްބަރުން ސޮއި ކުރުމާއި، ކެއުމުގެ ޖާފަތެއްވެސް އޮންނާނެކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ.
މީގެ އިތިރުން ވަރަށް ޙާއްސަ ގޮތެއްގައި އަގުހުރި ހަދިޔާތައް ލިބިވަޑައިގަތުމަށް ބައިވެރިވެވޭ ލަކީ ޑްރޯއެއްވެސް އޮންނަގޮތަށް ވަނީ ހަމަޖެހިފައެވެ. މި ލަކީ ޑްރޯގެ އިނާމުތަކުގެ ތެރޭގައި، 5 ގެސްޓްހައުސް އެއްގެ ފަރާތުން 5 ފަރާތަކަށް އެއްރޭގެ ހުރުމާއި ޑައިވިންއަށް ގެންގޮސްދިނުމަށްވެސް ވަނީ ރާވާފައެވެ. މީގެ އިތުރުން 2 ބޭފުޅަކަށް ގެސްޓްހައުސް ތަކުންނާއި މާލޭގައި ހުންނަ ސޯލްޓް ކެފޭއިން ދެވޭ ހިލޭކެއުމަކާއި އަދި މީގެ އިތުރުން އިތުރު 10 ފަރާތަކަށް އަގުބޮޑު ހަދިޔާ ލިބޭނެކަމަށްވެސް ނަބީޙް ވިދާޅުވިއެވެ.

މިރޭ މާފުށިގެ މި އިވެންޓް ނިންމަވާ ކެމްޕެއިން ޓީމު މާލެއަށް ދަތުރުފަށާނެއެވެ.

އެމްޑީޕިގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދި މެންދުރުފަހު 230ގައި ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި އޮންނާނެއެވެ.

އެމްޑީޕީގެ ޕާލިއަމަންޓަރީ ގްރޫޕުގެ ނައިބު ލީޑަރ ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރ ޢަލީ ވަޙިދު އދ. އަތޮޅުގެ ދަނގެތި، ދިގުރަށް އަދި ދިއްދޫއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުގެ 3 ޖަހާއިރު 4 ނަންބަރު ފާލަމުންނެވެ.

ރައީސް ނަޝީދާއި އެކު ފޮޓޯ ނެގުން މިއަދު ހަވީރު 5ޖަހާއިރު ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާނެއެވެ. އަދި މި އިވެންޓަށް އެންމެހާ ފަރާތްތަކަށް ވަނީ ދައުވަތުއަރުވާފައެވެ.

ރައީސް ނަޝީދު އޭވިއޭޝަން އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ބައްދަލު ކުރެއްވުން މިރޭ 9 ޖަހާއިރު މަންދު ކޮލެޖް ހޯލުގައި އޮންނާނެއެވެ.

ރައިސް ނަޝީދު މިރޭ 10ޖަހާއިރު ހ. ހަކުރާ ގޯޅި، ކެލީތިއާގައި ކުޅިވަރު ޖަގަހައެއް ހުޅުއްވައިދެއްވާނެއެވެ. މި އިވެންޓަށް އެމްޑީޕިގެ މެމްބަރުންނާއި ތާއީދު ކުރައްވާ ފަރާތްތަކަށް ވަނީ ދަޢުވަތުއަރުވާފައެވެ.

ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އަދި ޑީއާރޕީގެ މަޖިލިސް މެމްބަރ ވިޝާމް އަލީ އިއްޔެ ރ. އަތޮޅަށް ފެއްޓެވި “ބާރަށް ކުރިއަށް” ކެމްޕެއިން ދަތުރުފުޅުގައި މިއަދާއި މިރޭ އުޅުއްވާނީ ރ. އަތޮޅު މީދޫގައެވެ. ރ. އަތޮޅަށް ކުރައްވާ 2 ދުވަހުގެ މި ދަތުރުފުޅުގައި އިއްޔެ ޒިޔާރަތް ކުރެއްވީ މަޑުއްވަރީއަށެވެ. މަޑުއްވަރީގައި ދޮރުން ދޮރަށް ހިންގަވާ ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި ރައީސް ނަޝީދަށް ތާޢީދު އިތުރުކުރުމަށް ކެމްޕެއިންވަނީ ކުރައްވާފައެވެ. މިގޮތުން ރައީސް ނަޝީދަށް ފުރަތަމަ ބުރުގައި ވޯޓު ނުލާ ފަރާތްތަކާއި ބައްދަލު ކުރުންވަނީ ކުރިއަށް ގެންދަވާފައެވެ. މި ބޭފުޅުން ހޮނިހިރު ދުވަހު ރ. އަތޮޅު ދަތުރު ނިންމަވާ މާލެ ވަޑައިގަންނަވާނެއެވެ.

ފ. އަތޮޅަށް އިއްޔެ (18 ސެޕްޓެމްބަރ)ފެށި 2 ދުވަހުގެ ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ޓީމެއް ހަރަކާތްތެރިވަމުން އެބަދެއެވެ. “ބާރަށް ކުރިއަށް” ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި އިއްޔެ ނިލަންދުގައި ވަނީ ހިންގާފައެވެ. އަދި މިއަދު މި ޓީމު އުޅުއްވަނީ ދަރަބޫދޫގައިއެވެ.
މި ޓީމުގެ މައިގަޑި މަސައްކަތަކީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ނުދިން ފަރާތްތަކާ ބައްދަލުކޮށް ރައީސް ނަޝީދަށް ތާއީދު އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ދާއިރާއެއްގައިވެސް އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ މެމްބަރުން ހީވާގި ކަމާއިއެކު ކެމްޕެއިންގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް އަންހެނުންގެ ރޫޙުގެ ރައީސާ ޝިޔާމާ އަޙްމަދު ވިދާޅުވިއެވެ.

ރ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައި އެއަތޮޅަށް ކަނޑައަޅައިފައިވާ ކެމްޕެއިން ކޯރޑިނޭޓަރ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އިސްވެހުންނަވައި ކުރިއަށް ގެންދަވާ ކެމްޕެއިން ހަރަކާތްތައް މިއަދު ކުރިއަށްދަނީ ރ. އަތޮޅު އަލިފުށީގައެވެ.
އަލީފުއްޓަށް ވަޑައިގަތުމުގެ ކުރިން މަޑުއްވަރީ މީދޫ، ފައިނު، ކިނޮޅަސް އިނގުރައިދޫ ރަސްމާދޫ އިންނަމާދޫ މާކުރަތު އަދި ދުވާފަރުގައި މި ޓީމު ވަނީ ހަރަކާތްތެރިވެފައެވެ.
މިރަށްތަކަށް ވަޑައިގެން ރައީސް ނަޝީދަށް ފުރަތަމަ ބުރުގައި ތާއީދުކުރައްވައި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަަށް ޝުކުރުއަދާކުރައްވައި ކުރިއަށް އޮތް ދެވަނަ ބުރުގައި އެރަށުން އުންމީދު ކުރާ ނަތީޖާ އާއި ބެހޭގޮތުން ރަށު ކޯރޑިނޭޓަރުންނާއި، ކެމްޕެއިން ކޮމިޓީއާއި އަދި ސަޕޯރޓަރުންނާއި ވާހަަކަފުޅުދެއްކެވިއެވެ. އަދި އެނަތީޖާ ނެރެދެއްވުމަށް ހުރިހާ ބޭފުޅުން މަސައްކަތްކޮށްދެއްވުމަށް މާރިޔާ އެދިވަޑައިގެންެނެވިއެވެ.

ހދ އަތޮޅުގެ “ބާރަށް ކުރިއަށް” ކެމްޕެއިން ހަރަކާތް ހިންގުމަށްޓަކައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަޙްމަދު މައުސޫމް އަދި ކެމްޕެއިން ޓީމު 18 ސެޕްޓެމްބަރ ގައި މަކުނުދޫ އަށް ޒިޔާރަތް ކުރެއްވުމަށްފަހު ނޮޅިވަރަމް، ނޮޅިވަރަމްފަރު ޒިޔާރަތް ކުރެއްވުމަށް ފަހު މިވަގު ތިއްބެވީ ހަނިމާދޫގައެވެ. އަދި މައުސޫމު އާއި އެކު ހއ. އަދި ހދ އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓަރ ޝިފާ މުޙައްމަދު ވެސް މިހާރު ހުންނެވީ ހދ. ހަނިމާދޫގައެވެ. އަދި އެރަށުގައި ދޮރުން ދޮރަށް “ބާރަށް ކުރިއަށް” އެބަގެންދަވައެވެ. އަދި ޝިފާގެ އަރިއަހުގައި ޢަހްމަދު މައުސޫމުގެ އިތުރުން ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ރަޝީދާއި އިތުރު ކައުންސިލަރުންނާއި، ދާއިރާ ރައީސުން ހަނިމާދޫގައި އެބަ ހަރަކާތްތެރިވެއެވެ.

ހަނިމާދޫގައި މިއަދުގެ ދޮރުން ދޮރަށް ހިންގެވުމަށް ފަހު މިރޭ ބާއްވާ އާއްމު ޖަލްސާއަކަށް ދަނީ ތައްޔާރުވަމުންނެވެ. މި ޖަލްސާގައި އެމްޑީޕިގެ ޕާލިއަމަންޓަރީ ގްރޫޕުން މެމްބަރ އަބުދުލް ޤަފޫރާއި، މެމްބަރ އަޙްމަދު އަބްދުﷲއާއި، އައްޝެއިޙް ހުސެއިން ރަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޝިފާ މުޙައްމަދު ގެ ޓީމުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ދާއިރާ ރައީސް އިބްރާޙިމް ވަޙިދު އިއްޔެ ދަތުރުކުރެއްވީ ނޮޅިވަރަމް އަދި ނޮޅިވަރަމްފަރަށެެ. އަދި އެއަށްފަހު މިއަދު ހެނދުނުން ފެށިގެން އިބްރާޙިމް ވަހީދު އަދި ކެމްޕެއިން ޓީމު މިހާރު އުޅުއްވަނީ ކުރިނބީގައެވެ. އަދި ކުރިނބީއަށް ފަހު ކުމުންދޫއަށް ޒިޔާރަތްކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.