އަނިޔާވެރިކަމާ އެކު އީވާން ނަސީމް މަރާލައި، ޖަލުގައި ބަޑިޖެހި ހާދިސާ އަށް 10 އަހަރު ފުރުން ފާހަގަކުރުން

noosbayan

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މާފުށީ ޖަލުގައި، އިންސާނީ ކަރާމަތަށް ކުޑަވެސް ބެލުމެއް ނެތި ސިފައިން އަނިޔާވެރިކަމާ އެކު އުމުރުން އެންމެ 19 އަހަރުގެ ޒުވާނެއް ކަމަށްވާ މ.އޭޝިޔާ އީވާން ނަސީމް މަރާލައި، އެކަމާ ދެކޮޅަށް އިޖުތިޖާޖުކުރި ގައިދީންގެ ތެރެއަށް ” ވަޔަށް، ޖައްވަށް ފަޒާއަށް ޖެހި އުންޑަތަކުން” އެތައް ގައިދީންނެއް މަރުވެ، އެތައް ބަޔަކަށް ބޮޑެތި ލާ އިންސާނީ އަނިޔާދީފައިވާ ކަޅު ދުވަހަށް 10 އަހަރު ފުރުން އެމްޑީޕީން ނުހަނު ހިތާމައާއެކު ފާހަގަކޮށް، މި ލާއިންސާނީ ޖަރީމާ ހިންގުމުގައި ބައިވެރިވި އޭރުގެ ސަރުކާރުގެ އިސްވެރިންނަށް ޙައްގު އަދަބުދިނުމަށް ގޮވާލައި، މި އަނިޔާވެރި އަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

އީވާން ނަސީމް މަރާލާފައިވަނީ ރަޙުމްކުޑަ އަނިޔާވެރި މަރަކުންކަން ސާބިތުކޮށްދެއްވުމަށް މަސައްކަތްކުރައްވައި، އީވާން ނަސީމުގެ މަރުގެ ސެޓިފިކެޓްގައި ސޮއިކުރުމުގެ ކުރިން އެ މަރުޙޫމްގެ މަރު ތަހުގީގުކޮށް މަރުވި ސަބަބު ބެލުމަށް ޑޮކްޓަރުންނަށް ގޮވާލެއްވި ބޭފުޅަކީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ކަން މި ޕާޓީން އުފަލާއެކު ފާހަގަކުރަމެވެ. އީވާން ނަސީމުގެ އިހާނާތްތެރި މަރާ ގުޅިގެން ރާއްޖެ އަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެ، ރާއްޖޭގެ ޖަލުތަކުގައި މައުމޫން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި، ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެ އަނިޔާތަކުގެ ޝިކާރައަކަށްވެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް އޭރު ތުންތުންމަތިން ދައްކަމުންދިޔަ ވާހަކަތަކުގެ ޙަގީގަތް ދިވެހިރައްޔިތުންނަށް ހާމަވެގެން ދިޔައެވެ.

އެހެން ކަމުން އީވާން ނަސީމު މަރާލުމާއި، އެ މަރާއި ގުޅިގެން ޖަލުގައި ބަޑިޖެހި މައްސަލައިގެ ތަހުގީގު ރިޕޯޓުން ބައެއް ބައިތައް އުނިކޮށްފައިވުމާއި، ޖަލުގައި ބަޑިޖަހާފައިވަނީ ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން، މަތީ ފަރާތްތަކުގެ އޯޑަރަށް ކަމަށް ވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވާ ކަމާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫން ނަމަ ސިފައިންގެ ގާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ފަރާތްތަކާއި މެދު ތަހުގީގެއް ހިންގައި ޝަރީއަތްކޮށްފައި ނުވާތީ މިއީ އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހި، އިންސާފު ލިބެންޖެހިފައިވާ ކަންތައްތައް ކަން މި ހިނދުވެސް ފާހަގަކުރަމެވެ.

އަނިޔާވެރިކަމާއި، ޚުދުމުޚްތާރުކަން ހައްދު ފަހަނައަޅާފައިވާ، އަދި އެބައެއްގެ އަތް ދިވެހި ލޮބުވެތި ރައްޔިތުންގެ ލެއިން ކަޅިވެފައިވާ ފަރާތްތައް، އެ ފަރާތްތަކުގެ ލާއިންސާނީ އަމަލުތަކާމެދު ލަދުވެތިވުމުގެ ބަދަލުގައި، މިއަދު ވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާ ކަމީ އެމްޑީޕީން ނުހަނު ކުށްވެރިކުރާ ކަމެކެވެ. އަދި މި ފަދަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް ޙައްޤު އަދަބު ދިނުމަށް އަދިވެސް އެއްފަހަރު ކަމާއިބެހޭ ހުރިހާ މުޥައްސަސާއަކަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް
20 ސެޕްޓެމްބަރ 2013