އެއްފަސްކޮށް އޮތް ނަމަވެސް ދެރަށް ވަކިން ހިންގާނަމަ ކޮންމެ ރަށެއްގައި ވަކި ރަށު ކައުންސިލެއް އުފައްދާ ގޮތަށް ޤާނޫނު އިސްލާޙްކޮށްފި

30 އޯގަސްޓް 2010

އެއްފަސްކޮށް އޮތް ނަމަވެސް ވަކި ދެރަށެއް ކަމުގައިވާނަމަ އެދެރަށުގައި ކައުންސިލް ޤާއިމްކުރާނީ ވަކިން ކަމަށް ކަނޑައަޅައި އެ ޤާނޫނު އިޞްލާޙްކޮށްފިއެވެ. އިއްޔެގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި ގޮތުގައި މިގޮތަށް އަމަލުކުރަންޖެހެނީ ކުރިމަތިވެދާނެ އިޖްތިމާޢީ މައްސަލަތަކަށްޓަކައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙުގެނައުމުގެ ބިލް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ހިމެނޭ، މީހުންދިރިއުޅޭ ކޮންމެ ރަށެއް ހިންގުމަށްޓަކައި ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އުފައްދަން ވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އަދި މިޤާނޫނުގެ 21 ވަނަ މާއްދާގައި ” ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިޤާނޫނުގެ ދަށުން ސިޓީ ކައުންސިލެއް ޤާއިމުކުރެވިފައިނުވާ ކޮންމެ ރަށެއް ހިންގާނީ އެކަމަށްޓަަކައި މިޤާނޫނުގެ ދަށުން އިންތިހާބުކުރާ ރަށު ކައުންސިލަކުން” ކަން ބަޔާންކޮށްފައި ވާއިރު މިދެ މާއްދާ 136 ވަނަ މާއްދާއާއި ތަޢާރުޟުވާކަމަށް ފެންނާތީ އެވެ.