ރައީސް ނަޝީދަށް ތާއީދު އިތުރުކުރުމަށް “ބާރަށް ކުރިއަށް” ކެމްޕެއިން ދަތުރު ރ އަތޮޅުގައި ފެށިއްޖެ

ރ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައި އެއަތޮޅަށް ކަނޑައަޅައިފައިވާ ކެމްޕެއިން ކޯރޑިނޭޓަރ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އިސްވެހުންނަވައި ހާއްސަ ކެމްޕެއިން ދަތުރެއް އިއްޔެ (18 ސެޕްޓެމްބަރ 2013) ފައްޓަވައިފިއެވެ.

މިގޮތުން އެންމެ ފުރަތަމަ ކެމްޕެއިން ޓީމު ވަޑައިގެންެވީ މަޑުއްވަރީއަށެވެ. މަޑުއްވަރީގެ އިތުރުން ކެމްޕެއިން ޓީމު ވަނީ މީދޫ، ފައިނު، ކިނޮޅަސް އިނގުރައިދޫގައި ހަރަކާތްތެރިވެފައެވެ. މިރަށްތަކަށް ވަޑައިގެން ރައީސް ނަޝީދަށް ފުރަތަމަ ބުރުގައި ތާއީދުކުރައްވައި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަަށް ޝުކުރުއަދާކުރައްވައި ކުރިއަށް އޮތް ދެވަނަ ބުރުގައި އެރަށުން އުންމީދު ކުރާ ނަތީޖާ އާއި ބެހޭގޮތުން ރަށު ކޯރޑިނޭޓަރުންނާއި، ކެމްޕެއިން ކޮމިޓީއާއި އަދި ސަޕޯރޓަރުންނާއި ވާހަަކަފުޅުދެއްކެވިއެވެ. އަދި އެނަތީޖާ ނެރެދެއްވުމަށް ހުރިހާ ބޭފުޅުން މަސައްކަތްކޮށްދެއްވުމަށް މާރިޔާ އެދިވަޑައިގެންެނެވިއެވެ.

ރޭ އިނގުރައިދޫގައި ހަރަކާތްތެރިވުމަށް ފަހު މިއަދު ވަޑައިގެންނެވި ރަށްތަކަކީ ރަސްމާދޫ، އިންނަމާދޫ، މާކުރަތު އަދި އުނގޫފާރެވެ. މީގެތެރޭގައި އިންނަމާދޫއިން އެރަށު ސްކޫލުގެ ސުޕަވައިޒަރ ވިދާޅުވީ މެޖޯރިޓީއަށް ތަބާވާން ޖެހޭ ކަމުގައާއި ،ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް 95000 ވުރެ ގިނަ ވޯޓު ލިބިވަޑައިގަތުމުން އެބޭފުޅާ ޤަބޫލު ކުރައްވަނީ ރައީސް ނަޝީދު އެއީ މިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގައެ ކަމެވެ.

ކެމްޕއިން ޓީމުން ފާހަގަކުރެއްވި ގޮތުގައި ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ވޯޓު ނުދޭ ގިނަ ބަަޔަކު ދަނީ ދެވަނަ ބުރަށް ރައީސް ނަޝީދަށް އާނ ބަސް ބުނަމުންނެވެ. މިގޮތުން ޖުމްހޫރީ ޕާޓީގެ މެންބަރުން އެމްޑީޕީއާއި ގުޅެމުން އަންނަކަން ފާހަގަކުރެއްވިއެވެ. ކެމްޕެއިން ޓީމުން ވަޑައިގަންނަވާ ރަށްތަކުގައި ހަރަކާތްތެރިވާ ކެމްޕެއިން އޭޖެންޓުންނާއި ބައްދަލުކުރައްވައި މަސައްކަތް ކުރިއަށް ގެންދަވަންވީ ގޮތް އޮޅުން ފިލުއްވައި ހިތްވަރުދެެއްވައިފައިވެއެވެ. އަދި މިރަށްތަކުގައި ދޮރުންދޮރަށް ހިންގަވައި ރައީސް ނަޝީދަށް ތާއީދު އިތުރުކުރުމުގެ މަސައްކަތްކުރެއްވިއެވެ. އަދި ކަންމަތީ ބައްދަލުވުން ބާއްވަވައި ޕާޓީއަށް ތާއީދުކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވިއެވެ.

އަލިފުށީގައި މާދަމާއާއި މާދަމާރޭ ކެމްޕެއިން ހަރަކާތްތައް ހިންގެވުމަށްފަހު މިފަހަރުގެ ރ. އަތޮޅުގެ ދަތުރު ނިންމަވާލެއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

މިދަތުރުފުޅުގައި މާރިޔާ ދީދީ އާއިއެކު އިނގުރައިދޫ ދާއިރާ ރައީސް ހަސަން އަޙްމަދާއި ހެންވެއިރު ދެކުނު ދާއިރާގެ ރައީސް ޙުސެއިން ޝަމީމް އަދި ރ. އަތޮޅުގެ ބައެއް ކެމްޕެއިން އޭޖެންޓުން ބައިވެރިވެވަޑައިގަންނަވައެވެ.