ރިޔާސީ އިންތިޚާބުގެ ޤަވާއިދާ ޙިލާފު އަމަލުތައް ގިނަވަމުން އަންނާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަ ރައީސް މުޙައްމަދު ނަޝީދަށާއި މި ޕާޓީއަށް ނިސްބަތްކޮށް ރިޔާސީ އިންތިޚާބުގެ ޤަވާއިދުގެ 28 ވަނަ މާއްދާގެ (ހ)ގެ ނަމްބަރު 12 އާއި 15، އަދި އެމާއްދާގެ (ށ)ގެ ނަމްބަރު 2 އާއި 3 އާޚިލާފު ޢަމަލުތައް ގިނަވަމުން އަންނާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް މާލޭ މަގުތައް މަތީގައި އެމްޑީޕީގެ ފަރާތުން ހަރުކޮށްފައިވާ ކެމްޕޭން ބިލްބޯޑުތަކަށް ގެއްލުންދީ، ދިދަފަތި ކެނޑުމާއި އަދިވެސް ބައެއް ޖަމާޢަތްތަކުން މުޖުތަމަޢުތެރޭގައި ފިތުނަ އުފެދޭ ޒާތުގެ ދޮގު ވާހަކަ ފެތުރުމާއި އެފަދަ ހަގީގަތާއި ޚިލާފް ފިތުނަވެރި މައުލޫމާތު ފެތުރުމަށް ޕިކަޕް ފަދަ ތަކެތި ބޭނުންކޮށްގެން އާންމުން ދިރިއުޅޭ ތަންތަނުގައި އަޑުހަރުކޮށް ޖެހުމާއި އެމްޑީޕީގެ ކެމްޕޭން ލިޔުންތަކަށް ފެތޭފަދަ ގޮތަކަށް އޮޅުވާލައިގެން ދޮގު މައުލޫމާތު ހިމެނޭ ލިޔުންތައް މާލޭގެ މަގުތައް މަތީގައި ބަހައި ފެތުރުމަކީ ރިޔާސީ އިންތިޚާބުގެ ޤަވާއިދާ ޙިލާފު އަމަލުތަކެއްކަމުގައި މި ޕާޓީއިން ދެކެމެވެ. އަދި މި މައްސަލަތައް ކަމާއި ބެހޭ މުއައްސަސާތަކުން ބަލާ ތަޙްޤީޤް ކުރުމަށްވެސް ގޮވާލަމެވެ.

މިފަދަ ނާތަހުޒީބީ ދަށުދަރަޖައިގެ ކަންކަމުން ދުރުވުމަށް އެންމެހައި ދިވެހިރައްޔިތުންނަށް މި ޕަޓީން ގޮވާލަމެވެ. ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކަށް ތާޢީދު ކުރާ ފަރާތްތަކުގެ އެންމެ އިސް މަސްއޫލިއްޔަތަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައްޔިތުން އެބަޔަކަށް ވޯޓު ދޭންވީ ސަބަބުތައް އޮޅުންފިލުވައިދިނުން ކަމުގައި މި ޕާޓީން ޤަބޫލުކުރަމެވެ. އަދި ދިވެހިރާއްޖެ ތަރައްޤީކުރުމަށް އެ ޕާޓީތަކުން ހުށަހަޅާ ސިޔާސަތުތަކަކީ ކޮބައިކަން ހާމަކުރުމެވެ.

މިފަދަ މުހިއްމު ދަނޑިވަޅެއްގައި ސިޔާސީ ޕާޓީތަކުންނާއި އެމްޑީޕީއާއި ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކުންވެސް ޑިމޮކްރަސީގެ ރޫހާ އެއްގޮތްވާގޮތުގެ މަތިން ކެމްޕޭން ހަރަކާތް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް
19 ސެޕްޓެމްބަރ 2013