ރައީސް ނަޝީދު ދިވެހި ފަންނާނުންނާއި ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާ ފަންނާނުންނާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ. އިއްޔެ (18 ސެޕްޓެމްބަރ 2013) ބޭއްވުނު މިބައްދަލުވުން ކުރިއަށް ދިޔައީ ދަރުބާރުގޭ ހަކުރާ މާލަމްގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދުވަނީ މިދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން އައްސަވާފައެވެ. މިގޮތުން ފިލްމް އިންޑަސްޓްރީއާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެއިންޑަސްޓްރީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަނގަޅަށް ފިލްމު އެޅުވޭނެ ތަނެއް ނެތުންކަމުގައެވެ. އެކަމަށް ހައްލެއް ހޯއްދަވާ ދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރަށްވުރެ ބޮޑަށް މިދާއިރާގެ ބޭފުޅުންގެ އަޑު އިއްވާ، ދިމާވާ މައްސަލަތައް ހައްލުކޮށް އިތުރު ފުރުސަތުތައް ތަނަވަސްކުރުމަށް މިއުޒީޝަނުންނާއި އަރޓިސްޓުންގެ އެސޯސިއޭޝަނެއް އެފެއްދުމުގެ މުހިންމުކަމަށްވެސް ރައީސް ނަޝީދު އަލިއަޅުވައިލެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރު ވެރިކަމަށް އައުމަށްފަހު ފުރަތަމަ 100 ދުވަސް ތެރޭ މިއުޒީޝަނުންގެ ސްޓޫޑިއޯތައް ކޮޅަށް ޖެހޭނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯއާއި ފަންނާނުންނާއި ހުރި ގުޅުމަށް ބައްލަވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގެސްޓް ހައުސްގެ ވިޔަފާރި ރާއްޖޭގައި ފުޅާވެގެން ދިޔުމުން އަރޓިސްޓުންނަށް އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށެވެ. އަދި ހަމައެހެންމެ މުނިފޫހިފިލިވުމުގެ އިންޑަސްޓްރީ ޓުއަރިޒަމް ގާނޫނުގެ ތެރެއަށް ލާ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަތީ ތައުލީމަށް މެނިފެސްޓޯގައި އިސްކަން ދޭއިރު އޭގެ ތެރެއިންވެސް އިސްކަންދޭ އެންމެ މުހިންމު އެއް މާއްދާއަކީ ޕަރފޯރމިންގ އާރޓްސްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގިނަ އަދަދެއްގެ ދިވެހި ފަންނާނުން ބައިވެރިވި މި ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ރައީސް ނަޝީދުވަނީ ވޭތުވެދިޔަ ހިތްދަތި ދުވަސްތަކުގައި ދިވެހިންގެ ރޫހް ތާޒާކޮށްދީ ޖޯޝްގެނުވައިދިނުމަށް އެބޭފުޅުން ކުރެއްވި މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.