ކ. އަތޮޅު “ބާރަށް ކުރިއަށް”ކެމްޕެއިން ދަތުރު ފަށައިފި

ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރާ ޒިޔާރަތުގައި ޑީއާރޕީގެ މަޖިލިސް މެމްބަރ ރޮޒެއިނާ އާދަމް އެމްޑީޕީގެ “ބާރަށް ކުރިއަށް” ކެމްޕެއިން ޓީމާއި އެކު ދަތުރު ފައްޓަވައިފިއެވެ.

މިއަދު (19 ސެޕްޓެމްބަރ 2013) ހެނދުނު ކ. އަތޮޅުގެ ކާށިދޫއިން ފަށާ މި ދަތުރުގައި ކާށިދޫގައި ކެމްޕެއިން ހަރަކާތް ނިންމަވާ ދެން ޓީމު ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ގާފަރު، ދިއްފުށި ހިންމަފުއްޓަށެވެ. އަދި މާދަމާ ގުޅި ގުރައިދޫ މާފުއްޓަށް މި ޓީމު ޒިޔާރަތްކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ކ. އަތޮޅުގެ ރަށްތަކުގައި ދޮރުން ދޮރަށް ހިނގާއިރު ފާހަގަ ކޮށްފައިވާ ވަކިވަކި ގޭތަކަށް ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ނަޝީދަށް ވޯޓު ނުދޭ ފަރާތްތަކާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ރަށްރަށުގެ އެކި ފަންތީގެ ބޭފުޅުންނާއި ބައްދަލުކުރުން ހިމެނެއެވެ. މިގޮތުން ކައުންސިލަރުން، ކުރީގެ ރަށުގެ އިސްވެރިން ، ޒުވާނުން، ދުވަސްވި މީހުން، ޓީޗަރުން، މަސްވެރިން، ދަޑުވެރިން، ވިޔަފާރިވެރިން، ތަފާތު އެކިއެކި މަސައްކަތްތެރިން، އެންޖިއޯތަކުގެ މެމްބަރުންނާއި ބައްދަލު ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެމްޑީޕިގެ މެނިފެސްޓޯގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކޮށް ރައިސް ނަޝީދަށް ވޯޓު އިތުރު ކުރުމުގެ މި ދަތުރު މާދަމާރެއާ ހިސާބަށް ކުރިއަށް ދާނެއެވެ.