މެންބަރުންގެ ޚިޔާލު: ތޮފި ވެއްޓެނީ!

28 އޯގަސްޓް 2010

ލިޔުނީ: ފުނަމާ

ޤައުމީ އިއްތިހާދު ޕާޓީއަކީ މިސަރުކާރުގެ ރައީސްގެ ނައިބުގެޕާޓީއަށް ވާއިރު މިސަރުކާރު ހިންގުމުގައި މިޕާޓީއަށް އެންމެ ބޮޑަށް އެއްބާރުލުންދީ މަސައްކަތް ކުރުމަށް އެއްބަސްވެ ނުކުތް ޕާޓީއެވެ. ރައީސް ނަޝީދު އާއިއެކު ރަނިންމޭޓެއްގެ ގޮތުގައި އެޕާޓީގެ ރައީސް ޑރ ވަޙީދުވަނީ ނުކުމެ ވަޑައިގެން ރާއްޖޭގައި މިހާތަނަށް ބޭއްވުނު މަލްޓިޕާޓީ އިލެކްޝަންގައި ރައީސްގެ ނައިބުގެ މަޤާމްއަށް އިންތިޚާބުވެ ވަޑައި ގެންފައެވެ.
ޤައުމީ އިއްތިޙާދާއި އެމްޑީޕީއާއި ދެމެދު އެންމެ ފުރަތަމަ ހިންހަމަ ނުޖެހުންތަކެއް އުޅޭކަން އެނގިގެން ދިޔައީ ވީޓީވީގެ “ހޫނުގޮނޑީގެ” ޕްރޮގްރާމްގައި ޑރ ވަހީދު ވިދާޅުވި އެއްޗަކާއި ގުޅިގެންނެވެ. ވިސްނާލަން ޖެހޭކަމަކީ އެވަޤުތަކީ އެމްޑިޕީއަށް އެންމެ ފުރަތަމަ ފާޅުކަން ބޮޑުގޮތެއްގައި އިދިކޮޅު ޕާޓީތަކުން ޕްރެޝަރކޮށް އެންމެ ބޮޑަށް އެމްޑީޕީއަށް މިޕާޓީގެ އިޚްލާސްތެރި އެކުވެރީންގެ އެއްބާރުލުން ބޭނުންވި ވަޤުތެވެ. ނަމަވެސް ސިޔާސީ ކޮންމެވެސް ޕްރެޝަރެއްގައި ހުންނަވައިގެން ނޫންކަމެއްވެސް ނޭނގެއެވެ. ޑރ ވަހީދުވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވީޓީވީ މެދުވެރިކޮށް ސަރުކާރަށް ފާޑުވިދާޅުވެ އަދި އެކަމަކީ އެމަނިކުފާނު ޒިންމާދާރުކަން ކުޑަގޮތަކަށް ކުރެއްވި ކަމެއްކަމުގައިވެސް ހަމައެޕްރޮގްރާމްގައި ވިދާޅުވެފައެވެ.
އިއްތިހާދުގެ އެހެން ހުރިހައި ބައިވެރީންނާއި ޚިލާފަށް ޤައުމީ އިއްތިހާދަކީ މިފަދަ ކަމެއް ކުރުމުން އެމްޑީޕީއަށް އެންމެ ސިހުން ލިބިގެންދާނެ ޕާޓީކަމާމެދު ޝައްކެއްވެސް ނޫފެދެއެވެ. ސަބަބަކީ ރައީސް ނަޝީދުގެ ވެރިކަމުގެ މިދައުރު ނުނިމެނީސް ކޮންމެ ގޮތަކުން ނަމަވެސް ވެރިކަމުގެ ގޮނޑި ހުސްވެއްޖެނަމަ އެގޮނޑީގައި ޤާނޫނީ ގޮތުން އިށީނދެވަޑައި ގަންނަވާން ޖެހޭނީ ޑރ ވަހީދުކަމަށްވާތީއެވެ. ހަމައެއާއެކު ވެރިކަމުގެ ދަހިވެތި ކަމުގައި ކޮންމެ ބަޔަކު ތެޅިފޮޅި މިސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިނަމަވެސް ޤައުމީ އިއްތިހާދުންވެސް މިކަން އެޖެންޑާކޮށް ސަރުކާރާ އިދިކޮޅު ފަރާތްތަކާ އަތާއަތް ގުޅުވާލަފާނެކަމާމެދު އެމްޑިޕީއިން ވިސްނާފަކާނެތެވެ. ޑރ ވަހީދުއާއިމެދު ރައީސް ނަޝީދު ކުރައްވާ އިތުބާރާއެކު އެފަރާތުން މިސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތި ކުރުމުން އެމްޑިޕީގެ މެންބަރުންނަށް ވަރުގަދަ ސިހުމެއް ވެރިވެގެން ދިޔައެވެ. އަދި ހަމަ އެއާއެކު ހިލާލީގޭގައި އިދިކޮޅު ފަރާތްތަކާއެކު ޑރ ވަހީދު ބޭއްވެވި ސިއްރު ބައްދަލުވުމާ މިފަދަ އެތައްކަމެއް އެވަޤުތު ހާމަވެގެން ދިޔައެވެ. މިކަމުގައިވެސް ރައީސް ނަޝީދު ވަކާލާތު ކުރެއްވީ ޑރ ވަހީދުއާއި އެއްކޮޅަށް ކަމުގައިވުމީ ރައީސް ނަޝީދާއި ނާއިބްރައީސްއާއި ދެމެދު އޮތް އިތުބާރު އިތުރަށް ހާމަވެގެން ދިޔަކަމެއް ކަމުގައި ވެގެންދިޔައެވެ.
އެމްޑިޕީގެ އެންމެ މަތީ ފަންތީން ފެށިގެން ޤައުމީ އިއްތިހާދާއި މެދު ހިންހަމަ ނުޖެހި އެޕާޓީއާއި އެކު ވެވިފައިވާ ހުރިހާ އެއްބަސްވުމެއް އުވާލާން ގޮވާލައި ޚުދު ރައީސް ނަޝީދުއަށްވެސް މިކަމުގައި އިލްތިމާސް ދަންނަވަމުން ގެންދިޔައެވެ. ޤައުމީ ކައުންސިލުން މިގޮތައް މިކަން ކުރުމަށް ޤަރާރެއްވެސް ފާސްކުރިއެވެ.
މިހިސާބުން އޭރުގެ އިކޮނޮމިކް މިނިސްޓަރގެ މަޤާމުގައި ހުންނެވި ޤައުމީ އިއްތިހާދުގެ މެންބަރު ރަޝީދު އިސްތުއުފާ ދެއްވީ ސީދަ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީންކަމުގައި ވިދާޅުވެއެވެ. އެހަންނަމަވެސް އެކަމާމެދު އެމަނިކުފާނުން ހިއްޕުޅު ހެޔޮކަމުގަޔާއި މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި ބައެއްފަހަރު އެގޮތައް ކަންހިގާނެ ކަމުގައި ޤަބޫލުކުރައްވާ އަދި އެމަނިކުފާނުންނާއި ރައީސް ނަޝީދާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމުގައި ވިދާޅުވެ ސިޔާސީގޮތުން އެމަނިކުފާނަކީ ތަސައްރަފުފުދޭ ޝަޚްސިއްޔަތެއްކަން ހާމަކުރެއްވިއެވެ. އަދި އެހިސާބުން އެންމެ ބޮޑަށް އަޖާބުވާން ޖެހުނީ ކުއްލިޔަކަށް ޑރ މުސްތަފާ ލުތުފީއާއި އެކު ޤައުމީ އިއްތިހާދުގެ މުހިންމު ތަނބުތަކެއް ލުއްސައިގެން އައިސް އެމްޑީޕީއާއި ގުޅިގެން ދިއުމުންނެވެ. ހަމައެއާއިއެކު ކުރީން ޑީއާރުޕީގައި މައުމޫނުގެ އެންމެ ގާތުގައި ބަކަތަޅާން އުޅެއުޅެފައި މައުމޫނު ވެއްޓެމުންދާތަން ފެނުމުން އިއްޒަތާ ޖާހަށް ފެންބޮވައިފައިހުރި ވަރުން ޤައުމީ އިއްތިހާދާ ގުޅުނު ތައުފީގު ނުވަތަ “ޓޯޕީ” އެޕާޓިގެ ސެކްރެޓަރީ ޖެނެރަލް ގެމަޤާމުގައި ހުރެގެން ފާޅުގައި މިސަރުކާރަށް އެތިވަރު ގޮވައި ދެޕާޓީމެދުގައި ޖެހުނު މައްސަލަ އިތުރަށް ހޫނުކުރާން ފެށިއެވެ. މީޑީޔާގެ ބައެއް ޕަރޮގްރާމްތަކުގައި ބައިވެރިވެ ތައުފީގު ކުރަމުން ގެންދިޔަ މަސައްކަތުން މީނާއަކީ ޑީއާރުޕީ ވަންތަކަން އަދިވެސް ފިސާރި ރަނގަޅަށް މައިކަށިގައި ލައިގެން ޤައުމީ އިއްތިހާދުގެ ތޮފިއަޅައިގެން އުޅޭ މީހެއްކަން ގިނަބަޔަކަށް ޤަބޫލު ކުރެވުނެވެ. ސިޔާސީގޮތުން މިހާތަނަށް މާބޮޑު ކާމިޔާބެއް އަމުދުން ލިބިފައިނުވާ ޓޯޕީއަކީ ޑިއާރުޕީގެ ސިއްރު ޖާސޫސެއްގެ ގޮތުގައި ޤައުމީ އިއްތިހާދުގައި ވަކިހިއްޕައިގެން އޮވެ އެމްޑިޕީއާއި ޤައުމީ އިއްތިހާދާ ދެމެދު އޮތް ގުޅުންތައް ކައިހުސްކުރާ ” ކަތުރު ފަންޏެއްގެ” ގޮތުގައި މިދެޕާޓީގެ ގިނަބަޔަކު ތުހުމަތު ކުރެއެވެ. އަދި މިފަހަކަށް އައިސް ޑިއާރުޕީއާއި އެޕާޓީން “ވެރިކަންވައްޓާލަން” އިއްތިހާދުވެގެން އެއުޅޭ ރޮނގާލިތަކާ އެކުވެގެން އެތޮފި ގަނޑުވެސް އަޅައިގެން އުޅޭ ކަމުގައި ބުނާތީވެ އަޑުއިވެއެވެ. ކޮންމެއަކަސް ” ގިތެޔޮ އެޅި ގުޅިޔަކުން ވަހެއް ނުފިލާނެޔޭ ” ބުނާ ބީދައިން އެނުލަފާ މައުމޫނުގެ މިކަހަލަ މުނާފިގު ދެފުށްކެހެރީން މިޤައުމުގައި ފިސާރި ގިނައިން މިހާރުވެސް އެބަތިއްބެވެ. އަދި ހުރިހާ ސިޔާސީ ޕާޓިތަކެއްގެ ތެރޭގައިވެސް މިކަހަލަ ކަތުރުފަނި އުޅޭކަން ޤަބޫލު ކުރާން ޖެހެއެވެ. އެހެންނަމަވެސް “ޓޯޕީ” އަޅައިގެން އުޅުނު ތޮފިވެއްޓި މިހާރު އެދަނީ ފިސާރި ރަނގަޅަށް ބޭޒާރު ވަމުންނެވެ. އާނ އެހެންޏާ ޓޯޕީމެން ވަޒީރުންނަށް ރުހުންދޭއިރު ތިމަންނާމެންގެ ޕާޓީއަށް ދީފަހުރި ގޮނޑިތައް އަތުލިކަން ހަނދާން ބަހައްޓާށޭ ބުނާއިރު މަޖިލީހުގެ ކިތައް ގޮނޑި ސަރުކާރަށް ހޯދައިދެވުނުތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މާތާހިރުވާނެއެވެ.