28 އޯގަސްޓް 2010
ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލްތަކަކީ ވަގު ލާރިން ގުންޑާއިން ހިންގާ ޓީވީ ޗެނަލްތަކެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މީޑިއާއަށް ރޭ ދެއްވި ބަސްދީގަތުމެއްގައި މޫސަ ވިދާޅުވީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއަކަށް ލިބިދީފައިވާ މިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައި، އަމިއްލަ ޓީވީ ޗެނަލްތަކުގެ ވެރިންގެ ފިކުރާ ތަފާތު ސިޔާސީ ފިކުރެއް ގެންގުޅޭ ފަރާތްތައް ކަތިލަން އެޗެނަލްތަކުން މަސައްކަތްކުރާ ކަމަށާއި، މި ސަރުކާރުން މިވީހާތަނަށް ރަގަޅު އެއްކަމެއް ވެސް ކޮށްފައިވާ ކަމަށް އެފަދަ ޓީވީއަކުން މިހާތަނަށް ގޮވާފައިނުވާ ކަމަށެވެ.
” އެއްވެސް ސަރުކާރަކަށް މިހާ ދުވަސްވާއިރު ރަގަޅު ކަންތައްތަކެއް ނުކުރެވި ހުންނާނެ ކަމަކަށް ގައިމު ބަޔަކު ޤަބޫލެއް ނުކުރާނެ. އެކަމަކު ދުވަހަކުވެސް މިސަރުކާރުންކުރި މިވެނި ކަމެއް ރަގަޅޭ މިއިން ޓީވީއަކުން ބުނި އަޑެއް ނީވޭނެ. ބަނދަރު ހެދިޔަސް އެކަމެއް ގޯސް، ނަރުދަމާ އެޅިޔަސް، ބިން ހިއްކިޔަސް އެކަމެއް ގޯސް. އަދި ކޮބާ. ރަށެއްގަ މިސްކިތެއް އެޅިޔަސް އެކަމެއް ވެސް ގޯސްކޮށްފަ ޚަބަރު ފަތުރާފަ މިއޮންނަނީ. އެހެންވެ އަޅުގަނޑު މިދަންނަވަނީ ވަރށް ކެރިހުރެ، އަމިއްލަ ޓީވީ ޗެނަލްތަކަކީ ހަމަ ވަގު ލާރިން ގުންޑާއިން ހިންގާ ޓީވި ޗެނަލްތަކެކޭ. މިމީހުންނަށް ރަގަޅަކަށް ދުވަހަކުވެސް ކަމެއް ނުކުރެވޭނެ” މޫސަ ވިދާޅުވިއެވެ.
އަމިއްލަ މީޑިޔާތަކަކީ ވެރިކަމަށް ބޫތުކައިފައިތިބި ބަޔަކު ވެރިކަން ހޯދުމަށްޓަކައި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ޕްރޮޕެގެންޑާ މެޝިންތަކެއް ކަމަށް ސިފަކުރައްވަމުން މުސަ ވިދާޅުވީ، “މި ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދެމުންދާ ކަންތައްތަކާއި، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަތަކަށް ފަސްއަޅައި ފޮރުވައި، ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅޭގޮތަށްޚަބަރުތައް ފެތުރުމަށް ވީޓީވީ އާއި ދި ޓީވީން ކުރާ މަސައްކަތުގައި އެއްބާރުލުންދޭ އެނައުންސަރުން ވެސް ލަދުގަންނަން ޖެހޭނޭ” ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ހަމައެކަނި މީޑިއާއަށް ލިބިގެންވާ ޙައްޤެއް ނޫން ކަމަށާއި، މީޑިއާ ހަމަމަގުން ކައްސާލައިގެންދާނަމަ މީޑިއާ އާ ދެކޮޅަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް މޫސަ އާއި ދެކޮޅަށް ބަޔާން ނެރުނަސް މީޑިއާ ޒިންމާދާރުކުރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، އެންމެ ތަންކޮޅެއްވެސް ދޫނުދެއްވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
“މިޤާނޫނު އަސާސީގެ ދަށުން ވެރިކަންކުރުމުގެ ބާރު އިދިކޮޅު ފަރާތްތަކަށް ލިބިއްޖިއްޔާ އެމީހުން ދިވެހިރައްޔިތުންގެ މުޅި މިލްކިއްޔާތު ނިގުޅައިގަންނާނެ ކަމާ، މާޒީގަ ކަންކުރި ގޮތަށް ދިވެހިރައްޔިތުންގެ ގަޔަށް ބަޑިޖަހާ މަރާނެކަން މިހާރު ޔަޤީން ވެއްޖެ. ސިފައިންނާއި ފުލުހުންގެ މައްޗަށް އަތްގަދަކުރަން ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތް ވެސް މިކަމުގެ ހެއްކަކަށް ފުދޭ. މީގެ އިތުރުން މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުތައް މުޅިން ބަދަލުކޮށް ސިވިސް ސަރވިސް ކޮމިޝަނަށް މަޖިލީހުން އަތްބާނައި، އެންމެ ފަހުން މިހާރު އެދަނީ މުޅި މީޑިއާ މުށުތެރެއަށް ލުމަށް އެމްއެންބީސީ އާ ދިމާކުރަމުން. އެހެން ކިރިޔާ ކަމެއްވާއިރަށް ކޯޓުތަކަށް ދުވުނަސް، މާލިއްޔަތު ޤާނޫނަށް ބަދަލު ގެނެސްގެން ދައުލަތުގެ މުޅި މިލްކިއްޔާތު މަޖިލީހުގައި ތިބި މަހުޖަނުންގެ އަތްމައްޗަށް ގެންދިއުމަށް އެކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަން” މޫސަ ވިދާޅުވިއެވެ.