ޖަމްޢިއްޔަތުލް ސަލަފްގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި އެޖަމްޢިއްޔާގެ ފަރާތުން ވާހަކަ ދެއްކެވި އައްޝައިޚް އާދަމް ޝަމީމްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުގެ ޖަރީމާއަށް ނިސްބަތްކޮށް މި ޕާޓީ ބައިވެރިވުމެއް އެކަމުގައި ހިމެނޭކަމަށް އިލްޒާމް އަޅުއްވާފަދަ ގޮތަކަށް ދޭހަކޮށް ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައިވާ ކަމީ މި ޕާޓީން ކަންބޮޑުވެ ކުށްވެރިކުރާ ކަމެކެވެ.
އަދި މިފަދަ ޙައްސާސް މައްސަލައެއްގެ ޝަރީޢަތް ހިނގަމުން ދަނިކޮށް، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދުމަށް ދީނީ ވައުޟު ބުނުމާއި ނަސޭޙަތް ދިނުމުގެ ކަންކަމުގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެއް މަސައްކަތް ކުރަމުން އަންނަ ކަމީ މި ޕާޓީން ނުހަނު ހިތާމަކުރާ ކަމެކެވެ.
އަލްމަރުޙޫމް ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ އަނިޔާވެރި ޢަމަލުގައި މި ޕާޓީން އެއްވެސް މިންވަރަކަށް ޝާމިލުވެފައިނުވާނެކަން ސާބިތުކަމާއެކު ދަންނަވަމެވެ. މިފަދަ ހިތާމަވެރި ޖަރީމާއެއް ދީނުގެ ނަމުގައި ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް މި ޕާޓީން ގޮވާލަމެވެ.
މަދަނީ ޖަމްޢިއްޔާއަކުން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ބަދަލުގައި ފިތުނަ އުފެދޭ ގޮތަށް ސިޔާސީ ނާޖާއިޒު ފައިދާ އެހެން ފަރާތަކަށް ލިބޭ ފަދަ ގޮތަކަށް މަސައްކަތް ކުރުމަކީ މިއަދު ދިވެހިރާއްޖޭގައި އުފެދި އަށަގަންނަމުން އަންނަ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ތަރައްޤީއާއި ތަހުޒީބު މާޒީގެ އަނިޔާވެރިކަމާއި ބިރުވެރިކަމަށް ބަދަލުވެގެންދާނެ ފަދަ ކަމެކެވެ.
މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރުމާއި އިސްލާމްދީން ފިޔަވާ އެހެން ދީނަކަށް އެއްވެސް ޖާގައެއް ނުދިނުމަކީ މި ޕާޓީގެ އެންމެ މުހިއްމު އެއް މަޤްޞަދެވެ.
އެމްޑީޕީ ސަރުކާރުގައި ދިވެހިރާއްޖޭގައި އަލަށް އިސްލާމިކް މިނިސްޓްރީއެއް ޤާއިމުކޮށް ދިވެހިރާއްޖޭގައި އިސްލާމްދީން ރައްކާތެރިކުރުމާއި ދެމެހެއްޓުމަށް އަގުނުކުރެވޭ ފަދަ މަސައްކަތްތަކެއް ކުރެވުނެވެ. ދީނީ ވައުޟު ބުނުމާއި އިސްލާމްދީނުގެ މަތިވެރި ނަސޭހަތާއި ޝިޢާރު ބިރުވެރިކަމެއްނެތި ދިވެހި ރައްޔިތުންނަށް ދިނުމުގެ މިނިވަންކަން މުޅިން އަލަށް ލިބިގެން އައީ ކުރީގެ ވެރިކަން ހިންގުމުގެ ނިޒާމު ނިމުމަކަށް ގެނެސް 2008 ވަނަ އަހަރު ތަސްދީޤްކުރެވުނު އާ ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން އެމްޑީޕީގެ ވެރިކަމުގައެވެ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި 42 މިސްކިތް ބިނާކޮށް 150 އިސްލާމް މުދައްރިސުން ތަމްރީނު ކުރެވި އެތައް ސްކޫލެއްގެ ނަމާދު ކޮޓަރި ބިނާކުރެވުނެވެ. އަދި ޔުނިވަރސިޓީގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ހަރުދަނާ ކުރުމަށް ބޭރުގެ އެހީ ހޯދައި އެ ފެކަލްޓީއަށް އެންމެ ބޮޑަށް އެހީ ބޭނުންވެފައިވާ އެއް ދާއިރާ ކަމުގައި ލައިބްރަރީ އިތުރަށް ތަރައްޤީ ކުރެވުނެވެ. އަދި އިސްލާމީ ޢަރަބި ތަޢުލީމު މާލޭގައި ދެމުން އައި އަލްމަދަރަސަތުލް ޢަރަބިއްޔަތިލް އިސްލާމިއްޔާ ހިންގަމުން އައި ޢިމާރާތް ބާވެ ވީރާނާ ވެފައި ވަނިކޮށް ދަރިވަރުން ކިޔަވާނެ ޒަމާނީ ޢިމާރާތެއް ބިނާކުރުމަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅައި އެ ޢިމާރާތް ބިނާކުރިއެވެ.
ދިވެހިރާއްޖޭގައި އަލަށް އިސްލާމީ ޝަރީޢާގެ އުސޫލުތަކަށް ފުރިހަމައަށް ފެތޭގޮތަށް ހިނގާ ބޭންކެއްގެ ޚިދުމަތް ދިވެހިރައްޔިތުންނަށް ލިބިގެންދިޔައީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޚިދުމަތް 2011 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ހުޅުވިގެންދިއުމާ ގުޅިގެންނެވެ. 2010 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 22 މިލިއަން ރުފިޔާ ޚަރަދުކޮށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން 127 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް މިކަމަށް ސަރުކާރުން ހޯދާފައިވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި އުފެދޭ ދީނީ އަދި އިޖްތިމާޢީ މައްސަލަތަކާމެދު ޢިލްމީ ނަޒަރަކުން ދިރާސާކޮށް މަޝްވަރާކުމަށް ދިވެހިރާއްޖޭގައި ހިމެނޭ އެންމެހައި ދީނީ ޢިލްމުވެރިންނަށް ހުޅުވާލެވިގެން ދިވެހި ދައުލަތުގެ ޚަރަދުގައި އަހަރީ މަހާސިންތާ ބޭއްވުން ފެށިގެން ދިޔައެވެ. މިކަންކަމުގެ ސަބަބުން ދީނީ ޢިލްމުވެރިންނަށް މުޖުތަމަޢުގައި އަދި ރައްޔިތުންގެ މެދުގައި ޤަދަރު އުފުލި ޢިލްމީ ގޮތުން ޙަރަކާތްތެރިވެ ޤައުމީ ފެންވަރުގައި ދީނީ ރޮނގުން ޚިދުމަތްކުރުމަށް ފުރުޞަތު ހުޅުވިގެންދިޔަކަން ފަޚުރުވެރިކަމާއެކު ފާހަގަ ކުރަމެވެ.
އެމްޑީޕީ ސަރުކާރުގެ 3 އަހަރުގެ ތެރޭގައި އިސްލާމްދީން ރައްކާތެރިކުރުމާއި އިސްލާމީ ޝިޢާރު ފާޅުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާހިނދު ކުރިއަށް އޮތް 5 އަހަރަށް އެމްޑީޕީން ހުށައަޅަނީ ހާސްކަމެއްނެތި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ހުދޫދުގެ ތެރެއިން ޢަބުރުވެރި ތާހިރު ދިރިއުޅުމެއް ހޯދައިދޭނެ ސިޔާސަތުތަކެކެވެ.
އެމްޑީޕީގެ މި ހުށަހެޅުން ދިވެހިރައްޔިތުން މިއަދު ބަލައިގެންފައިވަނީ އެމްޑީޕީން އިސްލާމްދީން ދިވެހިރާއްޖޭގައި ދަމަހައްޓައި ކުރިއަރުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރައްޔިތުންނަށް އޮތުމުންނެވެ.
އެމްޑީޕީގެ ކުރިއަށް އޮތް 5 އަހަރަށް ހުށަހަޅަނީ ދިވެހިރާއްޖޭގައި އިސްލާމީ ރިވެތި އުސޫލުތައް އާލާކޮށް ދިރުވައި އަދި ޢިލްމީ ދިރާސާކުރުމާއި ދަސްކޮށްދިނުމުގެ މާތް މަޤްޞަދުގައި ދެކުނު އޭޝިޔާގައި ނަންކުރެވޭވަރުގެ ‘އިސްލާމިކް ނޮލެޖް ސެންޓަރެއް’ 200 މިލިޔަން ރުފިޔާގެ ބަޖެޓަކާއެކު މާލޭގައި ބިނާކުރުމަށެވެ. މިނޮލެޖް ސެންޓަރުގައި ލައިބްރަރީއަކާއި އިސްލާމީ މަޢުލޫމާތު ދިނުމުގެ ލެކްޗަރ ހޯލަކާއި 5000 މީހުންގެ ޖާގައިގެ މިސްކިތެއް ހިމެނޭނެއެވެ.
ކުރިއަށް އޮތް 5 އަހަރަށް އެމްޑީޕީން ހުށަހަޅާ 2 ވަނަ ސިޔާސަތަކީ ބައިނަލް އަޤްވާމީ ޢިލްމުވެރިންނާއެކު އިސްލާމިކް ކޮންފަރެންސެއް ދިވެހިރާއްޖޭގައި ބޭއްވުމެވެ. 25 މިލިޔަން ރުފިޔާ ޚަރަދުވާނޭ ކަމަށް އަންދާޒާ ކުރެވޭ މި ކޮންފަރެންސް ބާއްވަން ކަނޑައަޅާފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤަދަރު ލިބިފައިވާ އިސްލާމީ ޢިލްމުވެރިންގެ މިންގަނޑުތަކަށް ފެތޭ ފަދަ ދީނީ ދާއިރާއިން ދިރާސާކޮށް މުޖުތަމަޢުގެ މައްސަލަތައް ޙައްލުކުރުމުގެ އާދަކާދަ ދިވެހިރާއްޖެއަށް ތަޢާރަފްކުރުމުގެ މާތް މަޤްޞަދުގައެވެ.
އެމްޑީޕީން ދޮރުން ދޮރަށް ހިނގައި ރައްޔިތުންނާއި ވާހަކަދައްކައި އެރައްޔިތުންގެ ޚިޔާލާއެކު މެނިފެސްޓޯ ބިނާކުރުމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ރާއްޖޭގެ ސްކޫލްތަކުގައި ކީރިތި ޤުރުއާން ކިޔަވައިދެވޭ ފެންވަރުގެ ޤާބިލް މުދައްރިސުން މަދުކަމެވެ. އެހެންކަމުން އެމްޑީޕީގެ ސަރުކާރުގެ އަމާޒަކީ ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ޑިގްރީ ފެންވަރުގެ 300 ޤުރުއާން މުދައްރިސުން ކުރިއަށް އޮތް 5 އަހަރުގައި ތަމްރީނު ކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ މިސްކިތްތައް އާރާސްތުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް 36 މިލިއަން ރުފިޔާ ހޭދަކުރުމަށް މެނިފެސްޓޯގައިވަނީ ހިމެނިފައެވެ.
މިހުރިހާ ކަމަކީ ވެސް ހިސާބު ކުރެވި ބަޖެޓު ކުރެވައިވާ މަޝަރޫއުތައްކަމުގައި މިފުރުސަތުގައި ފާހަނގަކުރަމެވެ. އަދި މި ކަންކަން ތަންފީޒުކުރެވޭނެ ގޮތްތައްވެސް ވަނީ މެނިފެސްޓޯގައި ތަފްޞީލުކޮށް ކަނޑައެޅިފައި ކަންވެސް ފާހަނގަކުރަމެވެ.
އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ދިވެހިރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދިނުމެވެ. އަދި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ޖަގަ ދިނުމުގެ ފުރުޞަތެއް މި ޕާޓީން ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. އަދި ފުރިހަމަ މިނިވަންކަމާއެކު އިސްލާމްދީނުގެ ޝިޢާރުތައް ފާޅުކޮށް ހެޔޮލަފާ ދީނީ ނަސޭހަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ފަހިކޮށްދޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެެކްރެޓޭރިއަޓް
18 ސެޕްޓެމްބަރ 2013