އަދުލުވެރިކަމެއް ނެތި އަދި ސިޔާސީ ބޭނުމުގައި ދައުލަތުގެ ބައެއް ޚިދްމަތްތެރިން ވަޒީފާއިން ވަކިކުރާތީ ޑީއާރުޕީއާއި އެމްޑީޕީން ނެރޭ ގުޅިފައިވާ ބަޔާން

noosbayan

އަދުލުވެރިކަމެއް ނެތި އަދި ސިޔާސީ ބޭނުމުގައި ދައުލަތުގެ ބައެއް ޚިދްމަތްތެރިން ވަޒީފާއިން ވަކިކުރާތީ އެކަންކަން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރޕީ) އާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އެންމެ މަތީ ދަރަޖައިގާ ކުށްވެރިކުރަމެވެ.

މިކަންކަމަކީ، ނަފްރަތާއި ހަތުރު ވެރިކަމާއި ބަދަލު ހިއްޕެވުމުގެ ރޫހު އިސް ކުރައްވައިގެން ކުރައްވާ ކަންކަންކަމުގައި ޑީއާރުޕީން ނާއި އެމްޑީޕީން ދެކެމެވެ. ދިވެހި ސަރުކާރާއި އަދި ދައުލަތުގެ މުއައްސަސާތަކުގެ ވެރީން މިބާވަތުގެ ނާޖާއިޒު ކަންކަމުން ދުރުހެލިވެވަޑައިގަންނަވައި، ކެތްތެރިކަން އިސްކުރެއްވުމަށް ޑީއާރުޕީން ނާއި އެމްޑީޕީން އިލްތިމާސް ކުރަމެވެ.

އެކަށީގެންވާ ކަމެއްކަމުގައި ބެލެވިދާނެ އެއްވެސް ސަބަބެއް އަދި ކުޑަވެސް އަދުލުވެރިކަމެއްނެތި ސިޔާސީ ބޭނުމުގައި ވަޒފާއިން މިފަހުން ވަކިކުރެއްވި ފަރާތްތަކުގެތެރޭގައި ގައުމީ ރޫހުގައިތިއްބަވާކަމުގައި ދެކެވޭ ދައުލަތުގެ ސްޓޭޓްމިނިސްޓަރުން ފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާއިރު، މިކަންކަމުގެ ކަންބޮޑުވުން އިތުރުވެފައިވަނީ، ވެރިކަން ބަދަލުވެގެންދިޔައުމުގައި މަތީ މަގާމުތަކާހަވާލުވެވަޑައިގެންނެވި ބައެއް ފަރާތްތަކުން، ގައުމީ ސަލާމަތީ ބާރުތަކުގައި ހިމެނިވަޑައިގަންނަވާ އިސް ބައެއް ޚިދުމަތްތެރިންވެސް ވަޒީފާއިން ވަކިކުރައްވާން އެބަ ރާއްވަވާކަމުގައި ދެކެވިފައިވާތީއެވެ. މިފަދަ ޢަމަލުތަކަކީ ކަނޑައެޅިގެން ގާނޫނާއި ޚިލާފް، އަދި ދިވެހި ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އާއި ޑީއާރުޕީ ގެ މެމްބަރުންނަށް ނުހަނު ނުތަވަސްކަން މެދުވެރިކުރުވާނެ ކަންކަންކަމުގައިވާތީ، މިކަންކަމާއި ދެކޮޅަށް ޑީއާރުޕީންނާއި އެމްޑީޕީން އެޅެންހުރި ހުރިހާފިޔަވަޅެއް އަޅާނެކަމުގައި ބަޔާންކުރަމެވެ. ހަމަ އެއާއި އެކު، ސިޔާސީ ހަމަޖެހުން މުހިންމުވެފައިވާ މިދަނޑިވަޅުގައި މިބާވަތުގެ ފިތުނަ ފަސާދަ ހުއްޓުވުމުގެ ފިޔަވަޅުތައް ވަގުތުން އެޅުއްވުމަށް ކަމާ ގުޅުންހުރި އެންމެހާ ގައުމީ އަދި ބައިނަލްއަގުވާމީ މުއައްސަސާތަކަށް ޑީއާރުޕީންނާއި އެމްޑީޕީން އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: ޑީއާރުޕީއާއި އެމްޑީޕީން ނެރޭ ގުޅިފައިވާ ބަޔާން
ތާރީޚް: 18 ސެޕްޓެމްބަރ 2013