ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައިސް ނަޝީދަށް ތާއީދު އިތުރު ކުރަމަށް މިހާރު ކުރިޔަށްދާ “ބާރަށް ކުރިއަށް” ކެމްޕެއިންގައި ޑީއާރޕީގެ ލީޑަރ ތަސްމީން ޢަލީ މިވަގުތު ހަރަކާތްތެރިވެވަޑައިގަންނަވަނީ ބ. އަތޮޅުގައެވެ.
މިއަދު (17 ސެޕްޓެމްބަރ 2013) މެންދުރުފަހު ތަސްމީން ބ. އަތޮޅަށް ފެއްޓެވި މި ދަތުރުފުޅުގައި ފުރުތަމަ ވަޑައިގެންނެވީ ކެންދޫއަށެވެ. އެމަނިކުފާނުން ކެންދޫއަށް ވަޑައިގެންނެވިއިރު މޫސުމް ގޯސްކަމުގައި ވީ ނަމަވެސް ކެންދޫގެ ޑީއާރޕީ އަދި އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން ތަސްމީނަށް ވަރަށް ކުލަގަދަ މަރުޙަބާއެއްވަނީ ދަންނަވާފައެވެ.
ކެންދޫއަށްފަހު އެމަނިކުފާނު މިރޭ ދަރަވަންދުއަށް ޒިޔާރަތްކުރައްވާވަގުތަށް އެރަށްވެސް ވަނީ މަރަޙަބާ ދެންނެވުމަށް ތައްޔާރުވެ، އަދި މިރޭ ކަންމަތީ ބައްދަލުވުން ބޭއްވުމަށް ވެސް ދަނީ ތައްޔާރީތައް ވަމުންނެވެ.
ބ. އަތޮޅުގައި މާދަމާގެ ހަވީރާހިސާބަށް ކެމްޕެއިން ހަރަކާތުގައި އުޅުއްވުމަށްފަހު ތަސްމީނު ދެން ވަޑައިގަންނަވާނީ ށ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.
ބ. އަތޮޅުގައި “ބާރަށް ކުރިއަށް” ދާ މި ދަތުރުފުޅުގައި ތަސްމީނުގެ އަރިއަހުގައި ބ. އަތޮޅުގެ އެމްޑީޕީގެ ކެމްޕެއިން ކޯޑިނޭޓާރ ޢަހްމަދު ނަސީމާއި އަލީ ފާއިޒާއި އަދި ބ. އަތޮޅުގެ އެމްޑީޕީގެ ބައެއް ކެމްޕެއިން އޭޖެންޓުން ބައިވެރިވެވަޑައިގަންނަވައެވެ.