މޫސުން ގޯސްނަމަވެސް “އާ ބާރެއް” ކެމްޕެއިން ދަތުރު ހުއްޓުމެއްނެތި ބާރަށް ކުރިއަށް

“އާ ބާރެއް” ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިސްވެހުންނަވައިގެން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ހޯދުމުގެ ދޮތުން ހއ، ހދ އަތޮޅުގައި ކުރިއަށް ގެންދަވާ ކެމްޕެއިން ދަތުރުފުޅު މޫސުން ގޯސް ނަމަވެސް ހުއްޓުމެއްނެތި ބާރަށް ކުރިއަށް އެބަދެއެވެ.

އިއްޔެ (16 ސެޕްޓެމްބަރ 2013)ގައި ކެމްޕެއިން ޓީމު ހަރަކާތްތެރިވެފައިވަނީ ހއ. އިހަވަންދޫގައެވެ. މިގޮތުން އެރަށަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާއި ބައްދަލުކުރައްވައިފައިވެއެވެ. އަދި އެރަށުގައި ހުރި އެމްޑީޕީގެ ހަރުގޭގައި ޖަލްސާއެއް ބާއްވަވައިފައިވެއެވެ. މިޖަލްސާގައި ވާހަކަފުޅުދައްކަވައިފައިވަނީ އަބްދުﷲ ޝާހިދު އާއި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒެވެ.

އިހަވަންދޫގައި ހަރަކާތްތެރިވުމަށްފަހު ރޭ (16 ސެޕްޓެމްބަރ 2013)ގައި ކެމްޕެއިން ޓީމު ދަތުރުކުރެއްވީ ހއ. ހޯރަފުށްޓަށެވެ. ވިއްސާރަވުމާއި ގުޅިގެން އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަންމަތީ ޖަލްސާ ކެންސަލްކުރެއްވުމަށްފަހު ކެމްޕެއިން ޓީމުވަނީ ދޮރުން ދޮރަށް ހިނގާ އެމްޑީޕިގެ މެނިފެސްޓޯއާއި ބެހޭ މައުލޫމާތު ދެއްވައިފައިވެއެވެ.

މިއަދު (17 ސެޕްޓެމްބަރ 2013) “އާ ބާރެއް” ކެމްޕެއިން ޓީމު ޒިޔާރަތްކުރެއްވީ ހއ. މޮޅަދޫއަށެވެ. އެރަށުގައި ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ވާހަކަދެއްކެވީ އަބްދުﷲ ޝާހިދުއާއި، މުޙައްމަދު ޝފާޒްގެ އިތުރުން ޑީއާރޕީގެ ޕަރލިމެންޓްރީ ގްރޫޕް ލީޑަރ ޑރ. މައުސޫމްއެވެ. އެރަށު ރައްޔިތުން ވަނީ އެރަށުގައި ބަނދަރެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ކެމްޕެއިން ޓީމާއި ހިއްސާކުރައްވާފައެވެ. އަދި ބަޣާވާތުގެ ސަބަބުން މަޝްރޫއުތައް ހުއްޓިފައިވިޔަސް އެމްޑީޕީގެ ސަރުކާރުން އެކަންތައްތައް ފަށައި މޮޅަދޫގެ ލަފާފުރުމުގެ ދަތިތަކަށް ހައްލެއް ހޯދަވައިދެއްވާނޭކަމުގެ ޔަގީންކަން އަބްދުﷲ ޝާހިދު ދެއްވިއެވެ. އެރަށު ހެލްތް ސެންޓަރަށް ވަޑައިގެން އެތަނުގައި ހުރި އުނދަގޫތައްވެސް އެމަނިކުފާނު އޮޅުންފިލުވައިފައިވެއެވެ. ކެމްޕެއިން ޓީމު އެރަށުން ފުުރުމުގެ ކުރިން ޒުވާނުންނާއި އެކު ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ.

މިހާރު ދަތުރުގެ ބައިވެރީން ހަރަކާތްތެރިވަމުން އަންނަނީ ހދ. ނެއްލައިދޫގައެވެ. އެރަށަށް ވަޑައިގެން އެމްޑީޕީގެ ޖަގަހަ އަބްދުﷲ ޝާހިދު ހުޅުވައިދެއްވިއެވެ. އަދި ރަށު ކައުންސިލްގެ ރައީސް އާއި ބައްދަލުކުރައްވައިފައިވެއެވެ.