އެމް.ޑީ.ޕީ ގެ ޤައުމީ ހިންގާ ކޮމެޓީން މިއަދު ނިންމި ނިންމުން ހާމަކުރުމުގެ ގޮތުން ނެރޭ ނޫސް ބަޔާން

noosbayan

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުގައި ރާއްޖޭގެ ރައްޔިތުން ގެ އާދަޔާ ޚިލާފު ބޮޑު ތައީދާއި އަޣުލަބިއްޔަތަކުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކުރި ހޯއްދަވާފައިވީހިނދު، ރާއްޖޭގެ ރައްޔިތުންގެ ތާއީދެއްނެތް ބައެއް ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ ނިންމެވުން ބޮލާލައިޖަހައި، އަނބުރުގެއްލި އަދި ފަސާދައިގެ ތުހުމަތު އެޅިފައިވާ ބައެއް ފަނޑިޔާރުން ތިއްބަވާ ފަނޑިޔާރު ގެއަކުން ރައްޔިތުންގެ ނިންމެވުން ބަދަލުކޮށް ރައްޔިތުންނާއި ޤާނޫނުއަސާސީގެ ބާރުވެރިކަން ކަނޑުވައިލުމުގެ އެއްވެސް ފުރުސަތެއް ނުދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވައި މިގޮތަށް އެމްޑީޕީގެ ޤައުމީހިންގާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ރައްޔިތުން ވޯޓުން ނިންމަވާ ނިންމެވުމަށް އިހްތިރާމްނުކޮށް ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުންގެންދާ ބައެއް ސިޔާސީ ޕާޓީތަކުން ޖުޑިޝަރީގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ދިއުން ހުއްޓުވުމަށްޓަކައި މި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އަވަސް ފިޔަވަޅުތަކެއް އަޅައި ރައްޔިތުންގެ މަޖިލިސް އަލުން ފަށައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި އެދުމަށް ޤައުމީ ހިންގާ ކޮމެޓީއިން މިއަދު ނިންމާފައިވެއެވެ.

17 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް