ޖުމްހޫރީ ޕާޓީއިން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަށް އެމްޑީޕީއިން ތަދައްޚުލުވެއްޖެ

ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ތަދައްޚުލުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަށް އެމްޑީޕީއިން ތަދައްޚުލުވީ އެމްޑީޕީއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް ލިބިފައިވާ ޕާޓީއަށް ވާއިރު މިފަދަ މައްސަލައެއްގައި އެތައް ދިވެހި ރައްޔިތެއްގެ މަސްލަހަތު ހިމެނޭ އިރު އެމްޑީޕީއިން އެމަސްލަހަތު ހިފަހައްޓައިދޭންޖެހެއެވެ. ދިވެހި ރައްޔިތުންނަށް ލިބިފައިވާ އިންތިޚާބީ ހައްޤު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީވެސް އެމްޑީޕީކަމަށްވާތީއެވެ.

ޖުމްހޫރީ ޕާޓީއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް ޕާޓީއިން ހުށަހަޅާ މައްސަލައިގައި ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހާޟިރުވުމަށާއި، ހުށަހަޅާ ލިޔުންތަކާއި، ހުށަހެޅޭ ލިޔުންތަކުގައި ސޮއިކުރުމަށް އަލްއުސްތާޛާ ހިސާން ހުސައިން ކަނޑައަޅައި އައްޔަނުކޮށްފައިވެއެވެ. އަދި އެމްޑީޕީގެ ގާނޫނީވަކީލުންގެ ގޮތުގައި މިމައްސަލައިގައި ކޯޓަށް ހާޟިރުވެލައްވާނީ ޤާނޫނީ ވަކީލު އަޙްމަދު ޢަބްދުﷲ ޢަފީފް އާއި ގާނޫނީ ވަކީލު ހަސަން ލަތީފު އަދި ގާނޫނީ ވަކީލު އަބްދުﷲ ޝާއިރުއެވެ.