ކުޅުދުއްފުށިން ފުލުހުން ގެންދިޔަ އެމްޑީޕީގެ ކެމްޕެއިން އާއި ގުޅޭ ތަކެތި ރައްދުކޮށްދިނުމަށް އެދެފި

ހދ. ކުޅުދުއްފުށީ އިކުވީލް ގޭގައި ހުރި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮފީހުން 11 ސެޕްޓެމްބަރ 2013ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކޮމްޕިއުޓަރ ސިސްޓަމްގެ އިންޓަރނަލް ހާޑް ޑިސްކު އަނބުރާ ރައްދުކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އެމްޑީޕީއިން އެދެފިއެވެ. މިގޮތަށް ޕާޓީއިން އެެދިފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްއަށް ފޮނުއްވި ސިޓީއަކުންނެވެ.

ގެންދެވުނު ހާޑް ޑިސްކަކީ މިހިނގާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ފަރާތުން ބޭނުންކުރާ އަދި ކުރަން ގަސްދުކުރާ ކެމްޕެއިން މެޓީރިއަލް ތަކުގެ ސޮފްޓް ކޮޕީއާއި މުހިއްމު ކިތަންމެ މައުލޫމާތުތަކެއް ރައްކާކުރެވިފައިވާ ހާޑް ޑިސްކެކެވެ. ސިޓީގައި އެހާޑް ޑިސްކް ރައްދުކޮށްދިނުމަށް އެދިފައިވަނީ އެއިން ހޯއްދަވަން އުޅުއްވާ ޚާއްސަ މައުލޫމާތެއް ނުވަތަ ކިތާބީ ހެއްކެއް ކަމުގައިވިޔަސް ހޯދުމަށް އެކަށީގެންވާ މުއްދަތެއް ލިބިފައި ވާތީއާއި، އިތުރަށް އެހާޑް ފުލުހުންގެ އަތުގައި އޮތުމަކީ އެމްޑީޕީގެ ކެމްޕެއިން ކުރިޔަށް ގެންދިއުމަށް އޮތް ހުރަހަކަށްވާތީކަމަށެވެ.

ޕާޓީގެ ކެމްޕެއިނަށް ހުރަސްއެޅޭފަދަ ކޮންމެ ކަމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ އިންތިޚާބީ ހައްގައް އުނިކަން އަންނާނެ ކަމެއްކަމަށްވާތީ، އެފަދަ ކަމެއްކުރުމަކީ ރިޔާސީ އިންތިޚާބުގެ ގަވާއިދު 2013 އާއި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނާއި އަދި ޤާނޫނުއަސާސީގައި މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްކަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ފޮނުއްވި ސިޓީގައި ހަނދުމަފުޅުކޮށްދީފައިވެއެވެ.