“ބާރަށް ކުރިއަށް” އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ވަކި ވަކި ދާއިރާތަކުގައި ކުރިޔަށް

“ބާރަށް ކުރިއަށް” އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ވަކި ވަކި ދާއިރާތަކުގައި ކުރިއަށް އެބަދެއެވެ.

މިގޮތުން މ. އަތޮޅުގެ ޓީމުގެ މަސައްކަތްތައް މުޅި އަތޮޅު ގައި ކުރިޔަށް ގެންދާވާ ގޮތަށް ހަމަޖެހިފައިވާއިރު ރޭގެ ވަގުތެއްގައި ކެމްޕެއިން ކުރިޔަށް ގެންދެވީ ނާލާފުށިގައެވެ. އަދި މިއަދު ހެނދުނު ކޮޅުފުށި ނިންމަވާ، ހަވީރު ވޭވަށުގައި މަސައްކަތް ކުރެއްވުމަށް ފަހު މިރޭ މުލަކުގައި ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދަވާނެއެވެ. އަދި މާދަމާ އެ އަތޮޅުގެ ދިއްގަރު މަޑުއްވަރީ ރަތްމަންދޫ ނިންމަވާ މާދަން ރޭ މުލީގެ ހަރަކާތްތައް ކުރިއަށް ގެންދަވާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށް ކޯޑިނޭޓަރ މުޙައްމަދު ޝިޙާބު ވިދާޅުވިއެވެ.

އއ އަދި އދ އަތޮޅުގެ ޓީމުން ރޭގައިވަނީ ތޮއްޑޫގައި އާއްމު ބައްދަލުވުމެއް ބާއްވަވައި ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. އަދި މީގެ އިތުރުން މިއަދު ރަސްދޫއަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. ތޮއްޑޫ ދާއިރާގައި ޒިޔާރަތްކުރެއްވި ދެ ރަށުގެ ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ ދެވަނަ ބުރުގައި ރައީސް ނަޝީދަށް ވޯޓް ދޭނެކަމަށް ބުނެ 30 އަހަރުގެ ހުދުމުހުތާރު ވެރިކަމަށް ނޫނެކޭ ބުނަން ބޭނުންވާކަމަށް ބުނެފައެވެ. ތޮއްޑޭ ދާއިރާގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ މެމްބަރުންވެސް ހަރަކާތް ތެރިވަމުން ގެންދަވައެވެ.

ހއ އަދި ހދ އަތޮޅުގައި ދެ ޓީމަކުން މަސައްކަތް ކުރިޔަށް ގެންދަވާއިރު އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަޙްމަދު މައުސޫމު އިސްވެ ހުންނަވާ ކުރިޔަށް ގެންދަވާ ހަރަކާތްތަކުގެ ދަށުން ފާއިތުވި ތިން ދުވަހުގެ ތެރޭގައި ވަނީ އެ ދެ އަތޮޅުގެ ރަށް ރަށަށް ޒިޔާރަތްކުރައްވާފައެވެ. މި ގޮތުން ނޮޅިވަރަމް، ނޮޅިވަރަމްފަރުގައި މަސައްކަތް ނިންމަވާ މިރޭ ވައިކަރަދޫއަށް ވަޑައިގަންނަވާނެއެވެ. މި ޓީމުގެ މަސައްކަތް ކުރިޔަށް ގެންދަވާއިރު ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ދޮރުން ދޮރަށް ހިންގަވައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕިއަށް ވޯޓު ނުދިން ފަރާތްތަކާއި ބައްދަލުކޮށް ގިނަ ބައެއްގެ ވޯޓު އެމްޑީޕީއަށް ވަނީ ކަށަވަރު ކޮށްފައެވެ. އަދި މީގެ އިތުރުން އަބްދުﷲ އައިސީ މި ރަށްތަކުގައި ގެސްޓްހައުސް ވިޔަފާރިއާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ އެ ވިޔަފާރިން ލިބޭނެ ފައިދާތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާ ވަނީ ހިއްސާކުރައްވާފައެވެ. އަދި ވަކިން ހާއްސަ ގޮތެއްގައި އައްޝެއިޙް ހުސެން ރަޝީދު އަޙްމަދުގެ ދަރުސުތައް މި ރަށް ތަކުގައި ވަނި ދެއްވާފައެވެ.

ހއ ހދ އަތޮޅުގައި މިހާރު ހަރަކާތްތެރިވާ ދެވަނަ ވަނަ ޓީމުގެ ހަރަކާތްތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިސްވެހުންނަވައި ހއ އަދި ހދ އަތޮޅަށް “އާ ބާރެއް”ގެ ނަމުގައި އިއްޔެ (15 ސެޕްޓެމްބަރ 2013) ފަށްޓަވައި ކެމްޕެއިން ދަތުރުތައް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. މިގޮތުން މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވީ ހދ.ހަނިމާދޫއަށެވެ. އެއަށްފަހު މިއަދު ހެނދުނު މާރަންދޫ، ތުރާކުނަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާއި ބައްދަލުކުރައްވާ އާއްމު ބައްދަލުވުން ބާއްވަވައިފައިވެއެވެ. މިދަތުރުފުޅުގައި ޑީއާރްޕީގެ އިސް ދެ މެންބަރުންގެ އިތުރުން ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު މުޙައްމަދު ޝިފާޒާއި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ރަޝީދު އަދި ކެމްޕެއިންގެ އިސްހަރަކާތްތެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ގއ ގދ އަތޮޅުގެ ރަށްތަކަށް ބުރާސްފަތި ދުވަހު ފަށާފައިވާ ދަތުރުގައި މިއަދާ ހަމަޔަށް 8 ރަށަކަށް ޒިޔާރަތް ކުރައްވާފައި ވާ ކަމަށް ކޯޑިނޭޓަރ އައިމިނަތު ޖަމީލު ވިދާޅުވިއެވެ. އަދި މި 2 އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ މި ދަތުރުގައި މިހާތަނަށް ޒިޔާރަތް ކުރެއްވި 8 ރަށުން ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އެމްޑީޕީ ނޫން ފަރާތްތަކަށް ވޯޓުދިން ގިނަ ބަޔަކު 2 ވަނަ ބުރުގައި ރައީސް ނަޝީދަށް ވޯޓު ދޭނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް އައިމިނަތު ޖަމީލު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރަށް ފުވައްމުލަކުގައި އެމްޑީޕީގެ “ބާރަށް ކުރިއަށް” ހަރަކާތްތައް ކުރިއަށް އެބަ ދާކަމަށް ފުވައްމުލަކުގެ ކެމްޕެއިން ޓީމުން ވަނީ މައުލޫމާތު ދެއްވާފައެވެ. މިގޮތުން ފާއިިތުވި 4 ދުވަހުގެ ތެރޭގައި އެމްޑީޕީއާ އިދިކޮޅު ހިޔާލުގެ 200 އަށް ވުރެ ގިނަ ފަރާތްތަކުން ރައީސް ނަޝީދަށް ވޯޓު ދޭނެކަމުގެ ޔަގީންކަން ދީފައިވާކަމުގައި ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ. މީގެ ތެރޭގައި ދަނޑިމަގު ކައުންސިލުގެ މެމްބަރަކުވަނީ ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި ވޯޓު ލާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ފުވައްމުލަކުގެ ހަރަކާތްތައް ވަރަށް ފުޅާކޮށް ދާކަމަށާއި ކޮންމެ ދުވަހެެއްގެވެސް ދުވާލާއި ރޭގަނޑުވެސް ކެމްޕެއިން ހަރަކާތްތައް ފޯރީގައި ކުރިއަށް ދާކަމަށް މައުލޫމާތު ދެއްވިއެވެ. މިގޮތުން ޒުވާނުން އިސްނަގައިގެން މެނިފެސްޓޯ ޕިކަޕް ބުރު ބޭއްވުމާއި، ޒުވާނުން ގެ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، ކަންމަތީ ބައްދަލުވުންތައް ބާއްވާފައިވެއެވެ.

ރައީސް ނަޝީދަށް ތާއީދު އިތުރު ކުރުމަށް ޗެއަރޕާސަން މޫސާ މަނިކު މިހާރު އިންޑިއާއަށް ކުރައްވާ“ބާރަށް ކުރިއަށް” ކެމްޕެއިން ދަތުރުފުޅުގައި މިރޭ ބެންގަލޫރުގައި އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ބާއްވާ ބައްދަލުވުން އޮންނާނެކަމަށް އެ ޓީމުން މައުލޫމާތު ދެއެވެ. މިރޭގެ މި ބައްދަލުވުމަށް މައިސޫރުގައި އުޅޭ އެމްޑީޕީއަށް ސަޕޯޓުކުރާ ފަރާތްތައް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޗެއަރޕާސަން އިސްލީޑަރަކަށް ހުންނަވާ އިންޑިޔާގެ މި ކެމްޕެއިން ހަރަކާތުގައި އިއްޔެއާއި ރޭގައި ޓްރިވެންޑްރަމްގައި ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.
އެމްޑީޕީގެ މިދަތުރުގައި ޗެއަރޕާސަންގެ އިތުރުން މާފަންނު ދެކުނު ދާއިރާ މަޖިލިސް މެމްބަރ އިބްރާޙިމް ރަޝީދު(ބޮންޑަ)އާއި އެމްޑީޕީގެ ކެމްޕެއިންގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.