ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިސްވެހުންނަވައި ހއ އަދި ހދ އަތޮޅަށް “އާ ބާރެއް”ގެ ނަމުގައި އިއްޔެ (15 ސެޕްޓެމްބަރ 2013) ފަށްޓަވާފައިވާ ކެމްޕެއިން ދަތުރުތައް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. މިގޮތުން މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވީ ހދ. ހަނިމާދޫއަށެވެ.
ހަނިމާދޫގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނަށް އެމްޑީޕީގެ ސިޔާސަތުތަކާއި ބެހޭ މައުލޫމާތު ދެއްވައިފައިިވެއެވެ. ދޮރުން ދޮރަށް ހިނގުން ކުރިއަށް ގޮސްފައިވަނީ “އާ ބާރެއް” ކެމްޕެއިން ޓީމުގެ މެންބަރުން ވަކިވަކިން ގޭގެއަށް ވަޑައިގަންނަވާ ގޮތަށެވެ. މިގޮތުން ޑީއަރޕީގެ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރ ޑރ. މައުސޫމާއި، ކައުންސިލް މެންބަރު އަލީ ޝަރީފްވެސް އެޕާޓީއަށް ތާއިދުކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވިއެވެ. އެއަށްފަހު ހަނިމާދޫ ޒުވާނުން ކެމްޕެއިން ޓީމަށް ވަނީ ބޮޑިބަތް ޖާފަތެއް އަރުވާފައެވެ.
މިފަހަރުގެ ދަތުރުފުޅުގައި ކެމްޕެއިން ޓީމު މިއަދު ހެނދުނު ވަޑައިގެންނެވީ ހއ. މާރަންދޫއަށެވެ. އެރަށުގައިވެސް ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން އެރަށު އެމްޑީޕީ ހަރުގޭގައި ބައްދަލުވުމެއް ބާއްވަވައިފައިވެއެވެ. މިބައްދަލުވުމުގައި ކެމްޕެއިން ޓީމްގެ މެންބަރުންގެ އިތުރުން މާރަންދޫއިން ގުޅިވަޑައިގެންނެވި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ރަޝީދު ވާހަކަފުޅުދެއްކެވިއެވެ.
މިއަދުގެ މެންދުރުފަހު ކެމްޕެއިން ޓީމު ހަރަކާތްތެރިވަމުންދަނީ ހއ. ތުރާކުނުގައެވެ. މިދަތުރުފުޅުގައި ޑީއަރޕީގެ އިސް ދެ މެންބަރުންގެ އިތުރުން ޕަރލިމެންޓްރީ ގްރޫޕްގެ މެންބަރު މުޙައްމަދު ޝިފާޒް އަދި ކެމްޕެއިންގެ އިސްހަރަކާތްތެރިން ބައިވެރިވެވަޑައިގަންނަވައެވެ.