ރައީސް ނަޝީދަކީ ތަރައްޤީގެ ލީޑަރުކަމަށް ބުނެ ތޮއްޑޫގެ ގިނަބަޔަކު އެމަނިކުފާނަށް ވޯޓު ލާން ނިންމައިފި- އަލީ ވަޙީދު

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދަކީ ރާއްޖެ ތަރައްޤީ ކުރައްވާނެ ލީޑަރު ކަމަށް ބުނެ ތޮއްޑޫގެ ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް 2ވަނަ ބުރުގައި ވޯޓު ލާން ނިންމައިފި ކަމަށް އެމްޑީޕީގެ ޕާލިއަމަންޓްރީ ގްރޫޕުގެ ޑިޕިއުޓީ ލީޑަރ ތޮއްޑޫ ދާއިރާގެ މިޖިލިސް މެމްބަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މެމްބަރ އަލީ ވަޙީދު އިސްވެ ހުންނަވައި އއ އަދި އދ އަތޮޅުގައި ކުރިއަށް ގެންދާ “ބާރަށް ކުރިއަށް” ދަތުރުގައި ތޮއްޑޫގައި ރޭ ބޭއްވި ބައްދަލުވުމުގައި އެރަށުގެ ރަށު ކައުންސިލުގެ ރައީސް ކުރީގެ ޖުމްހޫރީ ޕާޓީގެ މެމްބަރ މުޙައްމަދު އިބްރާޙިމް ވަނީ އެމްޑީޕީއާއި ގުޅިވަޑައިގަންފައިކަމަށްވެސް އަލީ ވަޙީދު ވިދާޅުވިއެވެ. އަދި މުޙައްމަދު އިބްރާޙިމް އެމްޑީޕީއާ ގުޅިވަޑައިގެން ޚަބަރަށް ރައީސް ނަޝީދު އެބޭފުޅާއަށް ގުޅުއްވާ ވަރަށް ބޮޑަށް މަރްޙަބާ ކިޔުއްވި ކަމަށްވެސް އަލީ ވަޙީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރަށް ރައީސް ނަޝީދަށް ތާއީދު އިތުރު ކުރުމަށް ތޮއްޑޫއަށް ކުރި އެއްދުވަހުގެ ދަތުރުގައި 2ވަނަ ބުރުގާ ރައީސް ނަޝީދަށް ވޯޓުލާން ބޭނުން ބަޔަކު ތޮއްޑޫގައި އެބަތިބި ކަމަށާއި، ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ވޯޓުދިން ބަޔަކު ރައިސް ނަޝީދަށް ވޯޓު ދޭން ކަށަވަރުކޮށް ތިބިކަންވެސް ފާހަގަ ކުރައްވާ އަލީ ވަޙިދު ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ވެސް ފުރަތަމަ ބުރުގައި ރައީސް ނަޝިދަށް ވޯޓު ނުދޭ ބަޔަކު 2 ވަނަ ބުރުގައި އެމަނިކުފާނަށް ވޯޓު ކަށަވަރުކޮށް އެމްޑީޕީއާ ގުޅުނުކަމަށެވެ. ތޮއްޑޫގައި ރޭ ބޭއްވި “ބާރަށް ކުރިއަށް” ބައްދަލުވުމުގައި މުޙާތަބު ކުރައްވަމުން މެމްބަރ އަލީ ވަޙިދު ވަނީ އަރިއަތޮޅުގެ އުތުރާއި ދެކުނުގެ ރަށްތައް ތަރައްޤީ ކުރުމަށް ރައީސް ނަޝީދަށް ވޯޓުލުމަށް ގޮވާލައްވާފައެވެ.

2 ވަނަ ބުރުގެ “ބާރަށް ކުރިއަށް” ކެމްޕއެންގެ ދަތުރުތަކުގެ ތެރެއިން ތޮއްޑޫ އަށް ކުރި އެއް ދުވަހުގެ ދަތުރު ނިންމަވާ އަލީ ވަޙީދު މިހާރު ހުންނެވީ މާލެގައެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު އަރި އަތޮޅުގައި “ބާރަށް ކުރިއަށް” ދަތުރުގެ އާ ބުރެއް ފައްޓަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.