26 އޯގަސްޓް 2010
ބްރިޓިޝް ކައުންސިލްގެ ފަރާތުން މިހާރު ރާއްޖޭގައި ހިންގަމުންދާ ޕްރޮގްރާމްތަށް ހަރުދަނާކޮށް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ދިވެހި ދައުލަތާއި ބްރިޓިޝް ކައުންސިލްއާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ދިވެހި ޚާރިޖިއްޔާގައި ބޭއްވި ހަފްލާގައި ދައުލަތުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް އާރޓސް އެންޑް ކަލްޗަރ ޠައްޔިބު މުހައްމަދު ވަހީދުއެވެ. ބްރިޓިޝް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފއި ހުންނަވާ ކަންޓްރީ ޑައިރެކްޓަރ ޖިލް ވެސްޓާވޭ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޠައްޔިބް ވިދާޅުވީ މިއަދު މި ސޮއިކުރެވުނު ތާރީޚީ އެއްބަވުމުގެ ސަބަބުން އިގިރޭސި ވިލާތާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށާއި މިއީ ބްރިޓިޝް ކައުންސިލްގެ މަސައްކަތް ރަސްމީ ގޮތުން ފެށުން ކަމަށެވެ. މިއެއްބަސްވުމަށްފަހު ވާހކަފުޅު ދައްކަވަމުން ޖިލް ވިދާޅުވީ މިވެވުނު އެއްބަސްވުމުގެ ދަށުން ދިވެހި ކިޔަވާ ކުދިންނަށް މާލޭގައި ތިބެ އިގިރޭސި ވިލާތުގެ ބައެއް އިމްތިހާންގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.
އަދި އިގިރޭސި ވިލާތުގައި ކިޔެވުމުގެ ފުރުޞަތުތަށް ދިވެހިންނަށް ހޯދައިދިނުމުގައި މެދުވެރިއެއްގެ ދައުރު އަދަކުރުމުގެ އިތުރުން ކުރިމަގުގައި އިތުރު އިގެރޭސި ބަހުގެ ތަފާތު ޕްރޮގްރާމްތަށްވެސް އެކައުންސިލްގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޖިލް ވިދާޅުވިއެވެ.
ދިވެހި ދައުލަތާއި ބްރިޓިޝް ކައުންސިލްއާއި ދެމެދު މިއަދު މިވެވުނު އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ބްރިޓިޝް ކައުންސިލްގެ އޮފީހެއް ޤާއިމްކޮށް ފުރިހަމަ އޮނިގަޑެއްގެ ދަށުން މަސައްކަތްކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި އެކައުންސިލްއިން މިޞަރަހައްދުގައި ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިންނަށް ލިބިގެންދާނެއެވެ.