“އާ ބާރެއް ” ކެމްޕެއިން ދަތުރު ހއ، ހދ އަށް

808900906

28 ސެޕްޓެމްބަރގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ހޯއްދެވުމަށް “އާ ބާރެއް” ކެމްޕެއިންގެ ދަށުން ހއ، ހދ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުރާވަޑައިގަންނަވައިފިއެވެ.

މިއަދު (15 ސެޕްޓެމްބަރ 2013) ފެށިގެންދިޔަ ދަތުރުގައި އެންމެ ފުރަތަމަ ޒިޔާރަކުރުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެއަށްފަހު މާދަމާ (16 ސެޕްޓެމްބަރ 2013) ހއ. ތުރާކުނު، ހއ. އިހަވަންދޫ، ހއ. އުލިގަމު، ހއ. ހޯރަފުއްޓަށް ކެމްޕެއިން ޓީމް ވަޑައިގަންނަވާނެއެވެ. އަންގާރަ ދުވަހު (17 ސެޕްޓެމްބަރ 2013) ދިޔުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. މާރަންދޫ، ހދ. ނެއްލައިދޫ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫއެވެ. މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ބުދަ ދުވަހުއެވެ.

ކެމްޕެއިން ޓީމު ޒިޔާރަތްކުރައްވާ ރަށްތަކުގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންތައްތައް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އެމްޑީޕީއަށް ތާއިދުކުރައްވާ ފަރާތްތަކާއިއެކު ކަންމަތީ ބައްދަލުވުންތަކާއި، ޖަލްސާ ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށްރަށުގައި ހަރަކާތްތެރިވަމުން އަންނަ ކެމްޕެއިން ޓީމުތަކުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއެކު މިދަތުރުގައި އެމްޑީޕީގެ ޕާރލިމެންޓްރީ ގްރޫޕްގެ މެމްބަރ މުޙައްމަދު ޝިފާޒާއި، ކެލާ ދާއިރާގެ ޑީއާރޕީގެ މަޖިލިސް މެމްބަރ ޑރ. މައުސޫމުއާއި، ޑީއާރޕީގެ މެމްބަރ ޢަލީ ޝަރީފާއި، އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ ޢަލީ ޝިޔާމާއި އަދި ކެމްޕެއިންގެ ބައެއް އިސް ހަރަކާތްތެރިން ބައިވެރިވެވަޑައިގަންނަވައެވެ.

808901393