ގައުމުގެ މުސްތަގުބަލަށްޓަކައި އެންމެން އެއްގަލަކަށް އަރަން ޖެހޭ ވަގުތު އެކަން ކުރުމުގެ ކެރުން އެބަހުރި- ޑރ. މުނައްވަރު

1176244_693591067336511_160391451_n

ގައުމުގެ މުސްތަގުބަލަށްޓަކައި އެންމެން އެއްގަލަކަށް އަރަންޖެހޭ ވަގުތު، އެކަން ކުރުމުގެ ކެރުން އެބަހުރިކަމުގައި ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޕާޓީއަށް ތާއީދުކުރައްވާ ފަރާތްތަކާއި އެކު ހުކުރު ދުވަހު (13 ސެޕްޓެމްބަރ 2013)ގެ ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވުނު ޖަލްސާގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސް ނަޝީދަށް ދެވަނަ ބުރުގައި ތާއީދުކުރާ ސަބަބުތަކަށް ވަރަށް ތަފްސީލްކޮށް އަލިއަޅުވައިލެއްވިއެވެ.

ދިވެހި ރައްޔިތުން އަލުން ރައީސް ނަޝީދު ހޮވަން ނިންމައިފިކަމަށާއި ރައްޔިތުންނަށް ދެކޮޅު ހެދުމުގެ ބޭނުމެއް ނެތްކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ. ދެވަނަ ބުރަށް ދިޔަ ކެނޑިޑޭޓުންނާއި ގުޅުވައިގެން ދީނޭ ކިޔައިގެން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ޑރ. މުނައްވަރު ވިދާޅުވީ މުސްލިމްވަންތަކަމުން ދެކެންޑިޑޭޓުން މިނުމުގެ ޖާގައެއް ނެތްކަމަށެވެ. އަދި ދިވެހިން އަބަދުވެސް ގަބޫލުކުރާނީ އިސްލާމްދީންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިސަބަބަށްޓަކައި މިއަދު އެއީ މައުޞޫއުއަކަށް ހަދައިގެން ވާހަކަ ދެއްކުމުއްނެތްކަމަށް ވިދާޅުވިއެވެ.

ވަރަށް ބުރަ މަސައްކަތުން ގެނެވުނު އިސްލާހީ ބަދަލުތައް ފުރިހަމަކުރެވޭނީ ކޮން ކެނޑިޑޭޓަކަށްތޯ ވިސްނަންޖެހޭކަން ފާހަގަކުރައްވަމުން ޑރ. މުނައްވަރު ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރީ އެބޭފުޅާއަށް ދެން ގައުމަށްކޮށްދެވޭނެކަމެއް ނެތްކަމަށް ގަބޫލުކޮށްގެންކަމަށާއި އެހެންނަމަވެސް އަދިވެސް އެމަނިކުފާނު އަމިއްލަފުޅަށް އެކަމެއް ގަބޫލުނުކުރާކަމަށެވެ. ރައީސް މައުމޫނުގެ ނުފޫޒު އޮތް ސަރުކާރެއް އޮންނަން ބޭނުންނުވާކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.

މިއަދު ދިވެހި ރައްޔިތުން ބާރުވެރިކޮށްފައިވާއިރު، އެރައްޔިތުންލީ ވޯޓުން ގެނައި ބަދަލުތަކަށް ޑރ. މުނައްވަރު އަލިއަޅުވައިލެއްވިއެެވެ. އިސްލާހީ ބަދަލުތައް ފަހަތަށް ދިޔުމުގެ ފުރުސަތު ދެވެންނެތްކަމަށާއި، ކުރިން ރާއްޖެ ކޮންޓްރޯލްކުރި ގޮތަށް އެބޭފުޅުންގެ މަންފާއަށް ގައުމު ހިންގަން ދޫކޮށްލެވެންވެސް ނެތްކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.

އިދިކޮޅު ކެނޑިޑޭޓު އަބްދުﷲ ޔާމީން އިގްތިސާދީ މާހިރެކޭ ބުނާ ބުނުމާއި ބަހުސް ނުކުރާނެކަމަށާއި އެހެންނަމަވެސް އިގްތިސާދީ ވުޒާރާގެ މިނިސްޓަރުކަމުގައި ހުރި ދުވަސްވަރުގެ ރިކޯޑް އަދިވެސް އޮތީ ފެންނަންކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ. ރައީސް ނަޝީދާއި ސިޔާސީ ކަންކަމުގައި ޚިޔާލުތަފާތުވުން ހުންނަ ކަމަށާއި އެކަމާއި ފަޚުރުވެރިވާކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ. އެއީ އެންމެން ގުޅިގެން ގެނައި ސިޔާސީ ނިޒާމުކަމަށާއި އެކަމުގެ ފައިދާ އެންމެނަށް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

ޑރ. މުނައްވަރު ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް މަރުޙަބާ ދަންނަވާ، ވަރުބަލިކަމެއްނެތި އިސްލާހަށްޓަކައި އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.