އެމްޑީޕީއިން ކުރިން އެންމެ ކުރިންވެސް މަސައްކަތްކުރަމުން ދިޔައީ ޑިމޮކްރެސީގެ ނިޒާމުތަކެއް އެކުލަވާލަން -ރޮޒެއިނާ އާދަމް

1175031_693609010668050_97523374_n

އެމްޑީޕީއިން ކުރިން، އެންމެ ކުރިންވެސް މަސައްކަތްކުރަމުން ދިޔައީ ޑިމޮކްރެސީގެ ނިޒާމުތަކެއް އެކުލަވާލަންކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރޕީ)ގެ ނައިބު ލީޑަރ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ތާއީދުކުރައްވާ ފަރާތްތަކާއެކު ކާނިވާ ސަރަހައްދުގައި ރޭ (13 ސެޕްޓެމްބަރ 2013) ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ފައްޓަވަމުން ރޮޒެއިނާ ވިދާޅުވީ އެމްޑީޕީ ޕޯޑިއަމްއަކަށް އެރުމަކީ ދުވަހަކުވެސް ތަސައްވަރުކުރި ކަމެއް ނޫންކަމަށެވެ. އެމްޑީޕީއިން ކުރިން، އެންމެ ކުރިންވެސް މަސައްކަތްކުރަމުން ދިޔައީ ޑިމޮކްރެސީގެ ނިޒާމުތަކެއް އެކުލަވާލަންކަމަށާއި ޑީއާރޕީގެ އޭރު ހުންނެވި ބޭފުޅާ މަސައްކަތްކުރެއްވީ އާއިލީ ވެރިކަމެއް ދަމަހައްޓަންކަމަށްވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން ވަރަށް ބޮޑެތި އަސަރުތަކެއްކުރިކަން ފާހަގަކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ޑީއާރޕީ ފަޅާލުމަށްފަހު އުފެދެނު ޕީޕީއެމްގެ މަސައްކަތަކީ އާއިލީ ވެރިކަންކުރުންކަމަށެވެ. އަދި އެމްޑީޕީއިން ރައީސް މައުމޫނުގެ އާއިލީ ވެރިކަމާއި ދެކޮޅަށް ތެދުވަން ޖެހިފައިވާކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އައިއިރު މިއޮތީ އަނެއްކާ 2008 ވަނަ އަހަރުގެ މަންޒަރު ތަކުރާރުވެފައިކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު (12 ސެޕްޓެމްބަރ 2013) ޑީއާރޕީއިން ނިންމި ނިންމުމަށްފަހު ޕީޕީއެމްގެ މެންބަރުން ކިޔަމުންދިޔަ ފާޑުކިޔުންތަކާއި ބަދުބަސްތަކަށް ރައްދުދެއްވަމުން ރޮޒެއިނާ ވިދާޅުވީ އެދުވަހުގެ ނިންމުމަކީ ޑިމޮކްރެޓިކް ނިންމުމެއްކަމަށާއި ޕީޕީއެމްއަށް ޑިމޮކްރެސީ ނޭނގޭނެކަމަށެވެ. 5 އަހަރުގެ ނަތީޖާއަށް ބަލާއިރު 2008 ވަނަ އަހަރު 82000 ވޯޓު ލިބުނު ރައީސް މައުމޫނަށް މިއަދު ސަން ޓްރޭވަލް ޝިޔާމްގެ ‘ގަމީހުގަ އެލިގެން’ވެސް ލިބުނީ 53000 ވޯޓުކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީއިން ހޯދި ކާމިޔާބު ރޮޒެއިނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު އިލެކްޝަންސް ފަހަތުން ދުވުމުގެ ބޭނުމެއްނެތްކަމަށާއި ރައްޔިތުން އިޚްތިޔާރުކުރީ ރައީސް ނަޝީދުކަމުގައި ވިދާޅުވިއެވެ.

ރައްޔިތުން ރައީސް ނަޝީދު އިޚްތިޔާރުކުރި ސަބަބުތަކަށް ބައްލަވާލައްވަމުން ރޮޒެއިނާ ވިދާޅުވީ ވަރަށް ގިނަ ބައަކު 5 އަހަރު ތެރޭ އެއްބައިވަންތަކުރެވިއްޖެކަމަށެވެ. މިހާރު އެމްޑީޕީއަށް ތާއިދުކުރާ ކޮންމެ މީހަކު ލާދިނީ މީހަކަށް ވާކަމަށާއި އެއްވެސް މީހަކަށް އެހެން ބުނުމުގެ ހައްގު ނޯންނާނެކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ. ދިވެހި އަންހެންވެރިންވެސް އިދިކޮޅު ކެނޑިޑޭޓަށް ވޯޓު ދިނުމުގެ ކުރިން ވިސްނަންޖެހޭކަމަށާއި، ރައްޔިތުންގެ މަޖިލީހުން ވަކިކުރި ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ ރައީސް ފަހުމީމެން ފަދަ ބޭފުޅުން ހިމާޔަތްކުރަނީ އެމީހުންކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.