ރާއްޖެ ޑިމޮކްރަސީ ފުރިހަމަވެ، ގައުމު މިދަނީ ބާރަށް ކުރިއަށް: ތަސްމީން އަލީ

1174986_551594538228130_722842707_n

ރާއްޖޭގެ ޑިމޮކްރެސީ ފުރިހަމަވެ، ގައުމު މިދަނީ ބާރަށް ކުރިއަށްކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރޕީ)ގެ ލީޑަރ ތަސްމީން އަލީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ (13 ސެޕްޓެމްބަރ 2013) ކާނިވާ ސަރަހައްދުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ޕާޓީއަށް ތާއީދުކުރައްވާ ފަރާތްތަކާއެކު ބޭއްވުނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

12 ސެޕްޓެމްބަރ 2013ގައި ޑީއާރޕީގެ ކައުންސިލްގެ ތަނަވަސް އަޣްލަބިއްޔަތުން އެމްޑީޕީއާއި ގުޅެން ނިންމަފައިވާކަން ފާހަގަކުރައްވަމުން ތަސްމީން ވިދާޅުވީ ރައީސް ނަޝީދު އިންތިޚާބުގައި ފުރަތަމަ ބުރުގައި ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދައިފައިވާކަމަށެވެ. ރައީސް ނަޝީދަށް ތާއީދުކުރަން ނިންމީ ވަރަށް ފުންކޮށް ވިސްނުމަށް ފަހުގައިކަމަށާއި ފުރަތަމަ ބުރުގެ ނަތީޖާ ބަދަލުވާވަރުގެ ގޯސްތަކެއްނެތްކަމަށް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ތާއީދުކުރާނެ ކެނޑިޑޭޓެއް ނިންމުމުގައި ބެލީ ގައުމަށް ހަމަޖެހުން ގެނެސް ބަދަލު ހިފުމުގެ ރޫހު އެންމެ ކުޑަވާނީ ކޮންކެނޑިޑޭޓެއްތޯކަމަށް ތަސްމީން ވިދާޅުވިއެވެ. އެބޭފުޅަކީ ރައީސް ނަޝީދުކަމަށާއި 2008 ވަނަ އަހަރުވެސް ވެރިކަން ލިބިވަޑައިގަތުމަށްފަހު ސިޔާސީ ވާދަވެރިންނާއި ކަންތައްކުރެއްވީ ވަރަށް ހިތްތިރިކޮށްކަން ފާހަގަކުރެއްވިއެވެ.

އިދިކޮޅު ކެނޑިޑޭޓަށް އިޝާރާތްކުރައްވަމުން ތަސްމީން ވިދާޅުވީ އެބޭފުޅުންގެ ޒާތީ އަރާރުންވުންތަކުގެ ތެރޭގައި ތިބެން ރައްޔިތުން ބޭނުންނުވާކަމުގައެވެ. އަދި އެބޭފުޅުން އުޅުއްވަނީ އެއްބޭފުޅެއް އަނެއްބޭފުޅެއްގެ މައްޗަށް ކުރި ހޯދަން ސިޔާސީ ރޭވުންތަކެއްގެ ތެރޭގައިކަމަށާއި އެފަދަ ބައެއްގެ އަތްމައްޗަށް ރާއްޖެ ދޫކޮށްލެވެންނެތްކަމަށް ތަސްމީން ވިދާޅުވިއެވެ. ހަމަޖެހުން ނެތް ގައުމެއްގައި ތަރައްޤީ ނާންނާނެކަމަށް ވިދާޅުވިއެވެ.

ސިޔާސީ ވާދަވެރިކަން ހުންނަ މިންވަރަށް ބައްލަވައިލައްވަމުން ތަސްމީން ވިދާޅުވީ ވަރަށް ފަހުން އޭގެ ތެރެއިން ބޭފުޅަކު ރައީސް ނަޝީދު އިންތިޚާބުވިޔަސް ވެރިކަން ހަވާލުނުކުރާނެކަމަށް ބުނެފައިވާކަމަށެވެ. މިއަދު ރައްޔިތުން އެފަދަ ބޯދާ، ނާތަހުޒީބު ވާހަަކައެއް ގަބޫލުނުކުރާނޭކަމަށްވެސް ވިދާޅުވިއެވެ. 2005 ވަނައަހަރު އިސްލާހީ އެޖެންޑާ ހެދިއިރު ރައީސް މައުމޫނުގެ އަރިހުގައި ހުރިކަމަށާއި އޭރު ހީކޮށްގެން ހުރީ ރައީސް މައުމޫނު މަޑުމަޑުން ބާރުތައް ދޫކޮށްލައްވާ ޒުވާން ޖީލަށް ފުރުސަތުދެއްވާނޭކަމުގެ އުންމީދުގައިކަމަށް ތަސްމީން ވިދާޅުވިއެވެ. އެހެންނަމަވެސް 2008 ވަނަ އަހަރު އިންތިޚާބު ބަލިވުމުން މިއަދުވެސް އުޅޭ ގޮތުން އެދުވަހު 30 އަހަރުގެ ވެރިކަން ދަމަހައްޓަން މަސައްކަތްކުރިކަން ހާމަވާކަމަށް ތަސްމީން ވިދާޅުވިއެވެ.